ޕާކިސްތާނުގެ ރައީސް އާސިފް ޒަރުދާރީގެ ދަރިކަނބަލުން، އަސީފާ އެ ގައުމުގެ ފަސްޓް ލޭޑީއަކަށް އައްޔަންކުރުމަށް ނިންމައިފައިވާ ކަމަށް މިޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
މިއީ ގައުމެއްގެ ވެރިއެއްގެ ދަރިކަނބަލުން ފަސްޓް ލޭޑީއަށް އައްޔަންކުރާ ފުރަތަމަ ފަހަރެވެ.
ފަސްޓް ލޭޑީގެ ހައިސިއްޔަތު އާންމު ގޮތެއްގައި ދެނީ ގައުމުތަކުގެ ރައީސުންގެ އަނބިކަނބަލުންނަށެވެ. ނަމަވެސް ޒަރުދާރީގެ އަނބިކަނބަލުން ބޭނަޒީރު ބުއްޓޫ 2007 ވަނަ އަހަރު އަވަހާރަކޮށްލާ ފައިވާއިރު، އޭގެފަހުން ޒަރުދާރީ އެއްވެސް ކައިވެންޏެއް ބައްލަވައިގަނެފައެއްނުވެއެވެ.
އުމުރުން 68 އަހަރުގެ ޒަރުދާރީ ޕާކިސްތާނުގެ 14 ވަނަ ރައީސްކަމުގެ ހުވާ ކުރެއްވީ މިދިޔަ އާދީއްތަ ދުވަހުއެވެ. އިސްލާމްއާބާދުގައި ހުންނަ ރައީސްގެ ގެކޮޅުގައި ބޭއްވި ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ޒަރުދާރީގެ އަރިހުގައި އޭނާގެ އެންމެ ހަގު ދަރިކަނބަލުން އަސީފާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޕާކިސްތާނުގެ ފަސްޓް ލޭޑީއަކަށް އަސީފާ އައްޔަންކުރުމަށް ޒަރުދާރީ ނިންމައިވައިފާ ކަމަށް މިޑިއާތަކުން ރިޕޯޓުކޮށްފައިވާއިރު، އެކަން ބޮޑަށް ކަށަވަރުވެފައިވަނީ ޒަރުދާރީގެ ދޮށީ ދަރިކަނބަލުން ބަހްވާރު ބުއްޓޫ ޒަރުދާރީ ކޮށްފައިވާ ޓުވީޓަކުންނެވެ.
"ރައީސް އާސިފް ޒަރުދާރީއާ އެކު އޭނާގެ ހުރިހާ ކޯޓު އަޑުއެހުމަކަށް ދިއުމުން ފެށިގެން ޖަލުން ދޫކޮށްލުމާ ހަމައަށް ސާބިތުކަމާ އެކު ހުރުމަށްފަހު، މިހާރު ހުރީ ފަސްޓް ލޭޑީގެ ގޮތުގައި ރައީސްގެ އަރިހުގައި،" ބަހްވާރު ކުރި ޓުވީޓުގައި ބުނެފައިވެއެވެ.
ފަސްޓް ލޭޑީއެއްގެ ގޮތުގައި އަސީފާ އައްޔަން ކުރައްވަން ނިންމެވި ނިންމެވުމަކީ ޕާކިސްތާނުގެ ސިޔާސީ ތާރީހުގައި ވެސް ރައީސަކު އަޅުއްވައިފައިވާ މުހިންމު ފިޔަވަޅެކެވެ.
ފެބްރުއަރީ އަށްވަނަ ދުވަހުގެ އިންތިޚާބާ ދިމާކޮށް ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ)އިން ބޭއްވި އިންތިޚާބީ ކެމްޕޭންތަކުގައި އަސީފާ ވަނީ ވަރަށް ބޮޑަށް ބައިވެރިވެވަޑައިގެންފައެވެ.
ގައުމުތަކުގެ ރައީސުން މީގެކުރިން ވެސް ވަނީ އަންހެން ދަރިންނާއި، ކޮއްކޮއިން އަދި ބޮޑު ބޭބޭ ކިޔާ ކުދިންނަށްވެސް ފަސްޓް ލޭޑީގެ މަގާމު ފުރުއްވުމަށް އެދިފައެވެ. އެގޮތުން އެމެރިކާގެ ކުރީގެ ރައީސް އެންޑްރޫ ޖެކްސަން ވަނީ އަންހެނުން ނިޔާވުމުން އޭނާގެ ކޮއްކޮ އެމިލީ ޑޮނެލްސަން ފަސްޓް ލޭޑީގެ މަގާމު ހުށަހަޅުއްވައިފައެވެ. އެމެރިކާގެ އިތުރު ދެ ރައީސުން ކަމަށްވާ ޗެސްޓާ އާތް އާއި ގްރޯވާ ކްލީވްލެންޑުން ވަނީ އަންހެން ކޮއްކޮއިން ފަސްޓް ލޭޑީގެ މަގާމު އަދާކުރުމަށް އެދިވަޑައިގެންފައެވެ.