ކިޑްނީ ބަލި ދިވެހި ޒުވާނުންގެ މެދުގައި އިތުރުވަނީ

މީހަކު ޑައިލަސިސް ހަދަނީ: ރާއްޖޭގައި ކިޑްނީ ބަލިތައް ގިނަ--

ރާއްޖޭގައި ކިޑްނީގެ ބަލިތައް ޖެހޭ މީހުންގެ ނިސްބަތް ވަރަށް ބޮޑަށް އިތުރުވަމުން ދާ ކަމަށާއި އޭގެ ތެރޭގައި ޒުވާނުންގެ އަދަދު ގިނަ ކަމަށް، މަރުކަޒީ ހޮސްޕިޓަލް އައިޖީއެމްއެޗްއިން މިއަދު ބުނެފިއެވެ.

ދުނިޔޭގެ ކިޑްނީ ބަލީގެ ދުވަސް ފާހަގަ ކުރުމަށް އައިޖީއެމްއެޗްއިން މިއަދު ވަނީ ހަރަކާތްތަކެއް ފަށައިފައެވެ. އެގޮތުން ޓީވީއެމްގެ ހެނދުނުހެނދުނާ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެ ހޮސްޕިޓަލްގެ ސީނިއާ ރެޖިސްޓާޑް ނަރުސް އައިމިނަތު ފަތީނާ ވިދާޅުވީ ވޭތުވެދިޔަ 10 އަހަރަށް ބަލާއިރު ރާއްޖޭގައި ކިޑްނީ ބަލި ޖެހޭ މީހުންގެ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

އޭގެ ތެރެއިން ވެސް ކިޑްނީ ބަލީގެ އެންމެ ފަހު ސްޓޭޖަށް ގޮސް ޑައިލިސިސް ހަދަން ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޑައިލަސިސް ހަދަން ޖެހޭ އުމުރުފުރާ މިވަނީ ހަގު ވެފައި. މީގެ މާނައަކީ މިހާރު އަޅުގަނޑުމެންގެ އެބަތިއްބޭ އުމުރުން 15 އަހަރުން ފެށިގެން 40 އަހަރާ ދެމެދުގެ ވޭތުވެދިޔަ 10 އަހަރަށް ބަލާއިރު ގިނަ ޕޭޝެންޓުން،" ޑައިލަސިސް ޔުނިޓްގައި މަސައްކަތް ކުރާ ފަތީނާ ވިދާޅުވިއެވެ.

"އޭގެ މާނައަކީ އަޅުގަނޑުމެންގެ ޒުވާނުންގެ މެދުގައި ކިޑްނީ ބަލި މިވަނީ އިތުރުވެފައޭ."

ޑރ. މިޒްނާ، ހެނދުނުހެނދުނާ ޕްރޮގްރާމްގައި--

މިހެން މިކަން ދިމާވާ ސަބަބު ތަފުސީލު ކޮށްދެއްވަމުން ޑރ. އައިމިނަތު މިޒްނާ ވިދާޅުވީ ކިޑްނީ ބަލިތައް އިތުރުވާ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ދިރިއުޅުމުގެ ވައްޓަފާޅި ކަމަށެވެ. އެގޮތުން ހެލިފެލިވުން މަދު ދިރިއުޅުމަކީ މިކަމުގެ ވެސް މައިގަނޑު ސަބަބު ކަމަށް މިޒްނާ ވިދާޅުވިއެވެ.

ހެލިފެލިވުން ދަށް ވުމުން ލޭމައްޗަށް ދިއުމާއި ހަކުރު ބަލިފަދަ ދާއިމީ ބަލިތައް އިތުރުވަމުން ދާ ކަމަށާއި މިއީ ކިޑްނީ ބަލިތައް ޖެހެން މެދުވެރިވާ ސަބަބެއް ކަމަށް މިޒްނާ ވިދާޅުވިއެވެ.

