''ހީބިހި'': ލޯބީގެ ތެރެއިން ބިރުވެރި ސިއްރުތަކެއް

"ހީބިހި" މި ސީރީޒްގައި ދައްކުވައިދެނީ ޒަވާޖީ ހަޔާތެއް އަލަށް ފަށާ ލޯބިން އުޅޭ ޒުވާން ދެމަފިރިންނަށް ދިމާވާ ބިރުވެރި ކަންތައްތަކެކެެވެ. މި ކަންތައްގަނޑުގެ ތެރެއިން ދެ މީހުންގެ ގުޅުން އޮޅުންބޮޅުންގަނޑެއް ތެރެއަށް ވެއްޓި، ކަންތައްތަކެއް މަޑުމަޑުން ނިއުޅެން ފަށައެވެ.

މިއީ އެސްއެސްޓީވީގެ ފުރަތަމަ އޮރިޖިނަލް ސީރީޒެވެ. މި ސީރީޒް ރަމަޟާން މަހުގެ ކޮންމެ ބުދަ ދުވަހެއްގެ ރޭ 11:30 ގައި އެސްއެސް ޓީވީން ދައްކާނެެއެވެ.

މި ސީރީޒްގެ ލީޑު ރޯލު ކުޅެނީ މިހާރު ރައްޖޭގައި ހުރި އެންމެ ފުންނާބު އުސް ތަރިން ކަމަށްވާ ވާޝިއާ މުހައްމަދުއާއި މޫސާ ރަޝީދެވެ. އަދި، ފިލްމުގެ ރޯލުތަކުން މާހިލް އާތިފް، ލައިޝާ ލަތީފް ފަދަ އާ ތަރިން ފިލްމީ ދާއިރާއަށް ތައާރަފުވެގެން ދާނެއެވެ.

"ހީބިހި" ސީރީޒްގެ އެންމެ ތަފާތު ކަމަކީ މި ފިލްމުގެ ބިރުވެރި ސީންތަކަށް އިފެކްޓްސް ލާފައިނުވުމެވެ. އެހެންކަމުން ސީރީޒްގައި ދައްކުވައިދޭ ހުރިހާ ބިރުވެރި ކަންކަމަކީ ވެސް އެކްޓަރުންގެ ހުނަރާއި އަޑު ބޭނުންކޮށްގެން ކުޅެފައިވާ ރޯލްތަކެކެވެ.

އެހެން ބިރުވެރި ސީރީޒްތަކާ ހިލާފަށް މި ސީރީޒްގެ ބައެއް ސީންތަކުގައި ހަގީގީ ހާދިސާތައް އެކުލެވޭނެއެވެ. ފިލްމު ބަލާއިރު ބެލުންތެރިންނަށް ފެންނާނީ މިފަދަ ބިރުވެރި ކަންކަން ތަޖުރިބާކޮށްފައިވާ މީހުންނަށް ދިމާވެފައިވާ ހަގީގީ ކަންކަމުގެ މައްޗަށް ކުޅެފައިވާ މަންޒަރުތަކެވެ.

މި ސީރީޒް ދައްކަން ފަށަން ތައްޔާރުވެފައިވާއިރު، އެސްއެސް ޓީވީން މިހާރު ވަނީ ސީރީޒްގެ ޓްރެއިލާއެއް ދޫކޮށްލައިފައެވެ. އަދި، އެސްއެސް ޓީވީން ދަނީ ޕޯސްޓަރުތައް ވެސް ބެލުންތެރިނަށް ދޫކުރަމުންނެވެ.

ފިލްމުގެ ސްޓޯރީ އަދި ސްކްރީން ޕްލޭ ތައްޔާރުކުރީ ފަތިމަތު ސާރާއެވެ. މުޅި ސީރީޒް ޑިރެކްޓް ކުރަނީ އިސްމާއީލް މުނައްވަރެވެ. އަދި ސިނެމޮޓޯގްރަފީ ތައްޔާރު ކުރީ މުނައްވަރާއި މާހިލެވެ.

އެސްއެސްޓީވީ މިހާރު މީޑިއާނެޓުގެ ޗެނަލް ނަންބަރު 122 އިން ފެންނާނެއެވެ.

comment ކޮމެންޓް