މަސައްކަތް ނުހިނގާތީ، ފެނަކައާ ހަވާލުކުރި 8 އައިސްޕްލާންޓުގެ އެއްބަސްވުން ބާތިލުކޮށްފި

ފިޝަރީޒް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް -- ސަން ފޮޓޯ/ އަހްމަދު އަމަން ލަތީފް

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސް ޕްލާންޓް އަޅަން ފެނަކައާ ހަވާލުކުރި އެއްބަސްވުންތަކުގެ ތެރެއިން އަށް އެއްބަސްވުމެއް މި ސަރުކާރުން ބާތިލްކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ، މިފްކޯއިން ވަނީ ނުވަ އައިސްޕްލާންޓެއް ގާއިމުކުރުމުގެ މަސައްކަތް ފެނަކައާ ހަވާލުކޮށްފައި ކަމަށެވެ.

ނަމަވެސް، އޭގެ ތެރެއިން ބައެއް އައިސްޕްލާންޓްތަކުގެ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ނުދާކަން ފާހަގަވެ، އެއްބަސްވުންތައް ބާތިލުކުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުގެ މަތިން ފެނަކައާ ހަވާލުކުރި ނުވަ އައިސްޕްލާންޓްގެ ތެރެއިން އަށް އައިސްޕްލާންޓުގެ އެއްބަސްވުން ބާތިލުކުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މި އެއްބަސްވުންތައް ގާއިމުކޮށްފައިވަނީ، ދުނިޔޭގެ ބާޒާރުގައި މަސައްކަތް ކުރެވޭ އަގަށް ވުރެ ވެސް ދަށް އަގެއްގައި ކަމަށެވެ. އެހެންކަމުން ފެނަކައަށް އެ މަސައްކަތް ނުކުރެވޭނެ ކަމަސް ބަލާ ދެ ފަރާތުން އެއްބަސްވެގެން އައިސްޕްލާންޓް އެޅުމުގެ އެއްބަސްވުން ބާތިލުކުރީކަމަށް އޭނާ ވިދާޅުވިއެވެ.

"...އޭގެ ތެެރެއިން އަޅުގަނޑުމެން ވާނީ ބައެއް އައިސްޕްލާންޓްތަކުގެ އެގްރީމަންޓު ޓާމިނޭޓްކޮށް އެ އައިސްޕްލާންޓަތައް ވީހާ ވެސް އަވަހަކަށް ގާއިމުކުރުމުމަށްޓަކާ މިފްކޯއާ އަނެއްކާ ވެސް ހަވާލު ކުރެވިގެން ޓެންޑަރިންގައި މިހާރު ވަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

އެ އައިސްޕްލާންޓްތަކުގެ ތެރެއިން ގިނަ އައިސްޕްލާންޓްތައް މި އަހަރު ނިންމަން މަސައްކަތް ކުރާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ބާތިލުކުރި އެއްބަސްވުންތަކަކީ އެއްވެސް ވަރަކަށް މަސައްކަތް ހިނގާފައިނުވާ އެއްބަސްވުންތަކެއް ކަމަށެވެ. ނުވަތަ ވަރަށް ކުޑަ މިންވަރަކަށް މަސައްކަތް ކުރިއަށް ގޮސްފައިވާ މަސައްކަތްތަކެއްގެ އެއްބަސްވުންތަކެއް ކަމަށެވެ.

އިތުރަށް ޝިޔާމް ވިދާޅުވީ، މި އެއްބަސްވުންތައް ވެފައިވަނީ ފެނަކައިން ވެސް ސަރުކާރަށް އެއްބާރުލުންދީ އެހީތެރިވުމަށް ކަމަށެވެ.

comment ކޮމެންޓް