އެމްއޭސީއެލް މުވައްޒަފުން މުޅި ހުޅުލެ ސާފުކޮށްފި

"ސަޅި ހުޅުލެ" ހަރަކާތުގެ ތެރެއިން-- ފޮޓޯ: އެމްއޭސީއެލް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން "ސަޅި ހުޅުލެ"ގެ ނަމުގައި މުޅި ހުޅުލެ ސާފުކުރުމުގެ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.

މިއަދު ހެދުނު 08:00 ގައި މި ހަރަކާތް އިފްތިތާހުކޮށްދެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ސާފުކޮށް ބޭއްވުމަކީ އެންމެންގެ ޒިންމާއެއް ކަމަށާއި އެ ކަމަށް ހުރިހާ ފަރާތްތަކުން އެއްބާރުލުން ދެއްވުމަކީ މުހިއްމު ކަމެއްކަމަށެވެ.

އަދި އުއްމީދު ކުރައްވަނީ މި ފަދަ އިތުރު ހަރަކާތްތައް ކުރިއަށް އޮތް ތަނުގައި ބޭއްވުންކަމަށް ސީއީއޯ އަދި އެމްޑީ ޝަރީފް ވިދާޅުވިއެވެ.

މި ހަރަކާތުގައި ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރުންނާއި ކުންފުނީގެ އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ މުވައްޒަފުންވަނީ ޖޯޝާއެކީ ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.

މި ހަރަކާތުގެ އަމާޒަކީ ހުޅުލެ އެއްކޮށް ސާފުކުރުން ކަމުގައި އެމްސީއެލްއިން ބުންޏެވެ.

މިއަދު ހެދުނު 8:00 އިން މެންދުރު 12:00 އަށް ކުރިއަށްގެންދިޔަ މި ހަރަކާތް ކުރިއަށްގެންދިޔައީ ނުވަ ދިމާލަކަށް ޓިީމުތައް ބަހާލައިގެންނެވެ.

މި ހަރަކާތުގައި ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީ އާއި އެމްޓީސީސީއިން ވެސް ވަނީ ބައިވެރިވެފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ސާފުކޮށް ބޭއްވުމަށް އެމްއޭސީއެލްއިން މިފަދަ ހަރަކާތްތައް މީގެ ކުރިން ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

comment ކޮމެންޓް