އެކިރަހަ: ލޯކަލް ޓައިމްގެ ކްރީމީ މަޝްރޫމް ޗިކަން

އެ ރެސްޓޯރަންޓުގެ ކްރީމީ މަޝްރޫމް ޗިކަން ---

އެސްއެސްޓީވީން ރޯދަމަހަށް ޚާއްސަކޮށް ގެނެސްދޭ އެކިރަހަ ޕްރޮގްރާމްގައި މިއަދު ކިޔައިދޭނީ ލޯކަލް ޓައިމް ރެސްޓޯރަންޓުގެ ކްރީމީ މަޝްރޫމް ޗިކަން ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

  • ޗިކަން ބްރެސްޓު
  • ލޮނު
  • ލުނބޯ
  • އަސޭމިރުސް
  • ލެޓިއުސް
  • މޭޝް ޕޮޓޭޓޯ
  • ކިރު
  • ބަޓާ
  • ޗެރީ ޓޮމާޓޯ
  • މަޝްރޫމް ސޯސް
  • ބަލްސަމިކް ވިނަގަރޭޓް
  • ރޯސްޓްކޮށްފައި ހުރި ކެރެޓު
  • ތެޔޮ

ތައްޔާރު ކުރާނެ ގޮތް:

މަޝްރޫމް ޗިކަން ތައްޔާރުކުރުމަށް އެންމެ ފުރަތަމަ ކުކުޅުކޮޅު މެރިނޭޓް ކުރާނީއެވެ. އެގޮތުން ކުކުޅު މެރިނޭޓް ކުރުމަށް ރަހަލާ ވަރަށް ލޮނު ކޮޅަކާއި އަސޭމިރުސްކޮޅެއް އެޅުމަށްފަހު ލުނބޯ ކޮޅެއް ފިތާލާނީއެވެ.

މެރިނޭޓްކުރުމަށް ފަހު ތެޔޮ ކޮޅެއް އެޅުމަށްފަހު، ހޫނުވުމުން ޗިކަން ބްރެސްޓު ލުމަށްފަހު މަޑު މުށި ކުލައެއް އަރަން ދެން ފިހެލާނީއެވެ. އެއަށްފަހު އުނދުނުން ނެގުމަށްފަހު ކުޑަކޮށް ކޮށާލުމަށް ފަހު އަނެއްކާވެސް އުނދުން މަތީ ފިހެލާނީއެވެ.

ދެން ކުކުޅުކޮޅު ފިހެލުމަށްފަހު ރޯސްޓެޑް ކެރެޓުކޮޅު އަލުން ހޫނު ކޮށްލުމަށްފަހު މޭޝް ޕޮޓޭޓޯ ކޮޅާއި ކިރު ކޮޅު އެއްކޮށްލާނީއެވެ. މިކަން ކޮށްލާނީ ވަކި ތެއްޔެއްގައެވެ.

އޭގެފަހުން ބަޓާކޮޅު އަޅާލާނީއެވެ. ބަޓާކޮޅު އަޅާނީ އުނދުން ނިއްވާލުމަށްފަހުގައެވެ. ބޭނުންނަމަ މޭޝް ޕޮޓޭޓޯއަށް އަސޭމިރުސް ކޮޅެއް އަޅާލެވިދާނެއެވެ.

ކްރީމީ މަޝްރޫމް ޗިކަން ތައްޔާރުކުރުމަށް، މަޝްރޫމް ސޯސްކޮޅު ކުޑަކޮށް އޮލަކޮށްލާނީއެވެ.

އެއަށްފަހު ސެލެޑް ތައްޔާރުކުރުމަށް ލެޓިއުސް ކޮޅާއި ޗެރީ ޓޮމާޓޯ އަދި ބަލްސަމިކް ވިނަގަރޭޓް ސޯސްކޮޅު އަޅާލުމަށް ފަހު އެއްކޮށްލާނިއެވެ.

މިހާރު ހުންނާނީ ކްރީމީ މަޝްރޫމް ޗިކަންއަށް ބޭނުންވާ ސެލެޑުކޮޅާއި ކުކުޅުގެ އިތުރުން މަޝްރޫމް ސޯސް ކެއުމަށް ތައްޔާރުވެފައެވެ.

މި ޑިޝްގައި ހަށިގަނޑަށް ފައިދާ ހުރި ތަރުކާރީ ބޭނުންކުރާތީ، ޑައިޓެއްގައި އުޅޭ ފަރާތްތަކަށް މި ޑިޝް ވަރަށް ރަނގަޅު ވާނެއެވެ. އެހެންކަމުން އެންމެންވެސް މި ޑިޝް ތައްޔާރުކޮށް އަޖުމަ ބަލައިލަންވާނެއެވެ.

comment ކޮމެންޓް