ކުކުޅު ބިސް ރާއްކާކުރުމުގައި ސަމާލުވާންވީ ކަންކަން އެމްއެފްޑީއޭއިން ހަނދާންކޮށްދީފި

ބިސް ތަކެއް މީހެއްގެ އަތްމަތީގައި---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މި ރަމަޟާން މަހު އެންމެ އާންމުކޮށް ބޭނުންކުރާ އެއް ބާވަތްކަމަށްވާ ކުކުޅު ބިސް ގަނެ ރައްކާކުރުމުގައި އަމަލުކުރަންވީ މިންގަނޑުތައް މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ހަނދާންކޮށްދީފިއެވެ.

އެމްއެފްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުކުޅު ބިސް ވިއްކުމާއި ގެންގުޅުމާއި ރައްކާކުރުމުގައި އަމަލުކުރާ ގޮތުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަން ގެއްލުމުގެ ފުރުސަތު ބޮޑުވާ ކަމަށެވެ.

އެއާއެކު އެ އޮތޯރިޓީން ވަނީ ކުކުޅު ބިސް ގަންނައިރު ސަމާލުވާންވީ ކަންކަން ކިޔައިދީފައެވެ. އެ ކަންކަމަކީ:

  • ބިހުގެ ބޭރު ތޮށި ހަޑިވެ ނުވަތަ ނަތިޖިސްވެފައި ހުންނަ ބިސް ނުގަތުން
  • ފިނިކޮށް، އައިސްއަލަމާރީގައި ބަހައްޓައިފައި ހުންނަ ބިސް ގަތުމަށް އިސްކަންދިނުން
  • މުއްދަތު ހަމަވެފައި ހުންނަ ބިސް ނުގަތުން
  • ތޮށިގަނޑު ރެނދުލައިފައި ހުންނަ ބިސް ނުގަތުން
  • ބިސް ދޮވެގެން ބޭނުން ނުކުރުން. އެއީ ދޮވެގެން ބޭނުންކުރުމުން ބިހުގެ ތެރެއަށް ކެމިކަލާއި ޖަރާސާމު ވަދެދާނެތީ
  • އެހެން ކާބޯތަކެތި ތަޣައްޔަރު ނުވާނެހެން، އައިސް އަލަމާރީީގައި ބިސް ބެހެއްޓުން
  • ރޯ ނުފިލައި ހުންނަ ބިސް ބޭނުންކޮށްގެން ތައްޔާރުކުރާ ކާބޯތަކެތި ބަހައްޓަންޖެހޭ ފިނިހޫނު މިނުގައި ބެހެއްޓުން. އެ ފަދަ ތަކެތި ދެގަޑިއިރަށް ވުރެ ގިނައިރު އައިސްއަލަމާރިން ބޭރުގައި ނުބެހެއްޓުން.

ބިހަކީ ކޮންމެ ގޭބީސީއެއްގައި ވެސް ކާބޯތަކެތި ތައްޔާރުކުރުމަށް ރަމަޟާން މަހު ގިނައިން ބޭނުންކުރާ އެއްޗެކެވެ. ބިސް ކޭސްކޭސް ގޭގޭގައި އެތެރެކޮށްފައި ހުންނައިރު، އެ ރައްކާކުރުމުގައި ސަމާލުވުން މުހިންމެވެ.

ކާބޯތަކެތި ތައްޔާރުކުރުމުގައި ރައްކާތެރި ނޫން ތަކެތި ބޭނުންކުރުމުން މީގެ ކުރިން ވެސް ކާބޯތަކެތި ވިހަވުމުގެ ބައެއް ކޭސްތައް ފެންމަތިވެފައި އެބަހުއްޓެވެ.

comment ކޮމެންޓް