ވަޒީރުންނާއި ސިޔާސީ މަގާމުތަކުގެ އަދަދު މަޖިލީހުން ފާސްކުރަންޖެހޭ ގޮތް ހަދަން ބިލެއް

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ: އޭނާ ވަނީ ސިޔާސީ މަގާމުތަކުގެ އަދަދު މަޖިލީހުން ފާސްކުރަންޖެހޭ ގޮތަށް ބިލެއް ހުށަހަޅާފައި -- ފޮޓޯ/ މަޖިިލިސް

ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައި ވަޒީރުންނާއި އެ ނޫން ވެސް ސިޔާސީ ބޭފުޅުންގެ އަދަދު ރައްޔިތުންގެ މަޖިލީހުން ކޮންމެ ދައުރަކު ވެސް ފާސްކުރަންޖެހޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހެއް ގެންނަން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އިސްލާހެއް ހުށަހަޅުއްވައިފިއެވެ.

މި ސަރުކާރުގައި ވުޒާރާތަކާއި ސިޔާސީ ބޭފުޅުންގެ އަދަދު މާ ގިނަ ކަމަށް ވިދާޅުވެ، އިދިކޮޅު ޕާޓީތަކުން އަންނަނީ ސަރުކާރަށް ނުރުހުން ފާޅުކުރައްވަމުންނެވެ.

ސަރުކާރަށް އިތުރުކުރާ ވުޒާރާތަކާއި ސިޔާސީ މަގާމުތަކުގެ އަދަދު މަޖިލީހުން ފާސްކުރަންޖެހޭ ގޮތަށް ގާނޫނުއަސާސީގައި 116 ވަނަ މާއްދާއަށް އިސްލާހެއް ހުށަހެޅީ މިދިޔަ ފެބްރުއަރީ 12 ގައެވެ. އެ އިސްލާހުގައިވާ ގޮތުން ވުޒާރާތައް އުފައްދައި، އެ ވުޒާރާތަކުގެ މަސައްކަތު ދާއިރާތައް އިޚުތިޔާރުކުރުމުގެ ފުރުސަތު ރައީސަށް ލިބިވަޑައިގެންނެވިޔަސް ވުޒާރާއެއް އުފައްދައިތާ މަދުވެގެން ހަތް ދުވަހުގެ ތެރޭގައި ވުޒާރާތަކުގެ އަދަދާއި އެ ވުޒާރާތަކުގެ މަސައްކަތު ދާއިރާތައް މަޖިލީހަށް ހުށަހަޅަން ޖެހޭނެއެވެ.

އަދި، ވުޒާރާ އުފައްދާތާ 14 ދުވަހުގެ ތެރޭގައި ވުޒާރާގެ މަސައްކަތަށް ބޭނުންވާ ސިޔާސީ ބޭފުޅުންގެ އަދަދު މަޖިލީހަށް ހުށަހަޅަން ޖެހޭނެއެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން: ވުޒާރާތަކާއި ސިޔާސީ މަގާމުތަކުގެ އަދަދު މަޖިލީހުން ފާސްކުރަންޖެހޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހެއް ވަނީ ހުށަހަޅާފައި -- ފޮޓޯ/ ރައީސް އޮފީސް

މިހާރު ގާނޫނުއަސާސީގެ 116 ވަނަ މާއްދާ އޮންނަ ގޮތުން ސަރުކާރަށް އުފައްދަން ބޭނުންވާ އެންމެހައި ވުޒާރާތައް އުފައްދައި އެ ވުޒާރާތަކުގެ މަސައްކަތު ދާއިރާ އުފެއްދުމުގެ ހައްގު ލިބިގެންވާއިރު، އެ ވުޒާރާތަކުގެ މަސައްކަތު ދާއިރާތައް ފާސްކުރަން މަޖިލީހަށް ފޮނުވަން ވަކި މުއްދަތެއް ބަޔާންކޮށްފައެއް ނުވެއެވެ. އޮންނަނީ މަޖިލީހަށް ހުށަހަޅައި ފާސްކުރަންވާނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ނޮވެމްބަރު 17، 2023 ގައި ވެރިކަމުގެ ހުވައި ކުރެއްވި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބަންޑާރަނައިބު ހިމެނޭހެން 22 ވުޒާރާއެއް ހިމެނޭ ވަޒީރުންގެ މަޖިލީހެއް އެކުލަވާލައިފައެވެ. މިއީ މިހާތަނަށް އެކުލަވައިލި އެންމެ ބޮޑު ވަޒީރުންގެ މަޖިލީހެވެ.

ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަންހުރި ސިޔާސީ މަގާމުތަކުގެ އަދަދު 300 އަށްވުރެ ގިނައިރު، އެއީ ހައްތަހައި ވެސް ބޮޑެތި މުސާރަ ލިބޭ މަގާމުތަކެވެ. އެގޮތުން، ރައީސް އޮފީހުގައި އެކަނި ވަޒީރު ފެންވަރުގައި 12 ބޭފުޅުން އަދި އޭގެ އިތުރުން ވެސް އިތުރު އަށް ބޭފުޅަކު ވަޒީރު ފެންވަރުގައި މަގާމުތަކަށް އައްޔަންކޮށްފައި އެބަތިއްބެވިއެވެ. ސްޓޭޓު މިނިސްޓަރު ފެންވަރުގައި ވެސް ރައީސް އޮފީހުގައި ހަތް ބޭފުޅުން އެބަތިއްބެވިއެވެ.

ވުޒާރާތަކުގައި ވެސް 90 އެއްހައި ސްޓޭޓު މިނިސްޓަރުން ތިއްބެވިއިރު، ނައިބު ވަޒީރުންގެ ގޮތުގައި ވެސް 150 އެއްހައި ބޭފުޅުން އެބަތިއްބެވިއެވެ.

comment ކޮމެންޓް