ޅ. ނައިފަރު އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ކައުންސިލްތަކާ ބައްދަލު ކުރެއްވުމަށް އެ މަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ރަށަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރާއްޖޭގެ އުތުރާއި ދެކުނުގައި އިޓަގްރޭޓެޑް ޒޯނަކާއި، އަދި ހަތް ސަރަހައްދެއްގައި ހަތް އާބަން ސެންޓަރު ތަރައްގީ ކުރުމަކީ ރައީސް ޑރ. މުޢިއްޒުގެ އިގްތިސާދީ ސިޔާސަތުގެ ތެރޭގައި ހިމެނެއެެވެ.
ނައިފަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ތަރައްގީކުރުމަށް ނިންމާފައިވާ ހަތް އާބަން ސެންޓަރުގެ ތެރެއިން ކޮންމެ ތަނެއްގައި ވެސް ރައްޔިތުންނަށް ބޭނުންވާ ހުރިހާ ޚިދުމަތެއް އެންމެ މަތީގައި ފަންތީގައި ލިބޭނެ ކަމަށެވެ.
"އެކަހަލަ އާބަން ސެންޓަރެއްގަ ޞިއްޙީ ނިޒާމުގަ ހުންނާނީ އާދައިގެ ހޮސްޕިޓަލެއް ނޫން. އެންމެ މުހިންމު ހުރިހާ ދާއިރާތަކުން ޚިދުމަތް ދެވޭ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި އާއިލާތަކަށް ބޭނުންވާ އެކި ކަހަލަ ތެރަޕީތައް ވެސް ދެވޭ ގޮތަށް. ތައުލީމީ ނިޒާމު ވެސް އެންމެ މަތީ ފެންވަރުގައި ގާއިމްކުރެވިފައި. މަގުތައް ވެސް އެންމެ ރަނގަޅަށް ހެދިފައި. އަދި ދެން ހުރި ކަންކަން ވެސް އެންމެ ރަނގަޅަށް ގާއިމް ކުރެވިފައި ހުންނާނީ،" ރައީސް ވިދާޅުވިއެވެ.
އެ ގޮތުން ރާއްޖޭގައި ތަރައްގީ ކުރާ ހަތް އާބަން ސެންޓަރުގެ ތެރޭގައި ނައިފަރު ހިމެނޭކަން ރައީސް ހާމަކުރެއްވިއެވެ.
ނައިފަރުގައި ދިމާވެފައިވާ ބިމުގެ ދަތިކަމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން އެ ރަށަށް 45 ހެކްޓަރުގެ ބިން އިތުރުކޮށްދެއްވާނެ ކަމުގައި ރައީސް މުޢިއްޒު މީގެ ކުރިން ވެސް ވަނީ ވިދާޅުވެފައެވެ. މިއަދު އެ ރަށުގައި ބޭއްވި ޖަލްސާގައި ވެސް ރައީސް ވަނީ އެކަމުގެ ޔަގީންކަން ދެއްވާފައެވެ.
ނައިފަރުގެ ބިން އިތުރު ކުރުމުގެ މަޝްރޫއުގެ މަސައްކަތް ވަނީ ފެށިފައެވެ. އެ މަސައްކަތް މޯލްޑިވްސް ޓްރާންޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކުރީ 2020ވަނަ އަަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ފެށި މި މަޝްރޫޢުގެ ދަށުން އިތުރު ކުުރުމަށް ނިންމާފައި އޮތީ 20.95 ހެކްޓަރުގެ ބިމެވެ.
މިކަމާ ގުޅިގެން ރައީސް މުޢިއްޒު ވަނީ މިހާރު އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ފެށިފައި އޮތް ނަމަވެސް، އެ މަޝްރޫޢު ނިމޭއިރު، 45 ހެކްޓަރުގެ ބިން އެ ރަށަށް އިތުރުވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
މީގެ އިތުރުން ރައީސް ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި އެ މަނިކުފާނުވެ ވަޑައިގަތް ވައުދާ އެއްގޮތަށް ނައިފަރުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި 400 ހައުސިން ޔުނިޓު އަޅުއްވައިދޭނެ ކަމަށް ތަކުރާރު ކުރައްވާފައެވެ.
ނައިފަރަކީ މަސްވެރިކަމުގައި ޖުމްލަ 26 އުޅަނދެއް ބޭނުން ކުރާ މަސްވެރި ރަށެކެވެ. އެ ގޮތުން އެ ރަށުގެ ބަނދަރު މިހާރަށްވުރެން ބޮޑުކޮށްދިނުމަކީ ވެސް ރައީސް މުޢިއްޒުގެ ރިޔާސީ ވައުދެކެވެ.
އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި، ވެވަޑައިގަތް ވައުދާ އެއްގޮތަށް އެ ރަށުގައި އިސްލާމީ މަރުކަޒެއް އަޅުއްވައިދެއްވާނެ ކަމުގައި ވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ކައުންސިލްތަކާ ބައްދަލު ކުރެއްވުމަށް ރައީސް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ނައިފަރު ކައުންސިލަކީ އެ މަނިކުފާނު ބައްދަލު ކުރެއްވި 150ވަނަ ކައުންސިލެވެ.