މެންބަރު އިސްމާއިލް އަހުމަދު 850،000 ރުފިޔާގެ ދަރަންޏެއް ދައްކަން ހުކުމްކޮށްފި

ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދު: އޭނާގެ މައްޗަށް ވަނީ ދަރަންޏެއް ދައްކަން ހުކުމްކޮށްފައި -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދު (އިއްސޭ) ދައްކަންޖެހޭ 856،830.19 ރުފިޔާގެ ދަރަންޏެއް ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މިއީ ކޮންޓްރެކްޓު މަސައްކަތެއް ހިންގަން މެންބަރު އިއްސޭ ނިސްބަތްވާ ރ. ކަނދޮޅުދޫ މީހަކާ އެކު ހެދި އެއްބަސްވުމަކާ އެއްގޮތަށް ފައިސާ ދައްކާފައިނުވާ ކަމަށް ބުނެ، ހުށަހެޅި މައްސަލައެއްގައި މިދިޔަ މަހު ސިވިލް ކޯޓުން ކުރި ހުކުމެކެވެ.

އެގޮތުން، 2018 ވަނަ އަހަރު މެންބަރު އިއްސޭއާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ތ. ކަނޑޫދޫ ސްކޫލުގެ ތިން ކްލާސްރޫމު އިމާރާތްކުރުމަށް ސަބްކޮންޓްރެކްޓަރުގެ ގޮތުގައި ވަނީ ދައުވާ ހުށަހެޅި މީހާއާ ހަވާލުކޮށްފައެވެ. އެ މީހާ އެ މަސައްކަތްކޮށްފައިވަނީ އަމިއްލަ ތަކެތީގައެވެ. އެއީ، ޖުމުލަ 1،281،830.19 ރުފިޔާއަށް ހަވާލުކުރި މަސައްކަތެކެވެ.

ދައުވާގައި ބުނެފައިވާގޮތުން މަސައްކަތްކުރި މީހާއަށް 425،000 ރުފިޔާ ދިނުމަށް ފަހު ބާކީ ފައިސާ ދީފައެއް ނުވެއެވެ.

އެހެންވެ، އެ މަސައްކަތްކުރުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާކަން ސާބިތުވާ ކަމަށް ކަނޑައަޅައި މިދިޔަ ފެބްރުއަރީ 29 ގައި ކުރި ހުކުމުގައި ވަނީ އެ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި 856،830.19 ރުފިޔާގެ ދަރަނި ސިވިލް ކޯޓަށް ދައްކައި ހަލާސްކުރަން އަންގައިފައެވެ.

މި މައްސަލައިގައި ދައުވާއިން ދިފާއުވާން ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި މެންބަރު އިއްސޭ ހުށަހަޅާފައިނުވާތީ މައްސަލައިގެ ހުކުމްކޮށްފައިވަނީ ޣައިރު ހާޒިރުގައެވެ.

comment ކޮމެންޓް