މާލެ ގޮނޑުވުމުގެ މައްސަލަ ބޮޑުވެ، ވެމްކޯއިން ކުނި ހިލޭ ބަލައިގަންނަނީ

މާލޭ މަގުމައްޗަށް ކުނި އަޅާފައި --

މާލެ ގޮނޑުވުމުގެ މައްސަލަ ބޮޑުވެ، ވެމްކޯއިން ހިލޭ ކުނި ބަލައިގަންނަން ނިންމައިިފިއެވެ.

ރޯދައަށް ގޭތެރެ ސާފުކުރުމުން އުފެދޭ ބޮޑެތި ކުނިތައް އެތައް ބަޔަކު ވަނީ ގޭ ދޮރުމައްޗާއި ދުވާރުމައްޗަށް އަޅައިފައެވެ. މިކަމުގެ ސަބަބުން ހިނގާ މީހުންނަށް ދުވާރު ވެސް ބޭނުން ނުކުރެވި، މުޅި މާލެ ވަނީ ގޮނޑުވެފައެވެ.

މިކަމާ ގުޅިގެން މާލޭސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ކުނި އުކާލުމަށް ހުރި ކަންބޮޑުވުންތަކާ ގުޅިގެން މިއަދުގެ 06:00އިން އަންނަ ބުދަ ދުވަހުގެ 23:59ގެ ނިޔަލަށް ހިލޭ ކުނި އުކައިދޭން ނިންމާފައި ވާކަމަށެވެ.

މި މުއްދަތުގައި އާންމު ރައްޔިތުންގެ ކުނި ގެންނަ ވެހިކަލްތަކުން ނަގާ އެންޓްރީ ފީ އަދި ޑިސްޕޯސަލް ޗާޖު ވެސް ދައްކަން ނުޖެހޭނެ ކަމަށް ސިޓީ ކައުންސިލުގެ ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވާގޮތުން، މި މުއްދަތުގައި ވެސް ޓްރާންސްފާ ސްޓޭޝަންއަށް ވިޔަފާރިތަކުން ކުނި އުކާނީ މިހާރެކޭ އެއްގޮތަށް ކިލޯގެ ބަރުދަނަށް ބަލައި، ކިލޯއަކަށް 75 ލާރީގެ މަގުން ފީ ދެއްކުމަށް ފަހުއެވެ. އަދި ސަރުކާރު މުއައްސަސާތަކުންނާއި ވިޔަފާރި އުސޫލުން ގަވާއިދުން ކުނި ނެގުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން މިހާރެކޭ އެއްގޮތަށް ކިލޯއަކަށް 2.66 ރުފިޔާ ދައްކަން ޖެހޭނެއެވެ. މި ވެހިކަލްތަކުގެ ފީގެ ގޮތުގައި ވަންނަ ކޮންމެ ފަޖަރަކު 150 ރުފިޔާ ނަގާނެއެވެ.

ވެމްކޯއިން ހިލޭ އުކައިދޭ ކުނީގެ ތެރޭގައި ތެތް ކުންޏާއި، އިމާރާތްތައް ތަޅާލުމުގައި އުފައްދާ ކުނި ނުހިމަނާނެއެވެ. މާދަމާ ވެމްކޯގެ ޓްރާންސްފާ ސްޓޭޝަންތަކުގެ ޚިދުމަތް ފަށާނީ 14:00ގައެވެ.

comment ކޮމެންޓް