މަޝްހޫރު ސްޓްރީޓް ނެށުމުގެ ސްޓައިލެއް ކަމަށްވާ "ބްރޭކް ޑާންސިން" ރަސްމީ ކުޅިވަރެއްގެ ގޮތުގައި ބަލައިގަނެ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އިވެންޓު ކަމަށްވާ އޮލިމްޕިކްސްގައި ހިމެނުމަށް ނިންމައިފިއެވެ.
މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ސަމާ އޮލިމްޕިކްސް އަކީ ތަފާތު އެކި ކުޅިވަރުތައް ބަލައި ގަނެ އެ ކުޅިވަރުތަކުން އެންމެ މޮޅު ބަޔަކު ހޯދުމަށް ބާއްވާ އެންމެ ބޮޑު އިވެންޓެވެ. މި އިވެންޓުގައި ޓޭބަލް ޓެނިސްއިން ފެށިގެން ސާފް ކުރުމާއި ކެނޯ ކުރުން އަދި ފެންސު ކުރުން ވެސް ހިމެނެއެވެ.
މި ފަހަރު ޕެރިސްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސަމާ އޮލިމްޕިކްސްގައި ބްރޭކް ޑާންސްގެ ދެ އިވެންޓެއް ކުރިއަށް ގެންދާނެއެވެ. އެއީ, އަންހެނުންނަށް ހާއްސަ "ބީ-ގާލްސް" މުބާރާތާއި ފިރިހެނުންނަށް ހާއްސަ "ބީ-ބޯއިސް" މުބާރާތެވެ. މި ދެ މުބާރާތް ކުރިއަށް ދާނީ އޯގަސްޓް މަހުގެ ނުވަވަނަ ދުވަހާއި 10 ވަނަ ދުވަހުގައެވެ.
އެންމެ ބޮޑު އޮލިމްޕިކްސް އިވެންޓުގައި މިފަދަ ކުޅިވަރެއް ތައާރަފުކުރާއިރު ޔޫތު އޮލިމްޕިކްސްގައި މިފަދަ މުބާރާތެއް އެއް ފަހަރު ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން މިފަދަ ބްރޭކް ޑާންސް މުބާރާތެއް މީގެ ކުރީން ފެނިގެން ގޮސްފައިވަނީ 2018 ވަނަ އަހަރުގައެވެ.
އެއަށް ފަހު ރަސްމީ ކޮށް މި ކުޅިވަރެއްގެ ގޮތުގައި މި އަހަރު ފެނިގެން ދާނެއެވެ. އެގޮތުން ސޯލޯ މުބާރާތުގެ ގޮތުގައި 16 ބައިވެރިން ކޮންމެ ކެޓަގަރީއަކުން ވާދަ ކުރާނެއެވެ. އަދި, ޑާންސްތައް އިމްޕްރޮވައިޒް ކުރުމަކީ މި މުބާރާތުގެ ބޮޑު ސިފައެކެވެ. އެއީ, މިއުޒިކާއި ބީޓް ކޮންޓްރޯލް ކުރާނީ ފަނޑިޔާރުންނަށް ވާތީއެވެ.
ބްރޭކް ޑާންސް ނުވަތަ ބްރޭކިން އަދި ބީ-ބޮއިން އަކީ 70ގެ އަހަރުތަކުގެ ތެރޭގައި އެމެރިކާއިން ތައާރަފުވި ނެށުމުގެ ސްޓައިލެކެވެ. ހިޕްހޮޕް ސަގާފަތުގެ ތެރެއިން މި ސްޓައިލް މަގުބޫލުވީ ބްރޮންކްސްގެ މަގުތަކުގައި އެއްވެ އުޅުންތަކުން މި ސްޓައިލް މަގުބޫލުވިއެވެ. ތަފާތު ފުޓްވޯކް އާއި އެކްރޮބެޓިކްސް މޫވްތައް ހިމެނޭ މި ޑާންސް ސްޓައިލް އަކީ އަވަސް ސްޓައިލެކެވެ. އެއާއެކު މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ސްޓައިލް މަގުބޫލު ވިއެވެ.