ޔުއޭފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ފްރެންޗް ލީގު އާންގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމެއިން ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ކުއާޓާ ފައިނަލުން ޕީއެސްޖީ ޖާގަހޯދީ ރައުންޑް އޮފް ސިކްސްޓީންގައި ސްޕެނިޝް ލަލީގާގެ ރެއާލް ސޮސިއެޑާޑްއާ ބައްދަލުކޮށް ހަތަރު ލަނޑު އެއް ލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މިދެޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު ޕީއެސްޖީގެ ދަނޑުގައި ކުޅެ ދެ ލަނޑު ސުން ލަނޑުން ޕީއެސްޖީ ކާމިޔާބު ކުރިއިރު ސޮސިއެޑާޑްގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގު ޕީއެސްޖީ ކާމިޔާބު ކުރީ ދެ ލަނޑު އެއް ލަނޑުންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު ދެވަނަ ލެގުގައި ގިނައިރު ޕީއެސްޖީއިން ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ސޮސިއެޑާޑްއިންނެވެ.
މިމެޗު ޕީއެސްޖީއިން ފަށާފައިވަނީ ވަރަށް ފޯރިއާއެކުއެވެ. މިގޮތުން މެޗުގެ ކުރީކޮޅު ސޮސިއެޑާޑްއަށް ދިޔައީ ޕީއެސްޖީގެ ހަމަލާތަކާ ފުލުފުލުގައި ކުރިމަތި ވަމުންނެވެ. އަދި ނަތީޖާއަކަށްވީ މެޗުގެ 15 ވަނަ މިނެޓުގައި ޕީއެސްޖީއިން ލަނޑެއް ޖަހައި މިމެޗުގެ ލީޑުވެސް ނެގުމެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ މިސީޒަން ނިމުމުން އެޓީމު ދޫކޮށްލާކަން ހާމަކޮށްފައިވާ ހުނަރުވެރި ކެޕްޓަން ކިލިއަން އެމްބާޕޭއެވެ.
މިމެޗުގައި ޕީއެސްޖީގެ ދެވަނަ ލަނޑު މެޗުގެ 56 ވަނަ މިނެޓުގައި ޖަހައިދިނީވެސް އެމްބާޕޭއެވެ. މިއީ މިސީޒަންގައި އެމްބާޕޭ އެޓީމަށް ކާމިޔާބު ކޮށްދިން 28 ވަނަ ލަނޑެވެ.
އެމްބާޕޭވަނީ މިސީޒަން ނިމުމުން ސްޕެނިޝް ލަލީގާގެ ރެއާލް މެޑްރިޑަށް ބަދަލުވުމަށް އަނގަބަހުން އެއްބަސްވެ އެކަން ޕީއެސްޖީގެ އިސްވެރިންނަށްވެސް އަންގާފައެވެ. އެކަން އެހެން ވެއްޖެ ނަމަ މިއަންނަ ސީޒަންގައި ރެއާލް ސޮސިއެޑާޑްއަށް އަނެއްކާވެސް އެމްބާޕޭގެ މިހަމަލާތަކާ ކުރިމަތިލާން ޖެހޭނެއެވެ. މިމެޗުގައި ސޮސިއެޑާޑްއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗު ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ މިކޭލް މެރީނޯއެވެ.
މިކާމިޔާބީއާއެކު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ޖާގައެއް ޕީއެސްޖީއިން ކަށަވަރު ކޮށްފައިވާއިރު ކުއާޓާ ފައިނަލްގައި އެޓީމު ބައްދަލުކުރަންޖެހޭނެ ޓީމެއް އެނގޭނީ މިމަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ގުރުއަތުލުމަށްފަހުއެވެ.