ކުރިއަށްއޮތް ރަމަޟާން މަހު އޮންލައިންކޮށާއި އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުން ފިތުރު ޒަކާތް ބަލައިގަންނަ ގަޑިތައް މިއަދު މޯލްޑިވްސް ޒަކާތު ހައުސްއިން އިއުލާނުކޮށްފިއެވެ.
ޒަކާތު ހައުސްއިން ނެރުނު ބަޔާނެއްގައި ވަނީ، އޮންލައިންކޮށް ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވަނީ، 11 މާޗުން 06 އެޕްރިލާ ހަމައަށް ކަމަށެވެ. އޮންލައިންކޮށް ޒަކާތް ބަލައިގަންނާނީ:
- ދިރާގު: ދިރާގު އެޕް/ ދިރާގު ޕޭ މެދުވެރިކޮށް
- އުރީދޫ: އެމްފައިސާ އެޕްލިކޭޝަން މެދުވެރިކޮށް
- މޯލްޑިވްސް އިސްލާމިކް ބޭންކް: އެމްފައިސާ އެޕްލިކޭޝަން މެދުވެރިކޮށް
- ބޭންކް އޮފް މޯލްޑިވްސް: ޕޯޓަލް ވެބަސައިޓް މެދުވެރިކޮށް
- ފަހިޕޭ: ފަހިޕޭ އެޕްލިކޭޝަން މެދުވެރިކޮށް
- މިނިސްޓްރީ އޮފް ފިނޭންސް: ބަނޑޭރި ޕޭ މެދުވެރިކޮށް
މިނިސްޓްރީން ބުނީ ބަނޑޭރި ޕޭ މެދުވެރިކޮށް ރޯދަ މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނެ ކަމަށެވެ. އަދި، އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން މީހުންނަށް ހާއްސަކޮށް އިސްލާމިކް މިނިސްޓްރީގެ ހޯލުގައި ޒަކާތް ބަލައިގަތުން ކުރިއަށް ގެންދާނެއެވެ.
ރަމަޟާން މަހުގެ ފަހު 10އަކީ ސަރުކާރު ބަންދު ދުވަސްތަކަކަށްވުމުން ކައުންޓަރުން ކަރާތް ބަލައިގަންނާނީ، 12 މާޗުން 28 މާޗަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު 09:30 އިން 01:30އަށެވެ. އަދި، 31 މާޗުން 09 އެޕްރިލްއާ ހަމައަށް ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު 11:00 އިން 14:00އަށެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދަކީ:
- އާދައިގެ ހަނޑޫ: 12 ރުފިޔާ
- ތައިލެންޑް ހުދު ހަނޑޫ: 70 ރުފިޔާ
- ރަތް ހަނޑޫ: 80 ރުފިޔާ
- ބަސްމަތީ ހަނޑޫ އާދައިގެ: 70 ރުފިޔާ
- ބާސްމަތީ ހަނޑޫ މޮޅު: 100 ރުފިޔާ
- ބާސްމަތީ ހަނޑޫ އެންމެ މޮޅު: 125 ރުފިޔާ
- އާދައިގެ ފުށް: 10 ރުފިޔާ
- އާޓާ ފުށް: 75 ރުފިޔާ
ފިތުރު ޒަކާތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ދެއްކުން ވާޖިބުވެގެންވާ ކަމެކެވެ. ފިތުރު ޒަކާތް ދައްކަން ޖެހެނީ އެ ބަޔަކު އާންމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ޞާޢެއް ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ.