ޅ. ހިންނަވަރުގައި ފަށާފައިވާ މަޝްރޫއުތަކުގެ ތެރެއިން ނުނިމި ދިގުލައިގެން ގޮސްފައިވާ މަޝްރޫއުތައް ނިންމައިދީ، އެ ރަށުގެ ރައްޔިތުންނަށް ފުރިހަމަ ހައްގު ހޯދައިދޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ ދައުރުގައި ވެރިކަން ކުރެއްވި ރައީސް އިބްރާހީމް މުޙައްމަދު ޞާލީޙް ނިސްބަވްވެވަޑައިގަންނަވާ ހިންނަވަރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، އެ ރަށަކީ ވަކި ބަޔަކު އެ މީހުންގެ މިލްކެއްގެ ގޮތުގައި ދެކޭ ރަށެއް ކަމަށެވެ. ނަމަވެސް ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ މަޝްރޫއުތަކެއް ހިންނަވަރުގައި ފެށުމަށް ފަހު ނުނިމި އޮންނަތާ ޒަމާންތަކެއްވެއްޖެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެ މައްސަލައާ ސިޔާސީ ކަންކަމާ ގުޅުވައި ރައީސް ވިދާޅުވީ، އެ މަނިކުފާނު ސިޔާސީ ފިކުރާ ހެދި ތަފާތުކުރުން ނުގެންގުޅުއްވާނެ ކަމަށެވެ.
"އަޅުގަނޑަކީ އެގޮތަށް މަސައްކަތް ކުރާ މީހެއް ނޫން، ކޮންމެ ސިޔާސީ ވިސްނުމެއްގައި ބަޔަކު ތިއްބަސް އަޅުގަނޑު ކުރިމަތީގައި ހުރިހާ ދިވެހި ރައްޔިތުން ހަމަހަމަ. އެ މީހެއްގެ ސިޔާސީ ވިސްނުމަކީ އަޅުގަނޑަކަށް މުހިންމު އެއްޗެއް ނޫން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ހިންނަވަރުގައި ފަށާފައިވާ ގެދޮރުވެރިކަމުގެ މަޝްރޫއަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވި އެ މަޝްރޫއު މަޑު ޖެހިފައިވަނީ މިދިޔަ ސަރުކާރުން، އެ މަޝްރޫއާ ގުޅުން ހުރި ބިލުތަކަށް ފައިސާ ނުދައްކައި ހުރުމުން ކަމަށެވެ. އެ މައްސަލަ އެހެން ރަށްރަށުގެ މަޝްރޫއުތަކަށް ވެސް ދިމާވެފައިވާ ކަމަށާއި މިދިޔަ ސަރުކާރުން ނުދައްކާ ހުރި ބިލުގެ ފައިސާގެ އަދަދު 9000 މިލިއަން ރުފިޔާއަށް އަރާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެ ފައިސާ ދައްކަމުން މިހާރު އަންނަ ކަމަށާއި، ފައިސާ ދެއްކޭ ވަރަކުން މަޝްރޫއުތައް އަލުން ފަށައިގެން ކުރިއަށްގެންދެވޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ހިންނަވަރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއާ ގުޅުންހުރި ބިލުތައް ވެސް ހައުސިން މިނިސްޓްރީން ފިނޭންސް މިނިސްޓްރީއާ ވާހަކަދައްކައިގެން ހަމަޖައްސަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެ ބިލުތައް ދެއްކުމުން ވަރަށް އަވަހަށް އަލުން މަޝްރޫއު ފަށައި، މި ސަރުކާރުން ރާވާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުވެސް މި އަހަރު ތެރޭގައި ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ގައުމީ ލެވެލްއެއްގައި މި ހިންގަން އުޅޭ ހުރިހާ މަސައްކަތްތަކެއްގެ އެންމެ އިސްކަން ލިބޭ ރަށެއްގެ ގޮތުގައި، ހަމަ އާބާދީގެ ގޮތުން ވެސް ތަރައްގީގެ ގޮތުން ހުރިހާ ގޮތަކުން އިސްކަންދޭ ރަށެއްގެ ގޮތުގައި މި ރަށް ހިމެނޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ކައުންސިލްތަކާ ބައްދަލުކުރެއްވުމަށް އަތޮޅުތަކަށް ސިލްސިލާ ދަތުރުތަކެއް ކުރައްވަމުންގެންދަވާއިރު އެމްޑީޕީގެ ކުރީގެ ރައީސް ޞާލިޙް ގެންދަވަނީ އެ ޕާޓީގެ ފަރާތުން މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕެއިން ކޮށްދެއްވުމަށް ރަށްރަށަށް ޒިޔާރަތްކުރައްވަމުންނެވެ.
މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސާއި ޞާލިޙް ވާދަކުރެއްވިއިރު، ހިންނަވަރުން ބޮޑު ތަފާތަކުން ކުރި ހޯއްދެވީ ޞާލިޙެވެ.