ކުޑަ ޑިންގީއެއްގައި ނުކުމެ 155 ކިލޯގެ ބޮޑު ކަންނެއްޔެއް ބާނައިފި

ބާރީ އޭނާ ބޭނި 155 ކިލޯގެ ބޮޑު ކަންނެއްޔާ އެކު --- ފޮޓޯ/ އެންޒި ޖަޑޫ - ފޭސްބުކް

ކުޑަކުޑަ ޑިންގީއެއްގައި ނުކުމެ ގދ. ގައްދޫ، ފެނޭބާގޭ، އިބްރާހީމް ހަސަން (ބާރީ) ވަނީ 155 ކިލޯގެ ބޮޑު ކަންނެއްޔެއް ބާނައިފިއެވެ.

ބާރީ ވަނީ އެ ބޮޑު ކަންނެލި ބޭނި ގޮތް "ސަން"އަށް ހިއްސާކޮށްފައެވެ.

ބާރީ ބުނީ، އޭނާ މި މަސް ބާނާފައިވަނީ އިއްޔެ ރައްޓެއްސަކާ އެކު ވަދުއަޅަން ގޮސް ގަމު ކަނޑު ތެރެއިން ކަމަށެވެ. އަދި، ވަދުއަޅަން ދިޔައީ ވަރަށް ކުޑަކުޑަ ޑިންގީއެއްގައިކަން ބާރީ ވަނީ ފާހަގަކޮށްފައެވެ.

އޭނާ ބުނީ، މި ބޮޑު ކަންނެލި ނެގީ ރަހުމަތްތެރިޔަކާ ދެ މީހުން ވާޖަހާ ދަމާފައި ކަމަށެވެ. އަދި، ކަންނެލި އެ ކުޑަކުޑަ ޑިންގީއަށް އެރުވުނުއިރު ދެ މީހުން ވެސް ތިބީ މުޅިން ވަރުބަލިވެފައި ކަމަށް ބާރީ ބުންޏެވެ.

އެއީ، 155 ކިލޯގެ ބޮޑު ކަންނެއްޔެކެވެ.

"ޑިންގީއަށް ކަންނެލި އެރުވުނުއިރު ދެ މީހުން ތިބީ ވަރުބަލިވެފައި މުޅިން. ދެން ތަގުދީރުގައި ވާން ހުރިކަމެއް ވާނެ،" ބާރީ ބުންޏެވެ.

އުމުރުން 61 އަހަރުގެ ބާރީ ބުނީ އޭނާއަކީ ކުރިން މަސްވެރިކަމުގައި އުޅުނު މީހެއް ކަމަށާއި ނަމަވެސް މިހާރު އެ ކަމާ ދުރުވެ, ގައްދޫ ފެނަކައިގައި ވަޒީފާ އަދާކުރާތާ ތިން ވަރަކަށް އަހަރުވެފައިވާ ކަމަށެވެ.

ނަމަވެސް، ދޭތެރެއަކުން މި ގޮތަށް ރައްޓެހިންނާ އެކު މަސް ބާނަން ދާކަމަށް ބާރީ ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން އޭޕްރިލް، 2018 ގައި 231 ކިލޯގެ ކަންނެއްޔެއްގެ މަސްވެރިއަކު ބާނާފައިވެއެވެ.

މީގެ ކުރިން ދުނިޔޭގެ އެކި ހިސާބުތަކުން ވަނީ ވަރަށް ބޮޑެތި ކަންނެލި ބާނާފައެވެ.

ދިވެހިރާއްޖެއަކީ އިންޑިއާ ކަނޑުގައި ކުރެވޭ ކަޅުބިލަމަހުގެ މަސްވެރިކަމުގައި އެވްރެޖްކޮށް 22 އިންސައްތަ ޙިއްޞާކުރާ ޤައުމެކެވެ. ނަމަވެސް، އިންޑިއާ ކަނޑުގައި ބާނާފައިވާ ކަންނެލީގެ ތެރެއިން ދިވެހިރާއްޖެ ޙިއްޞާކުރާ މިންވަރަކީ އެވްރެޖްކޮށް ފަސް އިންސައްތައެވެ.

comment ކޮމެންޓް