ރާދިކާ ޕްރީވެޑިންގައި ދެއްކި ވާހަކައަކީ ފިލްމެއްގެ ޑައިލޮގްގެ ކޮޕީއެއް؟

އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ހަގު ދަރިފުޅު އަނަންތު އަމްބާނީގެ ވާން އުޅޭ އަންހެނުން ރާދިކާ މާޗެންޓު ދެ މީހުންގެ ޕްރީ-ވެޑިންގް ހަފުލާގެ ސްޓޭޖްމަތީ ދިން ބަސްދީގަތުމަކީ ހޮލީވުޑްގެ މަޝްހޫރު ފިލްމު "ޝެލް ވީ ޑާންސް"ގެ ޑައިލޮގްތަކެއް ކަމަށް ތުހުމަތުކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ނޫސް ޑެއިލީ މެއިލްގައި ބުނެފައިވާ ގޮތުން މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އިންޑިއާގެ ޖާމްނަގަރުގައި ކުރިއަށްދިޔަ ހަފުލާތަކަކީ ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން ހޯދި ހަފުލާތަކަކަށްވީއިރު ގިނަ ބައެއްގެ ސަމާލުކަން ލިބުނީ 1،500 އަށްވުރެ ގިނަ މެހެމާނުންގެ ކުރިމަތީ ރާދިކާ ސްޓޭޖްގައި ދިން ހާއްސަ ބަސްދީގަތުމަށެވެ.

ރާދިކާގެ ވާން އުޅޭ ފިރިމީހާއަށް ހާއްސަކޮށް ހިތުގެ އަޑިން ދިން މި ބަސްދީގަތުމަކީ 2004 ވަނަ އަހަރު ރިލީޒްކުރި މަޝްހޫރު ރޮމޭންޓިކް ޑްރާމާ ފިލްމު "ޝެލް ވީ ޑާންސް"ގެ މަންޒަރެއްގައި އެމެރިކަން ބަތަލާ ސުޒަން ސެރެންޑަން އާ އެކްޓަރު ރިޗަޑް ޖެންކިންސްއާ ދެމެދު ދެކެވުނު ވާހަކައިގެ ޑައިލޮގްތަކުގެ ނަކަލެއް ކަމަށް އޮފިޝަލުން ވަނީ ކަށަވަރުކޮށްދީފައެވެ.

މި ކަމާ ގުޅިގެން ބައެއް މީހުން ބުނެފައިވަނީ އެ ފިލްމަކީ ރާދިކާއަށް އެންމެ ކަމުދާ ފިލްމުކަމަށްވުމީ ވެސް އެކަށީގެންވާ ކަމެއް ކަމަށާއި ހަޔާތުގެ އެންމެ އުފާވެރި ވަގުތުކޮޅު އެންމެ ކަމުދާ ފިލްމުގެ ޑައިލޮގެއް ބޭނުން ކުރުމަކީ މައްސަލައެއް ނޫންކަމަށެވެ.

މަޝްހޫރު ރޮމޭންޓިކް ޑްރާމާ ފިލްމު "ޝެލް ވީ ޑާންސް"ގެ މަންޒަރެއް-- ފޮޓޯ/ ފޭސްބުކް
ޖުމްލަ ސަތޭކަ މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ހޭދައެއްކުރި ޕްރީ-ވެޑިންގް ހަފުލާއަށް އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިންނާ ފިލްމީ ތަރިންގެ އިތުރުން ބޭރު ދުނިޔޭގެ ނުފޫޒުގަދަ ގިނަ ބަޔަކަށް ވަނީ ދައުވަތު ދީފައެވެ. އޭގެ ތެރޭގައި މަޝްހޫރު ބިލިއަނަރު ބިލް ގޭޓްސް، މާކް ޒުކަބާގް އަދި އިވަންކާ ޓްރަމްޕް ހިމެނެއެވެ.

މި ހަފުލާގައި ޕާފޯމް ކުރުމަށް ހާއްސަ މެހެމާނެއްގެ ގޮތުގައި ބާބޭޑޯސްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާ ވަނީ ގެނެސްފައެވެ. ރިޕޯޓުތައް ބުނާގޮތުން ރިއާނާ މި ހަފުލާގައި ޕާފޯމް ކޮށްފައިވަނީ 20 މިލިއަން ޑޮލަރު ދީގެންނެވެ. ދުނިޔޭގެ ނުވަވަނައަށް އެންމެ މުއްސަނދި މަހުޖަނު މުކޭޝް އަމްބާނީގެ ހަގު ދަރިފުޅު އަނަންތާއި ރާދިކާގެ ކައިވެނީގެ ރަސްމިއްޔާތު އޮންނާނީ މި އަހަރުގެ ޖުލައި މަހުގެ ހަތްވަނަ ދުވަހުއެވެ.

comment ކޮމެންޓް