ބަރަކާތުން ފުރިގެންވާ ހެޔޮކަމުގެ ދުވަސްތަކަށް ތައްޔާރުވުމުގެ ނަމުގައި އިސްރާފުކުރާ މީހުން ފެންނަކަމީ ހިތާމަކުރާން ޖެހޭ ކަމެއްކަން ފާހަގަކޮށް، އެފަދަ ކަންތައްތަކާ ދުރުހެލިވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ "ރަމަޟާން މަހަށް ތައްޔާރުވުން"، މި މައުޟޫއުގެ މައްޗަށެވެ.
އަހަރެމެންނާ ކުރިމަތިވަމުން އަންނަނީ ހެޔޮކަމާއި ދަރުމައިން ފުރިގެންވާ ރަމަޟާން މަސްކަން ފާހަގަކޮށް ޚުތުބާގައި ބުނީ މި ބަރަކާތްތެރި މައްސަރުގެ ޘަވާބާއި ދަރުމަ ހޯދުމަށް އަހަރެމެން އެކަށީގެންވާ ގޮތެއްގައި ތައްޔާރުވެ، ފުރިހަމަ އިސްތިޤުބާލަކުން އެ މައްސަރާ އިސްތިޤުބާލުކުރާންޖެހޭ ކަމަށެވެ. ޚާއްސަކޮށް މާތް ނަބިއްޔާ މުހައްމަދުގެފާނު އެ މަހުގެ މަތިވެރިކަން ހަނދުމަކޮށްދެއްވައިފައި ވަނީ އެ މަހުގެ ދަރުމައާއި ޘަވާބުން އަހަރެމެން މަހުރޫމުވިޔަ ނުދެއްވުމަށްޓަކައި ކަމަށް ޚުތުބާގައި ބުންޏެެވެ.
ޚުތުބާގައި ބުނީ މި ބަރަކާތްތެރި މައްސަރާ އަހަރެމެން ކުރިމަތިލާއިރު އެންމެ ފުރަތަމަ ކުރާންޖެހޭ ކަމަކީ އަހަރެމެންގެ ހަޔާތުގައި ކުރެވެމުންދާ ކުށްފާފަތަކާ ދުރުހެލިވެ، ފުރިހަމަ ތައުބާއަކުން ތައުބާވެގެންވާ ހާލު މި މަތިވެރި މައްސަރާ ބައްދަލުކުރުން ކަމަށެވެ. މި ބަރަކާތްތެރި މައްސަރުގެ ދުވަސްތަކާ އަހަރެމެން ކުރިމަތިލާންވާނީ، ފުރިހަމަ އީމާންކަމާއެކު، އެ މައްސަރުގެ ފުރިހަމަ ދަރުމައާއި ޘަވާބަށް އެދޭ ހާލުގައި ކަމަށް ޚުތުބާގައި ބުންޏެވެ.
އެހެންކަމުން ނަފުސު ހެޔޮ ކަންކަމަށް ތަރުބިޔަތުކޮށް، ހޭނުވުމަށް އެއަށް ވުރެ ވަކީން ރަނގަޅު ފޯވައްސެއް ނުލިބޭނެ ކަމަށާއި އެއީ ތަގުވާވެރިކަމަށް ވާސިލުކޮށްދޭ ހުރިހާ ސަބަބުތަކެއް އެ މަހެއްގައި ޖަމާވާ މައްސަރެއް ކަމަށް ޚުތުބާގައި ބުންޏެވެ. އެގޮތުން ރޯދަމަހަށް ތައްޔާރުވުމަށް އަހަރެމެން ކުރަންޖެހޭ އެންމެ މުހިއްމު އެއް ކަމަކީ، ރޯދައިގެ ޝަރުއީ ހުކުމްތައް ދެނެގަތުން ކަމަށް ޚުތުބާގައި ބުންޏެވެ.

