ޔާމީން އަދިވެސް ބަންދުގައި ހުންނެވީ ޑރ. ޖަމީލުގެ ހީލަތްތެރިކަމުން: އަބްދުއްރަހީމް

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ އެކު ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޖަލު ހުކުމުގައި އަދިވެސް ހުންނަވަން ޖެހިވައިގެންނަވާ ސަބަބަކީ ވެރިކަމާހެދި އެ މަނިކުފާނުގެ ވަކީލު ޑރ. މުޙައްމަދު ޖަމީލު އަހްމަދު ގެންގުޅުއްވާ ޙީލަތްތެރި ވިސްނުމުގެ ސަބަބުންކަމަށް، ޔާމީނާ އަރިސްކޮށް އުޅުއްވި އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ މަހިބަދޫގައި އޮތް ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ފާއިތުވި ފަސް އަހަރަކީ ޕީޕީއެމް ޕީއެންސީއަށް ފަސޭހަ ފަސް އަހަރު ނޫންކަމަށެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އެ ފަސް އަހަރު ޕީޕީއެމް ޕީއެންސީ އޮތީ "މަގުމަތިވެފަ"އެވެ.

"ވަރަށް އުނދަގޫ ފަސް އަހަރު އެއީ. ވަރަށް ދަތި ހާލުގައި އުޅުނު ފަސް އަހަރު އެއީ. 2018ވަނަ އަހަރުގެ ވެރިކަން އަޅުގަނޑުމެންނަށް ގެއްލިގެން ދިޔައިމަ އަދި ހަމައެއާއެކީގައި 2019ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީސް ވެސް އަޅުގަނޑުމެންނަށް ގެއްލިގެން ދިޔައީމަ އަޅުގަނޑުމެން ތިބީ މަގުމަތިވެފައި،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އިދިކޮޅުގައި މަސައްކަތްކުރި ގޮތް ސިފަކުރައްވަމުން އޭނާ ވިދާޅުވީ، މިދިޔަ ފަސް އަހަރު މުޒާހަރާކުރީ 'ފަސް މީހުންނާއެކު" ކަމަށާއި އެއިރު ސަރުކާރުގައި ތިބި ބޭފުޅުން މަލާމާތަށް 'ދެ ދޮރު ދޭތެރޭ މުޒާހަރާ' އޭ ކިޔައި ހަޖޫ ވެސް ޖަހަމުން އައި ކަމަށެވެ.

އެ ދަތި ހާލުގައި ވެސް ހިތްވަރު ދޫނުކޮށް މަސައްކަތްކުރީ ރާއްޖެ އަލުން ހޯދަން ކަމަށް ވިދާޅުވިއެވެ. ނަމަވެސް އަލުން އިތުރު ފަސް އަހަރަކަށް މަގުމަތީ ތިބެންޖެހިދާނެ ކަމުގެ ބިރު ވެސް އެތައް ފަހަރަކު ހީވިކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ވެރިކަން ޕީޕީއެމަށް ގެއްލުވައިލަން މިހާރު ރައީސް ޔާމީން އަރިހުގައި ތިއްބެވި ބޭފުޅުން އެތައް ހީލަތްތެރި ރޭވުމެއް ރޭވުންތަކާ ހެދިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެ ކަން އަޅުގަނޑުމެން ލައްވައި ކުރުވަން ވެރިކަމުގެ ދަހިވެތިކަމުގައި ފެށުނީއްސުރެ އުޅޭ ބޭފުޅުން މަސައްކަތްކުރެއްވީ. މިއަދު ވަށައިގެން ތިއްބެވީ އެ ބޭފުޅުން. ހަގީގަތަކީ އެ ބޭފުޅުންގެ ނުބައި ނުލަފާ ރޭވުންތެރިކަމުގެ ދަށުން އަޅުގަނޑުމެންގެ ކުރީގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ބަންދުގައި ހުންނަންޖެހުނީ. ޑރ. ޖަމީލުގެ ހީލަތްތެރިކަމުގެ ސަބަބުން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ އިސްތިއުނާފީ މަރުހަލާ ލަސްކުރަމުން އައީ ޑރ. ޖަމީލްގެ ރޭވުމުގެ ތެރެއިން ކަމަށެވެ. އެއީ ގަސްތުގައި ކުރަމުން އައި ކަމެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޕީޕީއެމް ޕީއެންސީން އެންމެ ފަހުވަގުތާ ޖެހެންދެން ވެސް ބުނަމުން އައީ، ރައީސް ޔާމީނަކީ އެ ޕާޓީގެ ކެންޑިޑޭޓު ކަމަށެވެ. ނަމަވެސް އެ މަނިކުފާނުގެ ކެންޑިޑެންސީ ބަލައިނުގަނެވޭނެކަމަށް ސުޕްރީމް ކޯޓުން ނިންމުމާއެކު، އެ ޕާޓީން ނިންމީ ދެ ޕާޓީގެ ސެނެޓަރުންގެ ތެރޭގައި، ޕްރައިމަރީއެއް ވަގުތުން ބާއްވައި ކެންޑިޑޭޓަކު ކަނޑައަޅާށެވެ.

