މިދިޔަ ބުދަ ދުވަހު ދައްކަންފެށި ޕާކިސްތާނުގެ ބަތަލާ މާހިރާ ޚާންގެ އާ ޑްރާމާ ސީރީޒް "މިއްޓީ ދޭ ބާވޭ"ގެ ފުރަތަމަ އެޕިސޯޑުން، ގިނަ ސުވާލުތަކަކާއި ހައިރާންކަމެއްގެ ތެރެއަށް ބެލުންތެރިން ދޫކޮށްލައިފިއެވެ.
ވާހަކައިގެ އަސްލު މިސްރާބު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހާމަކޮށްދިން މި އެޕިސޯޑާއެކު، ސޯޝަލް މީޑިއާގައި މި ޑްރާމާ ސީރީޒްއަށް ވަނީ ބޮޑު ސަމާލުކަމެއް ލިބިފައެވެ. ބެލުންތެރިންގެ އުއްމީދަކަށްވީ މި ޑްރާމާގެ ލީޑް ތަރިން ކަމަށްވާ މާހިރާ ޚާން އަދި ވަހާޖް އަލީގެ މަޑުމައިތިރި ލޯބީގެ ވާހަކައެއް ފެނިގެންދިއުމެވެ. ނަމަވެސް، ޑްރާމާ ފެށިގެން ދިޔައީ ޖަލުގެ އަނދިރި މަންޒަރުތަކާއި، ބަދަލުހިފުމުގެ ރޫޙަކާއި، ސަހަރާއެއްގެ ތެރޭގައި ހިންގި ނުރައްކާތެރި ޙަމަލާއަކުންނެވެ. އަދި ވާހަކަ މާޒީގެ ސަފުހާތަކަށް އެނބުރުމުން، މިއީ ފުން އަދި ކުޅަދާނަ ރޭވުންތަކެއްގެ ފެށުންކަން ހާމަކޮށްދިން ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ޑްރާމާ ސީރީޒް "މިއްޓީ ދޭ ބާވޭ"ގެ ކާސްޓުގައި ހިމެނޭ މުހިއްމު ތަރިން--ފޮޓޯ/އިންސްޓަގްރާމްފުރަތަމަ އެޕިސޯޑުން މައި ކެރެކްޓާ މަރުވި ކަމަށް ދެއްކުމަކީ މުޅި ވާހަކައިގެ ޝައުގުވެރިކަން އެތައް ގުނައަކަށް އުފުލިގެންދިޔަ ކަމެކެވެ. މިއާއެކު، "އެ ދެމީހުންގެ ލޯބި ކާމިޔާބުވާނެ ބާވައޭ" ބުނުމުގެ ބަދަލުގައި، އެކަކު އަނެކަކުގެ ފުރާނައަށް ނުރައްކާވާ ވަރުގެ ބޮޑު ދުޝްމަނުންނަށް އެމީހުން ބަދަލުވީ ކީއްވެގެންތޯ ބެލުންތެރިން މިހާރު ސުވާލު އުފައްދައެވެ.
މި އެޕިސޯޑާއެކު ސޯޝަލް މީޑިއާގައި ބެލުންތެރިންގެ މެދުގައި ބޮޑެތި ބަހުސްތަކެއް އުފެދިފައިވާއިރު، ފިލްމީ ފެންވަރުގެ މޮޅު މަންޒަރުތަކާއި، ސަހަރާގެ ވަރުގަދަ އެކްޝަން އަދި މާހިރާ އާއި ވަހާޖްގެ ފުރިހަމަ އެކްޓިންގްއަށް އެތައް ބައެއްގެ ތައުރީފު އަންނަނީ އޮހެމުންނެވެ.
ފާއިޒާ އިފްތިޚާރުގެ ވާހަކައަކަށް، ސައްޔިދު ވަޖާހަތު ހުސައިން ޑައިރެކްޓްކޮށްފައިވާ މި ޑްރާމާއަކީ ތަހުރީމް ޗައުދަރީ ޕްރޮޑިއުސްކޮށް، "މަލްޓިވާސް އެންޓަޓެއިންމަންޓް"އިން ގެނެސްދޭ އުފެއްދުމެކެވެ. މި ސިލްސިލާގައި މާހިރާ އާއި ވަހާޖްގެ އިތުރުން އަމާރު ޚާން، ހިނާ އަފްރީދީ، ނޫރުލް ހަސަން، ޖުނައިދު ޚާން، ސުހޭލް އަހުމަދު، މުބައްޝިރު މެހްމޫދު، އުޒްމާ ހަސަން އަދި ސާމިޔާ މުމްތާޒް ފަދަ ކުޅަދާނަ ފަންނާނުން ފެނިގެންދާނެއެވެ. މި ޑްރާމާ ސީރީޒްގެ އެޕިސޯޑުތައް ބްރޯޑްކާސްޓްކުރަނީ ކޮންމެ ހަފްތާއެއްގެ ބުދަ އަދި ބުރާސްފަތި ދުވަހުގެރޭ ރާއްޖެ ގަޑިން ރޭގަނޑު 7:30ގައެވެ. މި ސީރީޒްގެ އެޕިސޯޑުތައް ޔޫޓިއުބް މެދުވެރިކޮށް އޮންލައިންކޮށް ބަލައިލެވޭނެއެވެ.