އިސްރާއީލު ގެންދަނީ ކާބޯތަކެތި ހަތިޔާރަކަށް ހަދައިގެން ޣައްޒާގެ ކުޑަކުދިން މަރަމުން: ޑަބްލިޔުއެޗްއޯ

ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާގެ ވެރިޔާ ޓެޑްރޯސް

ޖެނީވާ (6 މާޗް 2024): އިސްރާއީލުން ކާބޯތަކެތި ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްގެން ޣައްޒާގައި ފަލަސްތީނުގެ ކުޑަކުދިން މަރަމުން ގެންދާކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާ "ޑަބްލިޔޫއެޗްއޯ"އިން ބުނެފިއެވެ.

އެ ޖަމްއިއްޔާގެ ވެރިޔާ އަދި ޑައިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިއޭސޮސް ވިދާޅުވި ގޮތުގައި ޑަބްލިޔުއެޗްއޯގެ ޓީމުތަކުން ދާދި ފަހުން ޣައްޒާއަށް ކުރި ޒިޔާރަތުގައި އިސްރާއީލުން ކާބޯތަކެތި ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްގެން ޣައްޒާގެ ކުޑަކުދިން މަރާ މަންޒަރު އެޓީމުތަކުގެ މެންބަރުންނަށް ފެނި އެބޭފުޅުންގެ ރިޕޯޓްގައި އެކަން ހާމަކޮށްފައިވެއެވެ.

އިސްރާއީލު ސިފައިން ޣައްޒާގެ ހޮސްޕިޓަލްތަކަށް ހަމަލާދީ ހޮސްޕިޓަލްތައް ފުނޑުފުނޑުކޮށްލާފައިވާ މަންޒަރުވެސް އެޓީމުތަކަށް ފެނިފައިވާކަމަށާއި ޣައްޒާގެ ޑޮކްޓަރުންނާއި ނަރުހުން މަރަން އިސްރާއީލު ސިފައިން މަސައްކަތްކުރާ މަންޒަރުވެސް ފެނިފައިވާކަން އެޓީމުތަކުން ހާމަކޮށްފައިވާ ކަމަށް ޓެޑްރޯސް ވިދާޅުވިއެވެ.

"ޑަބްލިޔޫއެޗްއޯ"ގެ ވެރިޔާ މިމޭރުމުން ވާހަކަ ދައްކަވާފައިވަނީ ޣައްޒާއަށް ދިޔަ ޑަބްލިޔުއެޗްއޯގެ ޓީމުތަކުން އެކުލަވާލި ރިޕޯޓް ނެރެދިނުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

އިސްރާއީލު ސިފައިން ހަމަލާދީ މަރާފައިވާ ޣައްޒާގެ ކުޑަކުދިންތަކެއް

ޑަބްލިޔުއެޗްއޯ ބުނާގޮތުން އެޖަމްއިއްޔާގެ ޓީމުތައް ޣައްޒާއަށް ކުރި ދަތުރުގައި ޒިޔާރަތް ކުރެއްވި ތަންތަނުގެ ތެރޭގައި ޣައްޒާގެ އުތުރުގައި އޮންނަ މުސްތަޝްފާ އަލްޢަވްދާ އަދި މުސްތަޝްފާ ކަމާލް ޢަދްވާން ހޮސްޕިޓަލް ހިމެނެއެވެ. މިދެ ހޮސްޕިޓަލްގެ ތެރެއިން ކަމާލް ޢަދްވާން ހޮސްޕިޓަލަކީ ޣައްޒާގެ އުތުރުގައި ހުންނަ ކުޑަކުދިންނަށް ޚާއްޞަ ހަމައެކަނި ހޮސްޕިޓަލެވެ.

ޑަބްލިޔުއެޗްއޯގެ ޓީމުތަކުގެ ރިޕޯޓްގައިވާގޮތުން އެ ދެ ހޮސްޕިޓަލުންވެސް ފެނުނީ ވަރަށް "ހިތާމަވެރި" ބިރުވެރި މަންޒަރުތަކެކެވެ. އެއީ އެދެތަނުގައި އެދުމަތިކޮށްފައިވާ ކުޑަކުދިންނަށް ބޭހާއި ކާބޯތަކެތި ނުލިބިގެން މަރުވާ މަންޒެރެވެ. އައްސިކުރާ ސާމާނާއި ބޭސްނެތިގެން އައްސިނުކޮށް އޮޕަރޭޝަންތައް ކުރަން ޣައްޒާގެ ޑޮކްޓަރުންނަށް މަޖުބޫރިވެފައިވާ މަންޒަރެވެ.

އަދި ކަރަންޓާއި ފެންފަދަ އެއްވެސް ވަސީލަތެއް ނެތްމަންޒަރާއި އިސްރާއީލު ސިފައިން ހަމަލާދީ އޭގެތެރެއިން އަލްޢަވްދާ ހޮސްޕިޓަލްގެ ބޮޑުބައެއް ހަލާކުކޮށްލާފައިވާ މަންޒަރެވެ. ކާބޯތަކެތި ނުލިބިގެން ކަމާލް ޢަދްވާން ހޮސްޕިޓަލުން 10 ކުޑަކުދިން މަރުވެފައިވާކަން މިރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ޣައްޒާގެ ރަފްހު ބޯޑަރުގައި ކާބޯތަކެއްޗާއި ބޭސް ފަދަ އިންސާނީ އަސާސީ ބާވަތްތައް ހިމެނޭ ދެހާހަށްވުރެގިނަ ލޮރީ އެބައޮތެވެ. ނަމަވެސް މިއިން ލޮރީއެއް ޣައްޒާގެ އެތެރެއަށް ވެއްދުމުގެ ފުރުސަތު އިސްރާއީލުން ނުދެއެވެ. ނަތީޖާއަކީ ކުޑަކުދިންވެސް ހިމެނޭގޮތަށް ޣައްޒާގެ 2.2 މިލިޔަން ރައްޔިތުންގެ ތެރެއިން މިލިޔަނެއްހާ މީހުން ބަނޑަށް ޖެހިފައިވުމެވެ.

މި ރިޕޯޓާ ހަވާލާދީ ޓެޑްރޯސް ވިދާޅުވިގޮތުގައި ހޮސްޕިޓަލްތަކަށް އިސްރާއީލުން ހަމަލާދިނުމުގެ އިތުރުން އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ކަރަންޓާއި ފެން ނެތުމާއި ބޭހާއި ވަސީލަތްތައް ނެތުމަކީވެސް ޣައްޒާގެ ބަލި މީހުންނަށް ސިއްހީ ފަރުވާ ދިނުމަށް އޮތް ބޮޑު ހުރަހެކެވެ.

އިސްރާއީލުގެ ހަމަލާތަކުގައި ޒަޚަމްވެފައިވާ ޣައްޒާގެ ރައްޔިތުންނަށާއި އަލަށް އުފަންވާ ތުއްތު ކުދިންނަށާއި ވިހާ މައިންނަށާއި މާބަނޑު މީހުންނަށް އިންތިހާއަށް ސިއްހީ ފަރުވާ ބޭނުންވާކަމަށާއި ނަމަވެސް އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް ހުއްޓާލައިގެން މެނުވީ ސިއްހީ ފަރުވާގެކަންތައް ކުރިޔަށް ގެންދެވޭނެ މަގެއް ފެންނަން ނެތްކަމަށް ޓެޑްރޯސް ވިދާޅުވިއެވެ.

comment ކޮމެންޓް