21 އަހަރު ފަހުން ހަބީބު ގެއަށް، އީސީގެ ނައިބަކަށް ނަޝާތު

އީސީގެ މެންބަރު ކަމުގެ ދައުރު ހަމަވި ހަބީބާއި އެ ކޮމިޝަންގެ އާ ނައިބު ރައީސް ނަޝާތު -- ފޮޓޯ/ ހަބީބު ޓްވިޓާ

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއީލް ހަބީބުގެ ދައުރު ހަމަވުމާ ގުޅިގެން އެ ކޮމިޝަންގެ ނައިބު ރައީސަކަށް ޢަލީ ނަޝާތު މިއަދު ހޮއްވަވައިފިއެވެ.

ހަބީބު އީސީގެ ވަޒީފާއާ ގުޅިވަޑައިގަތީ މީގެ 21 އަހަރު ކުރިން އިދާރީ މުވައްޒަފެއްގެ ގޮތުގައެވެ. ފަހުން އެ ކޮމިޝަންގެ މެންބަރަކަށް ވަޑައިގެން ދެ ދައުރު ފުރިހަމަ ކުރެއްވީއެވެ.

އީސީގެ ގަވާއިދު ބުނާގޮތުން ދެ ދައުރަށް ވުރެ އިތުރަށް އެ ކޮމިޝަންގެ މެންބަރު ކަމުގައި ނުހުންނެވޭނެއެވެ. އެހެންކަމުން މިއަދު ދައުރު ހަމަވުމާ އެކު ހަބީބު ޖެހިވަޑައިގަތީ އެ ކޮމިޝަންގެ ވަޒީފާއިން ވަކިވެވަޑައިގަންނަވާށެވެ.

އެއާއެކު އީސީގެ އާ ނައިބު ރައީސަކަށް ނަޝާތު މިއަދު ވަނީ ހަމަޖައްސަވައިފައެވެ.

އާ ނައިބު ރައީސަށް މަރުހަބާ ދަންނަވައި ހަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝާތަކީ އިންތިޚާބުތައް ޒަމާނީ ފެންވަރަށް ގެންގޮސް ޑިޖިޓަލައިޒް ނިޒާމަކަށް އީސީގެ ޚިދުމަތްތައް ބަދަލުކޮށް ސިޔާސީ ޕާޓީ ތަކަށާއި ކެންޑިޑޭޓުންނާއި، އިލެކްޝަންސް ކޮމިޝަނުން ޚިދުމަތް ހޯއްދަވާ ހުރިހާ ފަރާތްތަކަށް ފަސޭހަކަމާ އެކު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ފަންނުވެރިކަމާއި ގާބިލުކަންހުރި ބޭފުޅެއް ކަމަށެވެ.

ހަބީބަކީ އިންތިޚާބުތައް ބޭއްވުމުގެ ކަންކަން އިންތިޒާމު ހަމަޖެއްސުމުގައި ވަރަށް ގާބިލު ބޭފުޅެކެވެ. މީހުން ވޯޓުގެ ކަންކަމަށް ހޭލުންތެރި ކުރުވުމަށާއި އީސީގެ ފަރާތުން މައުލޫމާތު ހާމަ ކުރުމުގައި އިސްކޮށް އެތައް އަހަރުތަކެއް ވަންދެން ހަބީބު ވަނީ މަސައްކަތް ކުރައްވައިފައެވެ.

ހަބީބުގެ ދައުރު ހަމަވެފައިވާއިރު އީސީގެ ރައީސް ފުއާދު ތައުފީގުގެ މެންބަރުކަމުގެ ދެ ދައުރުގެ މުއްދަތު ވެސް މި އަހަރުގެ ނޮވެމްބަރު މަހުގައި ހަމަވާނެއެވެ.

comment ކޮމެންޓް