ހުޅުމާލޭގައި މިދިޔަ ދެ މަހު އެވަރެޖްކޮށް 150 އެކްސިޑެންޓް ހިނގި

ހުޅުމާލޭ އެއްވަނަ ފިޔަވައްސާއި ދެވަނަ ފިޔަވަހި މަތިން ފެންނަ ފޮޓޯއެއް --- ފޮޓޯ/ ޒިންހުއާ

ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި ފާއިތުވެ ދިޔަ ދެ މަސްތެރޭގައި އެވަރެޖުކޮށް 150 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ހިއްސާކުރައްވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު ވިދާޅުވީ ހުޅުމާލޭގެ އާބާދީ ވަރަށް އަވަހަށް އިތުރުވަމުން އަންނައިރު، ހިތިގަސް މަގު، ރީތިގަސްމަގު، ސައިމާ ހިނގުން ފަދަ ބޮޑެތި މަގުތަކުގައި އެކްސިޑެންޓައް ހިނގަމުންދާ މިންވަރު އިތުރުވާ ކަމަށެވެ.

އޭނާ ވިދާޅުވީ ނުރައްކާތެރިކޮށް، އާންމުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް ދުއްވުމުގެ މައްސަލަތަކަކީ ހުޅުމާލޭގައި ފުލުހުންނަށް ހުށަހަޅާ މައްސަލަތައް ކަމަށެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރޭގައި އެ ފަދަ އުޅަނދުތައް ހުއްޓުވައި ޓޯކުރާކަން ފާހަގަ ކުރައްވައި ރަޖުނީ ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި ވެސް މި ފަދަ މައްސަލަތައް މަދުކުރުމަށް އިތުރު ހަރުކަށި ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމަށެވެ.

މިފަދަ ބޮޑެތި އެކްސިޑެންޓްތައް ހިނގަން މެދުވެރިވަނީ ބައެއް ފަރާތްތަކުން ދުއްވުމާއި މަގުމަތީގައި ހިނގާބިނގާވެ އުޅުމުގެ ގަވާއިތަކާ ޚިލާފުވާތީކަން ރަޖުނީ ފާހަގަ ކުރެއްވިއެވެ. އެ ގޮތުން ދުއްވަން ހުއްދަ ސްޕީޑަށް ވުރެ ބާރަށް ދުއްވުމާއި، ޔޫޓާން ނަގަން ނުހުންނަ ސަރަހައްދުތަކުން ޔޫޓާން ނެގުން އޭނާ ފާހަގަ ކުރައްވައި، އެކަންކަން ނުކުރުމަށް އިލްތިމާސްކުރެއްވިއެވެ.

ނުރައްކާތެރި އެކްސިޑެންޓުތައް އެންމެ ގިނައީ މާލޭ ސަރަހައްދުގައެެވެ.

ފުލުހުން އާންމުކުރި ހިސާބުތައް ދައްކާގޮތުން ނިމިދިޔަ އަަހަރުގެ ތިންވަނަ ކުއާޓަރުގައި ދެވަނައަށް އެންމެ ގިނައިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޓްރެފިކް އެކްސިޑެންޓުތަކެވެ. ތިންވަނަ ކުއާޓަރުގައި އެކަނި ވެސް 1116 އެކްސިޑެންޓު ރިޕޯޓުކުރިއެވެ.

އޭގެ ތެރެއިން 606 އެކްސިޑެންޓެއްގެ މައްސަލަ ލޮޖުކޮށް ބަލައިފައިވެއެވެ. އޭގެ ތެރެއިން 549 މައްސަލަ ބަލައި ނިންމިއިރު ދައުވާކުރަން ފޮނުވީ އެންމެ މައްސަލައެއްގައެވެ.

comment ކޮމެންޓް