ހޮލީވުޑްގެ އެންމެ މަގުބޫލު އެއް ތަރި ކަމަށްވާ ޓޭލާ ސްވިފްޓު ދާދި ފަހުން ސިންގަޕޫރުގައި ނިންމާލި ޓުއާ ދިވެހީންގެ މެދުގައި ވެސް ބޮޑު މަގުބޫލު ކަމެއް ހޯދައިފިއެވެ.
ދިވެހި ފޭނުންނަށް މަގުބޫލު ތަރީން ޕަފޯމް ކުރާތަން ގިނަ ފަހަރަށް ބަލާލެވޭނީ މަދު ފަހަރެއްގައެވެ. އެގޮތުން ގިނަ ފަހަރަށް ތަރީން ޕަފޯމްކުރާ ތަން ބަލާލުމަށް ޖެހެނީ ކައިރި ގައުމަކަށް ދާށެވެ. މި ފަހަރު ދިވެހީން މި ދިޔައީ ސިންގަޕޫރަށެވެ.
މި މަހުގެ ދެވަނަ ދުވަސްވީ ހޮނިހިރު ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ޓޭލާ ވަނީ ސިންގަޕޫރުގައި ޕަފޯމްކޮށްފައެވެ. މިއީ ޓޭލާ މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ "އެރާސް ޓުއާ"ގެ ތެރެއިން ބައެކެވެ. މި ޓުއާގައި އޭޝިއާގައި ޕަފޯމް ކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ސިންގަޕޫރާއި ޖަޕާނުގައެވެ.
އޭގެ ތެރެއިން ވެސް ސިންގަޕޫރަކީ ދިވެހީންނަށް ފަސޭހައިން ދެވޭ އެއް ތަނެވެ. އެގޮތުން މެލޭޝިއާގައި ދިރިއުޅޭ ގިނަ ދިވެހީންތަކެއް ވަނީ މި ޝޯއަށް މިދިޔަ ހަފުތާއެއްގެ މުއްދަތުގައި ގޮސްފައެވެ. އޭގެ އިތުރުން, ރާއްޖެއިން ވެސް ގިނަ ޒުވާނުންތަކެއް ވަނީ ޓޭލާ ޕަފޯމް ކުރާތަން ބެލުމަށް ސިންގަޕޫރަށް ގޮސްފައެވެ.
މިދިޔަ އަހަރު ޓޭލާ ވަނީ ސިންގަޕޫރުގައި ޓުއާ ދޭނެ ކަމަށް އިއުލާނުކޮށްފައެވެ. އެއާއެކު އެތައް ދިވެހީންނެއް ވަނީ ޓޭލާގެ ޝޯގެ ޓިކެޓު ނެގުމަށް މަސައްކަތް ކޮށްފައެވެ.
އެންމެ ފަހުން ޓުއާގެ އިންތިޒާރަށް ނިމުމެއް އައިސް ގިނަ ބަޔަކަށް ވަނީ ޓޭލާ ގާތުން ބަލާލުމަށް ފުރުސަތު ލިބިފައެވެ. ޓުއާގެ ވާހަކަތައް އެތައް ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.
އެނަލިސްޓުން ބުނާގޮތުގައި ޓޭލާގެ ޝޯތަކާ އެކު އޭގެ ހެޔޮ އަސަރު ސިންގަޕޫރުގެ އިގުތިސާދަށް ވެސް ކުރާނެއެވެ. ލަފާކުރެވޭ ގޮތުގައި ޓޭލާގެ ޝޯތަކާ އެކު ސިންގަޕޫރުގެ އިގުތިސޯދަށް 250 މިލިއަން ޑޮލަރާއި 375 މިލިއަން ޑޮލަރާ ދެމެދުގެ ފައިދާއެއް ކުރާނެއެވެ.
ޓޭލާގެ ހަ ޝޯ ވެސް އެއްކޮށް ހައުސްފުލްކޮށް ކުރިއަށް ގެންދިޔައިރު ޝޯތަކާ އެކު ގެސްޓު ހައުސްތަކާއި ހޮޓެލް އަދި ރެސްޓޯރެންޓުތަކަށް ބޮޑު ފައިދާއެއް ވަނީ ކޮށްފައެވެ.