އިސްލާމިކް މަރުކަޒުގައި ހުކުރު ނަމާދު ކުރުން -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން
ޚުތުބާގައި ބުނީ ރޯދަވެރިޔާގެ އަނގައިން ނުކުންނަ ވަސް ﷲގެ ހަޟުރަތުގައި ގޮމަކަސްތޫރިއަށް ވުރެ ވަސްމީރުވެގެންވާ ކަމަށެވެ. އަދި ރޯދަވެރިޔާއަށް ދެ އުފަލެއްވާ ކަމަށާއި އެއީ އޭނާ ރޯދަވީއްލާ ހިނދު ލިބޭ އުފަލާއި، އޭނާގެ ވެރި ރަސްކަލާނގެއާ ބައްދަލުވާ ހިނދު ރޯދައިގެ ސަބަބުން ލިބޭ މަތިވެރިކަމުގެ އުފާ ކަމަށް ޚުތުބާގައި ބުންޏެވެ. ނަމަވެސް ރޯދަހިފަން ޖެހޭ ގޮތަށް ރޯދަ ނުހިފާނަމަ، އެ މަތިވެރި ސަވާބާއި ދަރުމައެއް ނުލިބޭނެއެވެ.
އަދި ރަމަޟާންމަހާ ބައްދަލުވެ، އެ މަހު އޭނާގެ ނަފުސު ތަހުޒީބުނުވެ، ހަމައެކަނި ނަމަކަށް ރޯދަހިފައިފި ނަމަ، އެ މަސް އެއްކޮށް ބޭކާރު ކޮށްލެވުނީ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
"އަހަރެމެން ރޯދަމަހަށް ތައްޔާރުވާންވީ ހަމައެކަނި ގޭތެރެ ރީތިކުރުމާއި ފަރުނީޗަރުތައް އައުކުރުމާއި ކާބޯތަކެތި ގަނެ ޖަމާކުރުމަކުންނޫން. އެ ކަންކުރުމަކީ އޭގެ ޒާތުގައި މައްސަލައެއްނޫން. ނަމަވެސް ބަރަކާތުން ފުރިގެންވާ ހެޔޮކަމުގެ ދުވަސްތަކަށް ތައްޔާރުވުމުގެ ނަމުގައި، އިސްރާފުކުރާ މީހުން ފެންނަކަމީ ހިތާމަކުރާން ޖެހޭ ކަމެއް،" ޚުތުބާގައި ބުންޏެވެ.
"...މިފަދަ ކަންތައްތަކާ ދުރުހެލިވެ، ރަމަޟާންމަހާ ބައްދަލުކުރާ އިރު އެންމެ އިސްކަމެއް ދޭންޖެހޭނީ، އެ މަހުގެ ފުރިހަމަ ދަރުމައާއި ޘަވާބު ހާސިލުކުރެވޭނެ ގޮތަކަށް ކަންކަން ރޭވުން. ތިމާއާއި ތިމާގެ އަނބިދަރީންނާއި ގާތްތިމާގެ މީހުންނަށް ވެސް މި މަތިވެރި ދުވަސްތަކުގެ ފުރިހަމަ ދަރުމައާއި ސަވާބު ހާސިލުކުރެވޭނެ ގޮތަކަށް ކަންކަން ބައްޓަންކުރާން ޖެހޭ،" ޚުތުބާގައި ބުންޏެވެ.
ރޯދައިގެ މަތިވެރި ޘަވާބާއި ދަރުމަ ހޯދުމަށްޓަކައި ކުރަންވީ ކަންކަމުގެ ތެރޭގައި:
- ހާރު ކެއުން ފަސްކުޅައުމާއި،
- ފަރުޟު ނަމާދުތަކަށާއި، ރަވާތިބު ސުންނަތްތަކަށް ރައްކައުތެރިވުމާއި،
- ކީރީތި ޤުރްއާން ކިޔަވާ އިރު، ޤުރްއާނާ މެދު، ވިސްނައި ފިކުރުކުރުމާއި،
- ގިނަގިނައިން ދުޢާކުރުން ހިމެނެއެވެ.
- އަނބިދަރީންނާއި މައިންބަފައިންނާއި ގާތްތިމާގެމީހުންނަށް ހެއު ފޯރުވައި އިޙްސާންތެރިވެ އުޅުމާއި،
- ވަގުތުވުމުން ރޯދަވީއްލުން އަވަސްކުރުމާއި،
- ގިނަގިނައިން ޞަދަޤާތްކުރުން ހިމެނެއެވެ.
- ތަރާވީޙު ނަމާދާއި ރޭއަޅުކަންކުރުން

އިސްލާމިކް މަރުކަޒުގައި ހުކުރު ނަމާދު ކުރުން -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން
އެފަދަ ކަންކަމަށް ޖާގަ ލިބޭނެ ގޮތަށް ކަންކަން ރާވައިލައިގެން ރަމަޟާން މަހާ ބައްދަލުކޮށްފިނަމަ، އެންމެ ފުރިހަމަ ގޮތުގައި އެ މަތިވެރި ފޯވަހީގެ ބޭނުން ހިފޭނެ ކަމަށް ޚުތުބާގައި ބުންޏެވެ.
ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ކުރެވޭނެ އެންމެ މުހިންމު ކަމަކީ، އެ މަހަށް ތިމާގެ ނަފުސު ހޭނުވުން ކަމަށާއި، ރަމަޟާން މަސް އަހަރެމެންނާ ބައްދަލުވުމުގެ ކުރިން ފާއިތުވީ ރަމަޟާން މަހުގެ ރޯދައެއް ނުހިފިވާނަމަ، އެ ރޯދައެއް ހިފުމަކީ ވާޖިބުކަމެއްކަން ހަނދާންކޮށްދީ، ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ރޯދައިގެ މަތިވެރި އަޖުރުން އެއްވެސް މިންވަރެއް އުނިނުވެ، ރޯދަހިފޭނޭ ގޮތަކަށް އަހަރެމެން ރޯދަމަހާ ބައްދަލުކުރުމަށް ތައްޔާރު ވާންޖެހޭނެ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
"މުސްލިމް އަޚުންނޭވެ! ރަމަޟާން މަހަކީ، ވިޔަފާރީގެ ފައިދާއާއި މަންފާ އިތުރަށް ހޯދުމުގެ މަހަކަށް ނުހަދާ! އޭގެ ބަދަލުގައި، ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދީ، އެ މައްސަރުގެ ދަރުމަ ހޯދުމަށް ގަދައަޅައި މަސައްކަތްކުރޭ! ތިމާގެ ބެލެހެއްޓުމުގެ ދަށުގައިވާ މުވައްޒަފުންނަށް، މި މަތިވެރި މައްސަރުގެ މަތިވެރި ދަރުމަ ލިބޭނޭ ގޮތަށް، އަޅުކަމަށް ފުށުނާރާނޭހެން، މަސައްކަތުގެ މާހައުލު ބައްޓަންކުރޭ!" ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
ރޯދައިގެ ދަރުމައާއި ޘަވާބު އެހާވެސް މަތިވެރިވެގެންވީ އިރު، ފުރިހަމަ ގޮތުގައި އެ އަޅުކަން އަދާކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރުމަށް ޚުތުބާގައި ވަނީ ގޮވާލައިފައެވެ. ރޯދައަށްހުރެ، ނެތިމޮށުމާއި، ދެބައޮޑުވުމާއި، ދޮގުހެދުމާއި، އަރައިރުންވުމާއި، ފުރައްސާރަކުރުމާއި، ބާތިލު ވާހަކަދެއްކުމާއި، އެފަދަ ވާހަކަތައް އަޑުއެހުމަކީ ވެސް ރޯދައިގެ ޘަވާބަށް އުނިކަން އަންނާނޭ ކަންކަންކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.