މި ރޯދައިގައި ވެސް ޔާމީން ހުންނެވީ ބަނދުގައި، ޞާލިހާއި ރައީސްގެ ތަފާތެއް ނެތް: ޖަމީލު

ކުރީގެ ނައިބު ރައީސް ޑޜ. މުހައްމަދު ޖަމީލު އަހުމަދު -- ސަން ފޮޓޯ/ އިންފިނިޓް މޫވްމަންޓްސް/ މުހައްމަދު މާވީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މި ރަމަޟާން މަސް ފެށޭއިރުގައި ވެސް ހުންނެވީ ބަންދުގައި ކަމަށާއި، ރައީސް ޑރ. މުހައްމަދު މުޢިއްޒާއި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާ އެއްވެސް ތަފާތެއް ނެތްކަމަށް ޔާމީންގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޖަމީލު ވިދާޅުވީ، ރޯދަ މަސް ފެށޭއިރު ވެސް ޔާމީން ހުންނެވީ އަދިވެސް ބަންދުގައި ކަމަށެވެ.

އަދި ރައީސަކަށް ޑރ. މުޢިއްޒު ހުންނަވާއިރު ވެސް ޔާމީނުގެ އިސްތިއުނާފު ހިފެހެއްޓިފައި އޮތްކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވައިފައެވެ.

ޔާމީން އަދިވެސް މިނިވަންނުކުރެއްވުމަކީ، ބޭއިންސާފެއްގެ ގޮތުގައި ސިފަކުރައްވައި ޑރ. ޖަމީލު ވިދާޅުވީ، އެހައި ބޮޑު ބޭއިންސާފަކަށް އަރައިގަނެގެން ތިބެ ހެޔޮ ނަސޭހަތް ދިނުމުން ދެކޮޅު ނުޖެހޭ ކަމަށެވެ.

މީގެ ކުރިން ވެސް ޖަމީލު ވަނީ އިންތިޚާބުތަކާ ދިމާކޮށް ޔާމީންގެ އިސްތިއުނާފު ލަސްވާކަމަށް ވެސް ވިދާޅުވެފައެވެ.

ޖަމީލްގެ ވެސް ބައިވެރިވުމާ އެކު އުފެދުނު މި ސަރުކާރަށް ހަފުތާއެއް ނުވަނީސް ޔާމީން ވަނީ ޕީޕީއެމް/ޕީއެންސީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައިފައެވެ.

ރައީސް މުއިއްޒާއި ޔާމީންގެ ގުޅުން ގޯސްވެފައިވާއިރު، ޔާމީން އަދިވެސް ޖަލު ހުކުމް ތަންފީޒު ކުރައްވަމުންގެންދަވާތީ އެ މަނިކުފާނަށް ތާއިދު ކުރާ ފަރާތްތަކަށް އަންނަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ފާޑު ކިޔަމުންނެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ދޫކުރުމުގެ މުއާމަލާތާ ގުޅުންހުރި ކޮރަޕްޝަނުގެ ދައުވާތަކެއް ސާބިތުވުމާ ގުޅިގެން 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައިވާ ޔާމީން، ޖަލުން ގެކޮޅަަށް ބަދަލު ކޮށްދެއްވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހެވެ. އެއީ ރިޔާސީ އިންތިޚާބު ކާމިޔާބުވުމާއެކު ރައީސް މުއިއްޒު، އެ ކަމަށް އެދިވަޑައިގަތުމުންނެވެ.

comment ކޮމެންޓް