ރާއްޖެއިން ޗައިނާއާއެކު އަސްކަރީ ގުޅުން ގާއިމްކުރަން މަޝްވަރާކޮށްފި

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ޗައިނާގެ އޮފިސް ފޯ އިންޓަނޭޝަނަލް މިލިޓަރީ ކޯޕަރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރު މޭޖާ ޖެނަރަލް ޒާންގް ބާއޯގުން ބައްދަލުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއާއި ޗައިނާއާ ދެމެދު އަސްކަރީ ގުޅުން ގާއިމްކޮށް، ބަދަހިކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ޗައިނާގެ އޮފިސް ފޯ އިންޓަނޭޝަނަލް މިލިޓަރީ ކޯޕަރޭޝަނާއެކު މަޝްވަރާކުރައްވައިފިއެވެ.

ރާއްޖެ ވަޑައިގެން މިހާރު އުޅުއްވާ އެ ކޯޕަރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރު މޭޖާ ޖެނަރަލް ޒާންގް ބާއޯގުން މިއަދުވަނީ ރައީސްގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައި ބައްދަލުކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ޗައިނާ ސަފީރު ވަންގް ލިޒިން ވެސް ބައިވެރިވެލެއްވިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، މި ބައްދަލުވުމުގައި މޭޖާ ޖެނެރަލް ބާއޯގުންއާއި ރައީސް ޑރ. މުއިއްޒުވަނީ ދެ ގައުމުގެ ދެމެދު އަސްކަރީ ގުޅުން ބަދަހިކޮށް، އެކުގައި، މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

އަދި ބައްދަލުވުން ނިމުނީ ކުރިއަށް އޮތް ތަނުގައި އެކުގައި މަސައްކަތްކުރުމުގެ އުންމީދާއެކު ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އެއާއެކު ރައީސްވަނީ ޗައިނާގެ ސަރުކާރުން ރާއްޖެއަށް ވެދެމުން އަންނަ އެހީތެރިކަމަށާއި އެއްބާރުލުމަށް ޝުކުރު އަދައިކުރައްވައިފައެވެ.

ރާއްޖެއިން ޗައިނާއާއެކު އަސްކަރީ ގުޅުން ގާއިމްކުރުމުގެ މަޝްވަރާ ފަށައިފައިވާއިރު، މީގެ ކުރިން އެ ގައުމާއެކު އަސްކަރީ ގުޅުން މާ ބޮޑަށް ގާއިމްކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި ޗައިނާ ފާހަގަވެފައި އޮތީ ރާއްޖެއަށް އުމްރާނީ ތަރައްގީގެ ގޮތުންނާއި ވިޔަފާރީގެ ބައިވެރިއެއްގެ ގޮތުގައެވެ.

އަސްކަރީ ގުޅުމުގައި މިހާތަނަށް ރާއްޖެއިން މަސައްކަތް ކުރަމުން އައި އެކުވެރި އަަވަށްޓެރި ގައުމުތަކާއެކުގައެވެ.

comment ކޮމެންޓް