"ލޭގެ ޕްރެޝަރު ކޮންޓްރޯލް ނުވެ ދިގު މުއްދަތަކަށް ހުރުމާއި ހަކުރު ބަލި ކޮންޓްރޯލް ނުވެ ދިގު މުއްދަތަކަށް ހުރުމާއި މާބޮޑަށް މީހާ ފަލަވެ މިކަހަލަ ކަންތައްތަކުން ވެސް {ކިޑްނީ} ބަލިތަކަށް މީހާ ހުށަހެޅޭ. އޭގެ ސަބަބުން ކިޑްނީއަށް އަސަރުކޮށް. ކިޑްނީ ފެއިލްވުމާ ހަމައަށް ގޮސް އެންމެ ފަހުން ޑައިލަސިސްއާ ހަމައަށް ދާން ޖެހެނީ." ޑރ. މިޒްނާ ވިދާޅުވިއެވެ.

މިޒްނާ ވިދާޅުވީ ކިޑްނީ ބައްޔެއް ޖެހެމުން ވަރަށް ގިނަ މީހުން މާޔޫސްވެ، މަރު ދުވަސް އައީ ކަމަށް ގަބޫލު ކުރާ ކަމަށެވެ. ނަމަވެސް ކިޑްނީ ބަލީގެ އެކި ސްޓޭޖްތައް ހުންނައިރު ކުރިއާލާ ދެނެގަނެވިއްޖެނަމަ ކިޑްނީ ފެއިލްވިޔަ ނުދިނުމަށް ފަރުވާތައް ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކިޑްނީ ފެއިލްވެ ޑައިލަސިސް ހަދަން ޖެހުނު ނަމަވެސް މީހާ ފަރުވާ ހޯދުމުން ރަނގަޅަށް ދިރިއުޅެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޑްނީ ބަލިތަކުން ރައްކާތެރިވުމަށް އިރުޝާދު ދެއްވަމުން ޑރ. މިޒްނާ ވިދާޅުވީ ހަކުރާއި ލޭގެ ޕްރެޝަރު ރަނގަޅު މިނެއްގައި ހިފެހެއްޓުން ވަރަށް މުހިންމު ކަމަށެވެ. އެއާއެކު ސިއްހަތަށް ފައިދާ ލިބޭ ކާނާ ކެއުމަށާއި ގަވައިދުން ކަސްރަތު ކުރުމަށް އޭނާ އިރުޝާދު ދެއްވިއެވެ. އެގޮތުން ހަށިގަނޑުގެ އިސްކޮޅާ އެކަށީގެންވާ ބަރުދަނެއްގައި މީހާ ހުރުމަށް އިސްކަން ދިނުމަށް އިރުޝާދު ދެއްވިއެވެ.

ރާއްޖޭގައި ޑައިލަސިސްގެ ޚިދުމަތް ދޭން ފެށީ 2002 ވަނަ އަހަރުއެވެ. މިހާރު އައިޖީއެމްއެޗްގެ އިތުރުން ސިއްހީ ޚިދުމަތް ދޭ 13 ތަނަކުން ޑައިލަސިސް ހެދެއެވެ.

ފަތީނާ ވިދާޅުވީ އައިޖީއެމްއެޗްގައި ޑައިލަސިސް ހެދުމަށް 20 އެނދު ކަނޑައަޅާފައިވާއިރު ބަލި މީހުން އިތުރުވުމުގެ ސަބަބުން ފަރުވާ ދިނުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

"އޯވަފްލޯވެފައި އަޅުގަނޑުމެން މިތިބީ. އެވަރަށް އަޅުގަނޑުމެންގެ ޑައިލަސިސް ޕޭޝެންޓުން މި ވަނީ އިތުރުވެފައި." ފަތީނާ ވިދާޅުވިއެވެ.

"އެމަޖެންސީއަށް ޚާއްޞަ ބެޑް ވެސް ނަގަން ޖެހިފައި އޮންނަނީ. އިތުރު އެއްވެސް ބެޑޭއް ނުބައިންދާ އޯވަ ފުލްކޮށް ހަތަރު ޝިފްޓަށް ޑައިލަސިސް ޔުނިޓް ރަން ކުރާއިރުގައި ފުލްކޮށް މި ރަން ކުރެވެނީ."

comment ކޮމެންޓް