އެއިރު ރައީސް އިންތިޚާބު ބޮއިކޮޓްކުރައްވަން ރައީސް ޔާމީން އަންގަވައިފައިވާކަމަށް ބުނެ ވެސް އަޑު ފެތުރުނެވެ.

"ތި ބޭފުޅުން ގަބޫލުފުޅުކުރައްވައި، އެންމެ ފަހުވަގުތާ ޖެހެންދެން އަޅުގަނޑުމެން ތިބީ އަޅުގަނޑުމެންގެ ކެންޑިޑޭޓު ނިންމައިގެން. އެ ކަމަކު ސުޕްރީމްކޯޓުން ނިންމީ ކުރިމަތިނުލެވޭނޭ. ބޮއިކޮޓެއް އަޅުގަނޑުމެންނަށް ނުކުރެވޭނޭ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންތިޚާބު ބޮއިކޮޓް ނުކުރީ ރައްޔިތުން ވެސް އެ ގޮތަށް ބޭނުންނުވާތީކަމަށެވެ. އަދި ބޮއިކޮޓްކުރިނަމަ މިއަދު ވެސް ތިބެންޖެހޭނީ މަގުމަތީގައިކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ، އިންތިޚާބުގައި ކުރިއަށްދާން ނިންމީކަމަށާއި، ރައީސް ޔާމީންގެ އެންގެވުމާއެކު ދެވަނަ އޮޕްޝަނެއް ހޯދީކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ޚިޔާނާތްތެރިއެއް އަޅުގަނޑުމެން ނުވަން. ބޭވަފާތެރިއެއް ވެސް އަޅުގަނޑުމެން ނުވަން. އިޚްލާސްތެރިކަމާއި ތެދުވެރިކަމާއެކީ އަޅުގަނޑުމެން މަސައްކަތްކުރީ. އެ ކަމަކު ގައުމު އަޅުގަނޑުމެންނަށް މުހިންމުވީމާ މަޖުބޫރުވީ ބޮއިކޮޓްނުކޮށް ޑރ. މުއިއްޒާއެކީގައި އަޅުގަނޑުމެންނަށް ކުރިއަށްދާން،" ރައީސް މުއިއްޒުގެ ޚާއްސަ މުޝީރުގެ ގޮތުގައި ހުންނެވި އަބްދުއްރަހީމް ވިދާޅުވިއެވެ.

މިހާރު ރައީސް ޔާމީން މަސައްކަތްކުރައްވަމުން ގެންދަވަނީ ޕީޕީއެމް ޕީއެންސީއާ ދުރުން ސަރުކާރު ޒިންމާދާރުކުރުވާ ބައެއްގެ ގޮތުގައެވެ. ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް)ގެ ނަމުގައި ވަކި ޕާޓީއެއް ހަދަން އިލެކްޝަންސަށް މިހާރު ފޯމު ވެސް ވަނީ ހުށަހަޅައިފައެވެ.

އެ މަނިކުފާނު ވެސް ގެންދަވަނީ ސަރުކާރަށާއި ރައީސަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވަމުންނެވެ.

comment ކޮމެންޓް