ދިވެހިބަހުގެ ޑިގްރީއަކީ އަގު ކުރެވޭ އެއްޗަކަށް ހަދަން ޖެހޭ: ޑރ. އަޝްރަފް

8 މާޗް 2024: ދިވެހި ބަހުގެ އެކެޑަމީގެ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރަން ބޭއްވި ޖަލްސާގެ ތެރެއިން-- ސަން ފޮޓޯ: މޫސާ ނަދީމް

ދިވެހިބަހުން ހަދާ ޑީގްރީއަކީ ރާއްޖޭގައި އަގު ކުރެވޭ އެއްޗަކަށް ހަދަންޖެހޭ ކަމަށް ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމް ރޭ ވިދާޅުވެއްޖެއެވެ.

ޑރ. އަޝްރަފް މިފަދައިން ވިދާޅުވީ ދިވެހި ބަހުގެ އެކަޑަމީގެ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް ހުޅުމާލެ ރެހެންދި ސުކޫލުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ޑރ. އަޝްރަފް ވިދާޅުވީ ސުކޫލުތަކުން ނިކުންނަ ކުދިންނަކީ 'އަދަބިއްޔާތުގެ މައި އޮށްތަކެއް' ގޮތުގައި ރާއްޖޭގެ ތަފާތު ކަންކޮޅުތަކަށް ފެތުރިގެން ދިޔުމަކީ ދިވެހިރާއްޖޭގައި ކޮންމެ ދިވެއްސަކު ވެސް ބޭނުން ވާނެ ކަމެެއް ކަމަށެވެ.

8 މާޗް 2024: ދިވެހި ބަހުގެ އެކެޑަމީގެ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރަން ބޭއްވި ޖަލްސާގެ ތެރެއިން-- ސަން ފޮޓޯ: މޫސާ ނަދީމް

އެގޮތުން ޑރ. އަޝްރަފް ވިދާޅުވީ ސަރުކާރުގެ މަތީ ފަންތީގައި މިއަދު ތިއްބެވި ގިނަ ބޭފުޅުންނަކީ އަދަބީ މުބާރަތްތަކުން ނިކުންނެވި ބޭފުޅުން ކަމަށެވެ.

އެ މުބާރާތްތަކުން ނިކުންނެވި ބޭފުޅުން ނޫނީ ދިވެހި ބަސް ދިރުވައި އާލާކުރަން މަސައްކަތް ކުރާ މަންޒަރު ނުފެންނަކަން ފާހަގަކުރައްވައި، ޑރ. އަޝްރަފް ވިދާޅުވީ މިހާރު ސުކޫލުތަކުން ނިކުންނަ ދަރިވަރުން އެ ކަންކަމަށް އަހުލުވެރިކުރުވަން ޖެހޭ ކަމަށެވެ.

"އެހެންވީމާ މިއަދު މި ކުދިން ވިއްސިވިހާލި ވިޔަ ނުދީ، އެ ކުދިން ބައި ބަޔަށް ބެހިގެންދިޔަ ނުދީ މިކޯޅި އަޅުގަނޑުމެން އެބަ ގެންގުޅެން ޖެހޭ ތަންކޮޅެއް ރަނގަޅަށް،" އަޝްރަފް ވިދާޅުވިއެވެ.

އެގޮތަށް އެކަން ކުރެވޭނީ ދިވެހިބަހުގެ ޑިގްރީއަކީ އަގު ކުރެވޭ އެއްޗަކަށް ހަދައިގެން ކަމަށާއި އެ ޑިގްރީ ހަދައިގެން ނުކުންނަ ބޭފުޅުންނަށް ސަރުކާރުގެ ވަޒީފާތަކުން އިނާޔަތެއް ލިބޭނެ ގޮތެއް ހަދަން ޖެހޭ ކަމަށް އަޝްރަފް ވިދާޅުވިއެވެ.

އެއާއެކު، އަޝްރަފް ވިދާޅުވީ، ދިވެހި ބަހުގެ ޑިގްރީއަކީ ހަމައެކަނި ދިވެހި ކިޔަވައިދޭ ޓީޗަރުން އެކަނި ހަދަންޖެހޭ އެއްޗެއް ނޫން ކަމަށެވެ.

8 މާޗް 2024: ދިވެހި ބަހުގެ އެކެޑަމީގެ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރަން ބޭއްވި ޖަލްސާގެ ތެރެއިން-- ސަން ފޮޓޯ: މޫސާ ނަދީމް

މީގެ އިތުރުން، ދިވެހިބަހުގެ ޑިގްރީ ހަދައިގެން ވިއްސަކަށް ބެޗު ނިކުމެފައިވާކަން ފާހަގަކުރައްވައި ޑރ. އަޝްރަފް ވިދާޅުވީ އޭގެ ތެރެއިން ގިނަ މީހުން ތިބީ ޓީޗަރުންގެ ގޮތުގައި ކަމަށެވެ.

"އޭގެ ނަތީޖާއަކީ ސަރުކާރުގެ އޮފީސްތައް ބޮއްސުން ލައިގެން ދިޔައީ. ސަރުކާރުގެ އިދާރީ ލިޔެކިޔުންތަކުގެ ތެރޭގައި ސުކުންތައް އޮޅުނީ. ދަރަޖަތައް އޮޅުނީ. މުޚާތަބު ކުރެވޭ ފަރާތްތައް އޮޅުނީ،" އަޝްރަފް ވިދާޅުވިއެވެ.

އެހެންވެ، އެ ޑިގްރީއަކީ އަގުކުރެވެެންޖެހޭ އެއްޗަކަށް ވާންޖެހޭނެ ކަމަށާއި ބޭނުމެއް ނެތް ގޮތުގައި ތިން އަހަރު ދުއްވާލުމުގެ ބޭނުމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ދިވެހި ބަހާއި ސަގާފަތާއި ތާރީހު ދިރުވައި އާލާކުރުމަށް އެ ކަންކަން ކިޔަވައިގެން ނިކުންނަ މީހުންނަށް ރަނގަޅު ވަޒީފާ ހޯދަދޭންޖެހޭ ކަމަށާއި ރަނގަޅު އިނާޔަތް ލިބޭނެ ގޮތް ހަދައިދޭން ޖެހޭ ކަމަށެވެ.

"އެ ބަސް ކިޔަވާ އެ ބަހަށް ލޯބި ޖެހިގެން އެ ގައުމިއްޔަތު ދިރުވަން ނިކުންނަ ކުއްޖާއަކީ އޯލެވެލްއިން ފާސްނުވާ ކުއްޖާ ކަމުގައިވަނީ ނަމަ މި ކަން ކުރުމުގެ މާނާއެއް ނެތް،" ޑރ. އަޝްރަފް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޑރ. އަޝްރަފް ވަނީ އަދަބީ ހުނަރުތަކަށް ޚާއްސަ ކޯޗުން ސުކޫލުތަކުގައި މުސާރައާއެކު ހަމަޖައްސުމަކީ ކުރަންޖެހިފައިވާ ބޭނުންތެރިކަމެއްގެ ގޮތުގައި ފާހަގަކުރައްވައި، އެ ކަން ކުރުމަށް ތައުލީމީ ވުޒާރާއަށް ގޮވައިލައްވައިފައެވެ.

comment ކޮމެންޓް