އެމްޓީސީސީގެ މާބަނޑު މުވައްޒަފުންނަށް މަސައްކަތުގައި ލުއިތަކެއް

އެމްޓީސީސީގެ މާބަނޑު މުވައްޒަފުންނަށް 'ފްލެކްސިބަލް ވާރކް އެރޭންޖްމަންޓް' ހަމަޖައްސައިފި--ފޮޓޯ/އެމްޓީސީސީ

އެމްޓީސީސީގެ މާބަނޑު މުވައްޒަފުންނާއި އެއް އަހަރު ނުފުރޭ ދަރިންގެ މައިންނަށް މަސައްކަތް ކުރުމުގައި ލުއިތަކެއް ދޭން ހަމަޖައްސައިފިއެވެ.

އެމްޓީސީސީން އަންހެނުންގެ ދުވަސް ފާހަގަކުރުމަށްޓަކައި އިއްޔެ ހަވީރު ހުޅުމާލެ ފެރީ ޓާމިނަލްގެ ބަސް ޕާކިން ސަރަހައްދުގައި ބޭއްވި ހަފުލާއެއްގައި ވަނީ އަންހެން މުވައްޒަފުންނަށް ދޭން ނިންމާފައިވާ އިނާޔާތްތަކެއް އިއުލާންކޮށްފައެވެ.

އެ ހަފުލާގައި ކުންފުނީގެ ސީއީއޯ އަބްދުالله ޒިޔާދު ވިދާޅުވީ އެ އިނާޔައްތަކަކީ އެޗްއާރުން ކަނޑައަޅާ ޚާއްޞަ އުޞޫލުތަކެއްގެ ތެރެއިން ދޭނެ އިނާޔަތްތަކެއް ކަމަށެވެ. އެގޮތުން މާބަނޑު މުވައްޒަފުންނާއި އެއް އަހަރު ނުފުރޭ ދަރިންގެ މައިންނަށް 'ފްލެކްސިބަކް ވޯކް އެރޭންޖްމެންޓް' އިއްޔެއިން ފެށިގެން ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މާބަނޑު އަންހެން މުވައްޒަފުންނާއި ދެ އަހަރު ނުފުރޭ ދަރިންގެ މައިންނަށް ތިން ގަޑިއިރުގެ ބްރޭކެއް ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެފަދަ ޢިނާޔަތްތައް ހަމަޖެއްސުމުގެ ބޭނުމަކީ، އެމްޓީސީސީއަކީ މާބަނޑު އަންހެން މުވައްޒަފުންނާއި ކުޑަކުދިން ބަލަހައްޓާ އަންހެން މުވައްޒަފުންނަށް ވަޒީފާ އަދާކުރަން ފަސޭހަ މާޙައުލަކަށް ހަދައިދިނުންކަމުގައި ސީއީއޯ ވިދާޅުވިއެވެ.

ހަމައެހެންމެ، އަންހެން މުވައްޒަފުންނަށް ފުރުޞަތުތަށް ފަހިކޮށްދީ ބާރުވެރިކުރުމުގައި އެމްޓީސީސީއަކީ ނަމޫނާ ދައްކަމުން އަންނަ ލާމަސީލު ކުންފުންޏެއްކަމަށާއި 1980 ވަނަ އަހަރު ކުންފުނި އުފެދުނީއްސުރެ ކުންފުނީގެ ތަރައްޤީގެ ދަތުރުގައި އަންހެން މުވައްޒަފުންގެ ހިއްސާ ބޮޑުކަމަށް ޒިޔާދު ވިދާޅުވިއެވެ.

އަދި ކުންފުނީގެ ސީނިއާ މެނޭޖްމަންޓުން ފެށިގެން ހުރިހާ ފަންތިއެއްގެ މުވައްޒަފުންނާ ހަމައަށް ފެންނަ މޫނުތަކުގެތެރޭގައި އަންހެން މުވައްޒަފުން ހިމެނޭކަމީ މިއަދު ފަޚުރުވެރިވާ ކަމެއްކަމަށާއ،ި އިދާރީބައިގެ އިތުރުން ޓެކްނިކަލް މުވައްޒަފުންގެ ގޮތުގައިވެސް އަންހެން މުވައްޒަފުން މިއަދު ހަރަކާތްތެރިވަމުން އަންނަ މަންޒަރު ބަލައިގަންނަނީ އުފަލާއެކު ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް