ނީލަން ފިހާރަތައް ހުޅުމާލެއަށް ބަދަލުކުރަނީ

މާލޭގެ ނީލަން ފިހާރަ ސަރަހައްދު -- ސަން ފައިލް ފޮޓޯ

މާލޭގައި ހިންގި ނީލަން ފިހާރަތައް ވަގުތީގޮތުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ބިމަކަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިކަން ހާމަ ކުރެއްވީ ހަފުތާ 14ގެ ތެރެއިން ހައުސިން މިނިސްޓްރީއަށް މަތިކޮށްފައިވާ ކަންކަމުގެ ތެރެއިން ހާސިލުވި މިންވަރު ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ޑރ. ހައިދަރު ވިދާޅުވީ ނީލަން ފިހާރަތަކުގެ ވިޔަފާރިތައް އަލުން ފެށޭނެ އިންތިޒާމު ހަމަޖައްސައިދުނުމުގެ ގޮތުން ހުޅުމާލޭގެ ސިނާއީ ސަރަހައްދުން ބިމެއް ހަމަޖައްސައިދީފައިވާނެ ކަމަށެވެ. އަދި، އެ ބިމުގެ އިންވަކިކުރުމާ، ފުރިހަމަ ކުރަން ޖެހޭ އެހެނިހެން މަސައްކަތްތައް ފުރިހަމަކުރުން މިހާރު ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ޖެނުއަރީމަހުގެ ނުވަވަނަ ދުވަހު މާލޭގެ ނީލަން ފިހާރައިގައި އަލިފާން ރޯވެ، ހިނގި ނުރައްކާތެރި ހާދިސާއަށް ފަހު، މާލެ ސިޓީ ކައުންސިލުން ނިންމީ ނީލަން ފިހާރަ އެހެން ތަނަކަށް ބަދަލުކޮށް، ކުރިން ނީލަން ފިހާރަ ހުރި ބިން ހުސްކުރާށެވެ.

https://sun.mv/172697

ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރު ވެސް ނީލަން ފިހާރަފަދަ ތަނެއް ހުރުމަކީ މުހިއްމު ކަމެއްކަން ފާހަގަ ކުރައްވާފައިވެއެވެ. ނަމަވެސް އެ ފިހާރަތައް ހުންނަ ސަރަހައްދު ކަމުނުދާކަން ފާހަގަ ކުރައްވައި، އެތަން ބަންދުކުރީ ރައީސް މުއިއްޒު މޭޔަރުކަމުގައި ހުންނަވައިގެންނެވެ.

އެ މަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށް ފަހު ވެސް، ނީލަން ފިހާރަ ހިންގޭނެ ތަނެއް ކަނޑައަޅައި އެ ފިހާރަތައް އަލުން ހުޅުވާލުމުގެ ހުރިހާ މަސައްކަތެއް ވީހާ ވެސް އަވަހަކަށް ކުރިއަށް ގެންދިޔުމަށް އަންގަވާފައިކަން ސަރުކާރުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

މި ސަރުކާރުން ނީލަން ފިހާރަތައް ހުޅުމާލެއަށް ބަދަލުކުރަނީ، މީގެ ކުރީ ސަރުކާރުން ގުޅީފަޅު ނުވަތަ ތިލަފުއްޓަށް އެތަން ބަދަލުކުރާ ކަހަލަ ވިސްނުމެއް ގެންގުޅޭ ކަމަށް ބުނެފައިވަނިކޮށެވެ.

އެކި ފަހަރުމަތިން ނީލަން ފިހާރައިގައި ވަނީ ރޯވެފައެވެ. އެގޮތުން 2015 ވަނަ އަހަރާއި 2017 ވަނަ އަހަރު ވެސް ވަނީ އެ ތަނުގައި އަލިފާން ރޯވެފައެވެ. އެ ދެ ފަހަރު ވެސް އެތަނުގައި ގަސްތުގައި ރޯކޮށްލި ކަމަށް ތުހުމަތުކުރެވުނެވެ. އަދި، 2023 ވަނަ އަހަރު ވެސް އެ ތަނުގައި ރޯވެ ހިނގި ހާދިސާގެ ސަބަބުން 250 އަށްވުރެ ގިނަ މީހުންނަށް ވަގުތީ ހިޔާވަހިކަން ދޭން ޖެހުނެވެ.

އެ ތަނުގައި ވިޔަފާރިކުރުން މަނާކޮށް އެކަން ހުއްޓުވިފަހުން އަލުން އެ ތަނުގައި ވިޔަފާރިކުރަން ފެށީ ކުށުގެ ވެށީގައި އުޅޭ މީހުން ކަމަށް މާލޭ ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ ތުހުމަތުކޮށްފައެވެ.

comment ކޮމެންޓް