ޑޫޑްލްއިން މާލީ ކަންކަމަށް ފަރިތަވުން: ޕެންޝަން އޮފީހުން ދަރިވަރުންނަށް ޚާއްސަ ހަރަކާތެއް

ޕެންޝަން އޮފީހުން ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި ކުރިއަށް ގެންދިޔަ ޚާއްސަ އެސެމްބުލީގެ ތެރެއިން-- ފޮޓޯ: ޕެންޝަން އޮފީސް

ފަންނުވެރިކަމުގެ ތެރެއިން ދަރިވަރުންގެ މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި ޕެންޝަން އޮފީހުން ކުރިއަށް ގެންދާ 'ފައިނޭންސް ޑޫޑުލް ބޯޑް ފޯ ސްޓޫޑެންޓްސް' ހަރަކާތުގެ ފުރަތަމަ ބޯޑު ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް (ޖީއައިއެސް) ގައި ބަހައްޓައިފިއެވެ.

މިއީ ދަރިވަރުންގެ މެދުގައި ފައިނޭންޝަލް ލިޓްރަސީ ނުވަތަ މާލީ ކަންކަމާ ގުޅޭ އަސާސީ މައުލޫމާތުތައް ފެތުރުމުގެ މަގުސަދުގައި ޕެންޝަން އޮފީހުން ކުރިއަށް ގެންދާ "ފައިނޭންޝަލް ޑޫޑްލް ބޯޑްސް ފޯ ސްޓޫޑެންޓްސް" ސިލްސިލާގެ ދަށުން ބެހެއްޓި ފުރަތަމަ ބޯޑެވެ.

ޖީއައިއެސްގައި ބޭއްވި ހާއްސަ އެސެމްބްލީއެއްގައި މި ހަރަކާތް އިފްތިތާހުކޮށްދެއްވީ ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމެވެ.
ފައިނޭންޝަން ލިޓެރަސީ އާލާކުރުމުގެ ވަސީލަތެއްގެ ގޮތުގައި މި ހަރަކާތުގެ ތެރެއިން ޑޫޑުލްގެ ބޭނުން ހިފަނީ, މިއީ ހިޔާލާއި, ވިސްނުން ފާޅުކުރުމަށް ދަރިވަރުންގެ މެދުގައި މަގުބޫލު ހަރަކާތަކަށް ވާތީވެއެވެ.

މި ހަރަކާތުގެ މައިގަނޑު އަމާޒަކީ ޕާސަނަލް ފައިނޭންސް މެނޭޖްކުރުމުގައި ފުރަތަމަ ފިޔަވަޅު އެޅުމަށް ދަރިވަރުންނަށް ހިތްވަރުދީ އެ ކުދިންގެ މެދުގައި ފަހަށް ރައްކާކުރުމުގެ އާދަ އަށަގެންނެވުމެވެ. ޑޫޑުލް ފަދަ ހަރަކާތެއްގެ ތެރެއިން މިފަދަ ކަންކަން ދަސްކޮށްދިނުމުން, އުނގެނުމުގެ އެ ތަޖުރިބާ ހިތްހަމަޖެހުމަކަށްވެ ގިނަ ދުވަސްތަކަށް ސިކުނޑީގައި އެކަންކަން ހަރުލާފައި ހުންނާނެއެވެ.

ޖީއައިއެސްގައި ބޭއްވި އިފްތިތާހީ އެސެމްބްލީއަށް ފަހު އެ ސްކޫލުގެ ގްރޭޑް ހައެއް އަދި ހަތެއްގެ ދަރިވަރުން ވަނީ ސްޓިކީ ނޯޓްތަކުގައި ކުދިކުދި ނަމަވެސް ޝައުގުވެރި އަދި އެހާމެ ހިތްގައިމު ޑޫޑްލްސް ސްކެޗްކޮށް ބޯޑުގައި ތަތްކޮށްފައެވެ. ޕެންޝަން އޮފީހުން ފަހުން އެ ކުރެހުންތައް ޑިޖިޓަލައިޒް ކުރާނެއެވެ.

ޕެންޝަން އޮފީހުން ވަނީ މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ސްކޫލަކަށް ހުޅުވާލައިފައެވެ. އެގޮތުން ކަނޑައެޅޭ ތަފާތު މައުލޫތަކަށް, ޑޫޑުލްކުރަހައި, އެންމެ ފުރިހަމަ ބޯޑެއް ހޮވައި އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ހަރަކާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ސްކޫލްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަކުރަން ޖެހޭނެއެވެ. އޭގެ ފަހުން ބޯޑު ހަރުކޮށް, މި ހަރަކާތާ ބެހޭގޮތުން ދަރިވަރުންނަށް އިރުޝާދުދީ, ކުދިންނަށް ބައިވެރިވެވޭ ގޮތަށް އާއްމުކޮށް ހުޅުވާލައިގެން ހަރަކާތް ހިންގުމުގެ ފުރުސަތު ލިބޭނެއެވެ. އެންމެ ފުރަތަމަ ހުށަހަޅާ ފަސް ސްކޫލަކަށް, މި ބޯޑު ހަރުކޮށްދިނުމުގައި ޕެންޝަން އޮފީހުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

comment ކޮމެންޓް