ޓީބީ ފެތުރޭތީ ކެލިފޯނިއާގެ ސިޓީއެއްގައި ސިއްހީ ކުއްލި ނުރައްކާ އިއުލާނުކޮށްފި

ކެލިފޯނިއާގައި ޓީބީ ކޭސްތައް ވަނީ އިތުރުވެފައި -- ފޮޓޯ/ ގެޓީ

އެމެރިކާގެ ކެލިފޯނިއާގެ ލޯންގް ބީޗް ސިޓީގައި ޓިއުބާކްލޯސިސް ނުވަތަ ޓީބީ ފެތުރޭތީ ސިއްހީ ކުއްލި ނުރައްކާ އިއުލާނުކޮށްފިއެވެ.

އެ ބަލި ޖެހިގެން އެ ސިޓީން ހޯމަ ދުވަހުގެ ނިޔަލަށް 14 ކޭސް ރިޕޯޓުކޮށްފައިވާއިރު އޭގެ ތެރެއިން އެކަކު މަރުވެފައިވެއެވެ. އަދި މި ބައްޔަށް ހުށަހެޅިދާނެ އިތުރު 170 މީހަކުވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. އެ އެންމެން ވެސް ސްކްރީން ކުރުމަށް ތައްޔާރީތައް ވަމުން އަންނަ ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

އެމެރިކާގެ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)އިން ބުނާ ގޮތުގައި ޓީބީއަކީ އާންމުކޮށް ފުއްޕާމެއަށް ޖެހޭ ނުރައްކާތެރި ބައްޔެކެވެ. ކެއްސާ ކިނބިހި އެޅުމުގެ ސަބަބުން ފެތުރޭ މި ބަލި ޖެހިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރަކު ގާތްގަނޑަކަށް 1.6 މިލިއަން މީހުން މަރުވެއެވެ.

ބައްޔާ ގުޅިގެން ސިއްހީ ކުއްލި ނުރައްކާ އިއުލާނުކުރީ ބަލި ފެތުރުމުގެ ކުރިން އަޅަންޖެހޭ ރައްކާތެރި ފިޔަވަޅުތައް އެޅުމަށް ކަމަށް ލޯންގް ބީޗްގެ ސިއްހީ އޮފިސަރު ޑރ. އަނިއްސާ ޑޭވިސް ވިދާޅުވިއެވެ.

ޓީބީ ޖެހިފައިވާ މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކާބޯތަކެއްޗާއި ދަތުރުފަތުރުގެ އިންތިޒާމު ހަމަޖެއްސުމަށް ހެލްތު ޑިޕާޓްމަންޓުން ވަނީ ނިންމައިފައެވެ. އަދި ޓިއުބަކިއުލޯސިސްއަށް ފަރުވާ ދިނުމަށް ކުރާ ރަދުތައް ވެސް އެ ޑިޕާޓްމަންޓުން ކަވަރު ކުރާނެއެވެ.

comment ކޮމެންޓް