ޚާން ޔޫނިސްގެ ހޮސްޕިޓަލަކުން 200 އެއްހާ ގަބުރު ފެނިއްޖެ

އަލް ނަސީރު ހޮސްޕިޓަލް ތެރެއިން މަރުވެފައިވާ ހަށިގަނޑުތައް ނަގަނީ. ފޮޓޯ/އަލް ޖަޒީރާ

ޣައްޒާގެ ހާން ޔޫނިސްގައި ހުންނަ އަލް ނަސީރު ހޮސްޕިޓަލް ތެރެއިން ގާތްގަނޑަކަށް 200 އެއްހާ ގަބުރު ފެނިއްޖެއެވެ.

އެގޮތުން ހޮސްޕިޓަލް ތެރެއިން މިހާތަނަށް 180 ގަބުރު ވަނީ ހޯދައިފައެވެ.

ފަލަސްތީނުގެ ސިވިލް ޑިފެންސް ކްރޫއިން ހޯދައިފައިވާ އެ ގަބުރުތައް ފެނިފައި ވަނީ ޣައްޒާގެ ދެކުނުގައި ތިބި އިސްރާއީލުން ސިފައިން މި މަހުގެ ހަތް ވަނަ ދުވަހު އެ ސިޓީން ފޭބުމުން ހޮސްޕިޓަލްތަކާއި އެ ނޫން ވެސް ތަންތަން ބަލައި ފާސްކުރަނިކޮށެވެ.

"ހޮސްޕިޓަލް ގޯތިތެރޭގައި ސިވިލް ޑިފެންސް މެމްބަރުންނާއި ޕެރަމެޑިކްސް އިން ވަނީ އިސްރާއީލުގެ އަސްކަރިއްޔާއިން ވަޅުލާފައިވާ 180 ހަށިގަނޑު ހޯދާފައި. ހަށިގަނޑުތަކުގެ ތެރޭގައި އުމުރުން ދުވަސްވީ އަންހެނުންނާއި ކުޑަކުދިންނާއި ޒުވާނުން ހިމެނޭ." އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.

އަދި އިތުރު ހަށިގަނޑުތައް ފެނޭތޯ ބަލަމުން ގެންދާ ކަމަށް ފަލަސްތީނުގެ އިމާޖެންސީ ސާވިސުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މި ހަފުތާގެ ކުރީކޮޅު ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް، އަލް ޝިފާ ވަނީ ގިނަ އަދަދެއްގެ ގަބުރު ފެނިފައެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 34،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

ޝަހީދުކޮށްލި މީހުންގެ ތެރެއިން މަދުވެގެން ދެބައިކުޅަ އެއްބައި މީހުންނަކީ ކުޑަކުދިންނާއި އަންހެނުންނެވެ. އިސްރާއީލުގެ ހަމަލާތަކުގައި ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުގައިވެސް އެތައް ބަޔަކު ތާށިވެފައި އެބަތިއްބެވެ.

އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ކާބޯތަކެއްޗާއި، ސާފު ބޯފެން އަދި ބޭސްފަދަ ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާނެ ސާމާނުވެސް ނުލިބިތިބިއިރު، ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުން ވަނީ އެ މީހުންގެ އަމިއްލަ ގެދޮރު ގެއްލިފައެވެ.

comment ކޮމެންޓް