ފޭސްބުކްއާއި އިންސްޓަގްރާމް ޑައުންވެއްޖެ

މެޓާއިން ހިންގާ ފޭސްބުކް އާއި އިންސްޓަގްރާމްގެ އިތުރުން ތްރެޑްސް ވެސް ބޭނުންނުކުރެވޭ ގޮތަށް، ޑައުންވެއްޖެއެވެ.

ޓެކްނޮލޮޖީގެ ޚަބަރުތައް ގެނެސްދޭ ދަ ވާޖްގައިވާ ގޮތުން އެ ޕްލެޓްފޯމްތަކުން މައްސަލަތައް ފާހަގަވާން ފެށީ ޖީއެމްޓީ 15:00 (ރާއްޖެ ގަޑިން 20:00)ހާއިރެވެ.

ފޭސްބުކްއަށް ދިމާވެފައިވާ މައްސަލައިގެ ސަބަބުން، މީހުން އެކައުންޓުތަކުން ދަނީ އޮޓޮމެޓިކްކޮށް ލޮގްއައުޓް ވަމުންނެވެ. އަދި އެކައުންޓަށް އަލުން ވަންނަން މަސައްކަތް ކުރި ނަމަވެސް އެކައުންޓަށް ނުވަދެވެއެވެ.

އިންސްޓަގްރާމްއިން އެކައުންޓަށް ވަދެވޭ ނަމަވެސް، ގިނަ މީހުންނަށް ފީޑް ރިފްރެޝް ނުކުރެވެއެވެ. އަދި ބައެއް އެކައުންޓުތަކުން ސްޓޯރީސް އާއި ކޮމެންޓްސް ލޯޑުނުވެއެވެ.

މެޓާގެ އެންމެ ފަހުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ތްރެޑްސްއަށް ވަނުމުން އަރަނީ މައްސަލައެއް އުޅޭ ކަމަށް ބުނާ މެސެޖެކެވެ.

އެ އެޕްތަކަށް މައްސަލަތައް ދިމާވި ނަމަވެސް، މެޓާގެ ދަށުން ހިންގާ ވަޓްސްއެޕް އަދިވެސް ބޭނުންކުރެވެއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން މެޓާއިން ރަސްމީކޮށް މިހާތަނަށް އެއްޗެކޭ ބުނެފައިނުވާ ކަމަށް ވާޖްގައިވެއެވެ.

comment ކޮމެންޓް