ޔުނީފޯމް ބާލަނީއެއް ނޫން، އަންނަނީ އާންމުންކަން ޔަގީން: އެމްއެންޑީއެފް

އިންޑިއާއިން ހަދިޔާކުރި މިލިޓަރީ ހެލިކޮޕްޓަރުގައި ބަލި މީހަކު އުފުލަކީ: އެމްއެންޑީއެފުން ބުނީ އިންޑިއާ ސިފައިންގެ ބަދަލުގައި އަންނަނީ އާންމުންކަން ޔަގީންކުރާނެ ކަމަށް ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ ސިފައިން އަނބުރާ ގައުމަށް ފޮނުވައިލުމަށް ފަހުގައި މިހާރު ގެންނަ ސިވިލިއަނުންނަކީ އިންޑިއާ ސިފައިން ނޫންކަން ޔަގީންވާ ކަމަށާއި އެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.

ހަފުތާ 14 ގެ ވައުދުތަކާ ގުޅޭގޮތުން ބަންޑާރަނައިބުގެ އޮފީހާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެންޑީއެފްގެ ޕްރިންސިޕަލް ޑިރެކްޓާ، ޕްލޭންސް ޕޮލިސީ އެންޑް ރިސޯސް މެނޭޖްމަންޓު ކާނަލް އަހްމަދު މުޖުތަބާ މުހައްމަދު ވިދާޅުވީ، ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ފޮނުވައިލުމުގެ ކަންކަން ކުރިއަށްދަނީ ވަރަށް ބޮޑެތި ޑިޕްލޮމެޓިކް މަޝްވަރާތަކެއްގެ މަތިން ކަމަށެވެ.

"އޭގެ އިތުރަށް އަޅުގަނޑުމެން ދައުލަތުގެ އެންމެހައި އިންސްޓްރުމަންޓްސްތަކުން ކަށަވަރުކުރަން މިއީ ސިވިލިއަންސްކަން،" އޭނާ ވިދާޅުވިއެވެ.

ސިފައިންގެ ފަރާތުން ވާހަކަދައްކަވަމުން އޭނާ ވަނީ އަންނަ މޭ މަހުގެ 10 ވަނަ ދުވަހުގެ ފަހުން ރާއްޖޭގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ގާއިމުވެނުތިބޭނެކަމުގެ ޔަގީންކަން އަރުވައިފައެވެ.

އާންމުން ކަމަށް ބުނެ ގެންނަނީ އަނެއްކާ ވެސް އިންޑިއާގެ ސިފައިން ކަމަށް ދޭހަވާ މޭރުކަމުން އިދިކޮޅު ބައެއް ފަރާތްތަކުން އަންނަނީ ވާހަކަދައްކަމުންނެވެ.

އިންޑިއާ ސިފައިންގެ ބަދަލުގައި ގެންނަ އާންމުންނާ ގުޅޭގޮތުން އިތުރަށް ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން މުޖުތަބާ ވިދާޅުވީ، އެ މީހުންނާއި އުޅަނދުތަކުގެ އޮޕަރޭޝަނަލް ކޮންޓްރޯލް އޮންނާނީ ދިވެހި ސިފައިންގެ އަތުގައި ކަމަށެވެ.

އިންޑިއާއިން ގެންނަ އާންމުން ވެސް އޮޕަރޭޓުކުރާނީ އެމްއެންޑީއެފްގެ ކޮމާންޑް އެންޑް ކޮންޓްރޯލްގެ ދަށުންނެވެ.

މުޖުތަބާ މިއަދު ވިދާޅުވި ގޮތުގައި އިންޑިއާ މިހާތަނަށް އައްޑޫ ސިޓީއަށް އައިސްފައި ތިބީ 26 ސިވިލިއަނުންނެވެ. މިހާރު ކުރިއަށް ދަނީ އެ މީހުން ފެމިލިއަރައިޒްކުރުމުގެ މަރުހަލާއެއް ކަމަށާއި އެ މަރުހަލާ ނިމުމާ އެކު ތާވަލާ އެއްގޮތަށް އިންޑިއާ ސިފައިން ފުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބޭރު ސިފައިންގެ ބަދަލުގައި އަންނަނީ ސިވިލިއަނުންކަން ޔަގީންކުރާނެ ކަމަށް ވިދާޅުވި ނަމަވެސް އެ މީހުންނަކީ އިންޑިއާގެ ކޮން އިދާރާއެއްގައި މަސައްކަތްކުރާ ބައެއް ކަމެއް ސާފުކޮށްދެއްވައިފައެއް ނުވެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވައިލުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ރިޔާސީ ވައުދެވެ.

ވެރިކަމާ ހަވާލުވުމަށް ފަހުގައި މި ސަރުކާރުން ހާމަކުރި ގޮތުގައި ރާއްޖޭގައި އިންޑިއާގެ 88 ސިފައިން ގާއިމުވެ ތިބެއެވެ. އެކަމަކު، އެ މީހުންނާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ. އެ މައުލޫމާތު ހާމަކުރަން އެދުމުން ވެސް ބުނެފައިވަނީ އެއީ ސިއްރުކުރެވިފައިވާ މައުލޫމާތުތަކެއް ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މޭ 10 ގެ ކުރިން އަނބުރާ ފޮނުވައިލަން އެއްބަސްވެފައިވާ ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ އިއުލާނުކުރައްވައިފައެވެ.

comment ކޮމެންޓް