އެންބީއޭ ބާސްކެޓް ބޯޅަ މުބާރާތުގައި ކްލީވްލަންޑް ކެވެލިއާސް އަތުން ބޮސްޓަން ސެލްޓިކްސް ބަލިވެއްޖެއެވެ.
ކްލީވްލަންޑްގެ ރޮކެޓް މޯގޭޖް ފީލްޑްހައުސްގައި ކުޅުނު މިމެޗު ކެވެލިއާސް ކާމިޔާބު ކޮށްފައިވަނީ 105 ޕޮއިންޓް 104 ޕޮއިންޓުގެ ކުޑަ ތަފާތަކުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނުނު މިމެޗުގެ ފުރަތަމަ ތިން ކުއާޓާގައިވެސް ކުރީގައި އޮތީ ސެލްޓިކްސްއެވެ. މިގޮތުން ފަހު ކުއާޓާއަށް ދެޓީމު ނުކުތް އިރު ސެލްޓިކްސް އޮތީ 16 ޕޮއިންޓު ކުރީގައެވެ. އަދި ފަހު ކުއާޓަގައި މިއަދަދު 22 ޕޮއިންޓަށް އިތުރުވިއެވެ. ނަމަވެސް ކެވެލިއާސްއިން ހިތްވަރު އެލުވާނުލައި ކުޅުމުގެ ނަތީޖާ އަކަށްވީ ފަހަތުން އަރައި ސެލްޓިކްސް ބަލިކުރުމެވެ. އެގޮތުން ފަހު ކުއާޓަގައި ކެވެލިއާސްއިން ވަނީ 34 ޕޮއިންޓު ހޯދައިފައެވެ.
މިއީ ކެވެލިއާސްގެ ތާރީޚުގައިވެސް މިހާ ބޮޑު ތަފާތަކުން ފަހު ކުއާޓާގައި އޮވެ މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ. އަދި މިއާއެކު ސެލްޓިކްސްއިން މިސީޒަންގައި ދަމަހައްޓަމުންދިޔަ، ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވަމުގެ ސިލްސިލާ މިވަނީ ނިމުމަކަށް އައިސްފައެވެ. ސެލްޓިކްސްއިން ވަނީ މެޗުގެ ކުރިން ޖެހިޖެހިގެން 11 މެޗު ކާމިޔާބު ކޮށްފައެވެ.
މިމެޗުގައި ކެވެލިއާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 23 ޕޮއިންޓު ހޯދައިދީ އަށް ރީބައުންޑް ނަގައިދީ އެއް އެސިސްޓް ދިން ޑީން ވޭޑްއެވެ. މީގެތެރެއިން 20 ޕޮއިންޓް އޭނާ ކާމިޔާބު ކޮށްފައިވަނީ ފަހު ކުއާޓާގައެވެ. ސެލްޓިކްސްއަށް މިމެޗުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 26 ޕޮއިންޓް ހޯދައިދީ 13 ރީބައުންޑް ނަގައިދީ ދެ އެސިސްޓް ދިން ޖޭސަން ޓެޓުމްއެވެ.
މިމުބާރާތުގައި ނިއުއޯލިއަންސް ޕެލިކަންސް އާއި ޓޮރޮންޓޯ ރެޕްޓާސް ބައްދަލުކުރި މެޗު 139 ޕޮއިންޓު 98 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ޕެލިކަންސްއެވެ. މިމެޗުގައި ޕެލިކަންސްގެ ޓްރޭ މާފީ ތުރީ ވަނީ 34 ޕޮއިންޓު ހޯދައިދީ ހަ ރީބައުންޑު ނަގައިދީ އެއް އެސިސްޓް ކޮށްފައެވެ. އަދި ރެޕްޓާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 17 ޕޮއިންޓް ހޯދައިދީ ހަތް ރީބައުންޑް ނަގައިދީ ހަތް އެސިސްޓް ދިން އިމަނުއެލް ކުއިކްލީއެވެ.
މީގެއިތުރުން ފީނިކްސް ސަންސް އާއި އެންމެ ފަހުގެ ޗެމްޕިއަން ޑެންވާ ނަގެޓްސް ބައްދަލުކުރި މެޗު އޯވާ ޓައިމް ކުޅެ 117 ޕޮއިންޓު 107 ޕޮއިންޓުން ރަށުން ބޭރުގައި ކާމިޔާބު ކުރީ ސަންސްއެވެ. މިމެޗުގައި ސަންސްގެ ކެވިން ޑުރާންޓް 35 ޕޮއިންޓް ހޯދައިދީ އަށް ރީބައުންޑް ނަގައިދީ ފަސް އެސިސްޓް ދިންއިރު ނަގެޓްސްއަށް މިމެޗުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 25 ޕޮއިންޓް ހޯދައިދީ 16 ރީބައުންޑް ނަގައިދީ ފަސް އެސިސްޓް ދިން ނިކޮލާ ޔޮކިޗްއެވެ.
މިމުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު އޯލާންޑޯ މެޖިކް އާއި ޗާލޮޓް ހޯނެޓްސް ބައްދަލުކުރި މެޗު 101 ޕޮއިންޓު 89 ޕޮއިންޓުން މެޖިކް ކާމިޔާބު ކުރިއިރު އެޓްލާންޓާ ހޯކްސް އާއި ނިއުޔޯކް ނިކްސް ބައްދަލުކުރި މެޗު 116 ޕޮއިންޓް 100 ޕޮއިންޓުން ކާމިޔާބު ކުރީ ހޯކްސްއެވެ. މައޭމީ ހީޓް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރި މެޗު 118 ޕޮއިންޓު 110 ޕޮއިންޓުން ހީޓް ކާމިޔާބު ކުރިއިރު ބްރޫކްލިން ނެޓްސް އާއި ފިލަޑެލްފިއާ ސެވަންޓީ ސިކްސާސް ބައްދަލުކުރި މެޗު 112 ޕޮއިންޓު 107 ޕޮއިންޓުން ކާމިޔާބު ކުރީ ނެޓްސްއެވެ. އަދި ހިއުސްޓަން ރޮކެޓްސް އާއި ސެން އެންޓޯނިއޯ ސްޕާސް ބައްދަލުކުރި މެޗު 114 ޕޮއިންޓު 101 ޕޮއިންޓުން ރޮކެޓްސް ކާމިޔާބު ކުރިއިރު އިންޑިއާނާ ޕޭސާސް އާއި ޑެލަސް މެވްރިކްސް ބައްދަލުކުރި މެޗު 137 ޕޮއިންޓު 120 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ޕޭސަސްއެވެ.