ޕާކިސްތާނުގެ ފެޝަން އައިކަން އެޗްއެސްވައި، ބައްޕައަށް މަޢާފުކުރި އަސަރުން ފުރިގެންވީ ވާހަކަ

ޕާކިސްތާނުގެ މަޝްހޫރު ފެޝަން ޑިޒައިނަރު އަދި އެކްޓަރު ޙަސަން ޝެހެރްޔާރު ޔާސީން--ފޮޓޯ/ފޭސްބުކް

ޕާކިސްތާނުގެ ފެޝަން ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނެސްދީ، "ކިންގް އޮފް ކޯޗުއަ"ގެ ލަޤަބު ހޯދާފައިވާ މަޝްހޫރު ފެޝަން ޑިޒައިނަރު އަދި އެކްޓަރު ޙަސަން ޝެހެރްޔާރު ޔާސީން (އެޗްއެސްވައި) އަކީ އޭނާގެ ފަންނީ ހުނަރާއި މުޢާމަލާތުކުރުމުގެ މާތް އަޚުލާޤުގެ ސަބަބުން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ޝަހުސިއްޔަތެކެވެ.

ފަހަކަށް އައިސް އެކްޓިންގްގެ ދާއިރާއިންވެސް ބޮޑު މަޤުބޫލުކަމެއް ހޯދަމުން އަންނަ އެޗްއެސްވައި ވަނީ، "އެފްވައި" ޕޮޑްކާސްޓްގައި އޭނާގެ ޙަޔާތުން ވަކިވެފައިވާ ބައްޕައާ ގުޅޭ އަސަރުން ފުރިގެންވާ ވާހަކަތަކެއް ހިއްސާކޮށްފައެވެ.

ޙަސަން އުފަންވީ ޕާކިސްތާނުގެ ސިޔާސީ ދާއިރާގައި ފާހަގަކޮށްލެވޭ 'އަރައިން' އާއިލާއަކަށެވެ. އޭނާގެ ބައްޕަ މިއާން ޙާމިދު ޔާސީން އަކީ ޒުލްފިޤާރު ޢަލީ ބުއްޓޫގެ ސަރުކާރުގެ 'ޗީފް ވިޕް'ކަން ކުރެއްވި ބޭފުޅެކެވެ. ނަމަވެސް، ކުދިންނަށް ފާގަތި އަދި އަމާން ދިރިއުޅުމެއް ހޯދައިދިނުމުގެ މަޤްޞަދުގައި، އެޗްއެސްވައި ވަރަށް ކުޑައިރު އޭނާގެ މަންމަ ވަނީ ކައިވެނި ރޫޅާލުމަށްފަހު ދެ ކުދިން ގޮވައިގެން އެމެރިކާއަށް ބަދަލުވެފައެވެ. އެޗްއެސްވައި އާއި އޭނާގެ ދައްތަ ބޮޑުވީ އެމެރިކާގައި، އެކަނިވެރި މަންމައެއްގެ ލޯތްބާއި ޚާއްޞަ އަޅާލުމުގެ ދަށުންނެވެ.

އެޗްއެސްވައިގެ ދެބެއިން މަންމައާ އެކު--ފޮޓޯ/ފޭސްބުކް

ކުޑައިރު ބައްޕަ އެމީހުން ދޫކޮށް ދިޔަ ނަމަވެސް، މަންމަ ދުވަހަކުވެސް ބައްޕައާމެދު އެކުދިންގެ ހިތުގައި ނަފުރަތެއް ނުވަތަ ނުބައި ތަޞައްވުރެއް އުފެދޭނެ ފަދަ ވާހަކައެއް ދައްކާފައިނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އޭގެ އެތައް އަހަރެއް ފަހުން، އެޗްއެސްވައިގެ ޢުމުރުން 35 އަހަރުގައި ބައްޕައާ އަލުން ގުޅުން ބަދަހިކުރުމަށް ހިތްވަރުދީ، މަގުފަހިކޮށްދިނީވެސް ހަމަ އެ މަންމަ ކަމަށް އޭނާ ބުނެފައިވެއެވެ.

އެޗްއެސްވައިގެ ތަޢުލީމީ ޙަޔާތަށާއި، ކެރިއަރު ބިނާކުރުމަށް އަދި ދައްތަގެ ކައިވެނީގެ ކަންކަމުގައިވެސް ބައްޕަގެ އެއްވެސް އެހީތެރިކަމެއް ނުލިބޭ ކަމަށާއި ނަމަވެސް، އަހަރުތަކަކަށްފަހު ބައްޕައަށް ސްޓްރޯކެއް ޖެހި، މާލީ ގޮތުންނާއި ޖިސްމާނީ ގޮތުން ނިކަމެތިވި ދަނޑިވަޅުގައި ބައްޕަ ގުޅުމުން، މަންމަ އެދުނީ ބައްޕައަށް އެހީތެރިވެ އަޅާލުމަށް ކަމަށް އެޗްއެސްވައި ކިޔައިދީފައިވެއެވެ.

އެޗްއެސްވައި އޭނާގެ ދައްތަ އަފްޝަން އަދި ބައްޕަ މިއާން ހާމިދު ޔާސިންއާ އެކު--ފޮޓޯ/ފޭސްބުކް

މަންމަގެ މި މަތިވެރި ނަސޭހަތުގައި ހިފައި، ބައްޕަ ނިޔާވުމާ ހަމައަށް ވޭތުވި 15 އަހަރު ދުވަހު އެޗްއެސްވައި ވަނީ ނުހަނު އޯގާތެރިކަމާއެކު ބައްޕައަށް ޚިދުމަތްކޮށްދީފައެވެ. އަދި ވޭތުވެދިޔަ ދުވަސްތަކުގައި ހިތާމަތަކާއި އުނދަގޫތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ބައްޕަ ވަކިވެދިއުމުން ހިތުގެ އަޑިން މާފުކޮށް، ދުވަހަކުވެސް ބައްޕައަށް ހުތުރު ބަހެއް ރައްދުނުކުރާކަން އޭނާ ހާމަކުރިއެވެ.

މި އަސަރުގަދަ ވާހަކަ އާންމުވުމާއެކު، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އެޗްއެސްވައިގެ ހިތްތިރިކަމަށާއި ދީލަތި އަޚުލާޤަށް ތައުރީފު އޮއްސަމުންނެވެ. އޭގެ ތެރޭގައި މަޝްހޫރު އެކްޓަރު އިމްރާން އައްބާސް ހިމެނޭހެން ގިނަ ފަރާތްތަކަކުން އޭނާއަށް ތާއީދުކޮށް މެސެޖުތައް ފޮނުވާފައިވެއެވެ. އާންމުންގެ މީހަކު ފާހަގަކުރި ގޮތުގައި މިފަދަ ފުރިހަމަ މިސާލެއް ފެންނާނީ އެކަނިވެރި މަންމައެއްގެ ހަރުދަނާ ތަރުބިއްޔަތުންނެވެ. އަދި އެހެން ފަރާތަކުން ވަނީ އެޗްއެސްވައިގެ ފަރާތުން އަބަދުވެސް ފެންނަނީ އެކުވެރި، އޯގާތެރި މިޒާޖެއްކަން ފާހަގަކޮށްފައެވެ.

comment ކޮމެންޓް