ކޮންސްޓްރަކްޝަން މިނިސްޓްރީ ދެ ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފި

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު: އެ މިނިސްޓްރީ ވަނީ ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފަ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ، ދެ ލައްކަ ރުފިޔާއިން އިއްޔެ ޖޫރިމަނާ ކޮށްފިއެވެ.

އީޕީއޭއިން ކޮންސްޓްރަކްޝަން މިނިސްޓްރީ ޖޫރިމަނާކުރީ ތިމާވެށީގެ ގޮތުން ނިންމި ގޮތުގެ ލިޔުން ހޯދުމަކާ ނުލައި ޅ. ހިންނަވަރުގައި މަގުހެދުމުގެ މަޝްރޫއު ކުރިޔަށް ގެންދިއުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އީޕީއޭއިން ނެރުނު ނޫސް ބަޔާނުގައި ބުނީ، ހިންނަވަރުގެ މަގުހެދުމާއި ފެންހިންދާ ނިޒާމް ގާއިމު ކުރުމުގެ ގޮތުން އީޕީއޭއިން ފާސްކޮށްފައިވާ ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް (އީއައިއޭ)ގައިވާ ކޮންސެޕްޓުގައި ހިމެނިފައިނުވާ މަގުތަކުގައި މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ބަލައި، އެއްކުރި މައުލޫމާތުންނާއި، އެ އެޖެންސީގެ އިތުރުން ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެ މަސައްކަތް ހަވާލުކުރި ކޮންޓްރެކްޓަރު، ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ދެމެދު ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކުން ހިންނަވަރުގައި މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތް ކޮށްފައިވަނީ އީއައިއޭއާ ޚިލާފަށްކަން ޔަގީން ކުރެވިފައިވާ ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.

އީޕީއޭގެ ބަޔާނުގައި ވަނީ އީއައިއޭގެ ކޮންސެޕްޓުގައި ހިމެނިފައިނުވާ މަގުތަކުގައި މަސައްކަތް ކުރުމާ ގުޅިގެން، އެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކުރި ފަރާތްކަމުގައިވާ ކޮންސްޓްރަކްޝަން މިނިސްޓްރީ، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގެ 20ވަނަ މާއްދާގެ (ހ)ގެ ދަށުން 200،000އިން ރުފިޔާއިން ޖޫރިމަނާކޮށް، 30 ދުވަހުގެ ތެރޭގައި އެ ފައިސާ އެ އެޖެންސީއަށް ދެއްކުމަށް އަންގާފައިވާ ކަމަށެވެ.

ތިމާވެއްޓަށް އެ ކަމުން އަސަރުކޮށްފާނެ ފަދަ މަސައްކަތްތައް ކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އީއައިއޭ ރިޕޯޓު ފުރިހަަމަނުކޮށް މަސައްކަތްކުރުމުގެ މައްސަލަތައް މީގެ ކުރިން ވެސް ވަނީ ފެންމަތިވެފައެވެ.

comment ކޮމެންޓް