އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީ ހިޔާގައި ތިބި މީހުންނަށް އިތުރު 5 ދުވަސް

ހ.ސަންގުރޭޒްގެ އެއްވަނަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާ-- ސަން ފޮޓޯ

މިދިޔަ ހޮނިހިރު ދުވަހު މާލޭ، ހ.ސަންގުރޭޒްގެ އެއްވަނަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީ ހިޔާއަށް ގެންދެވުނު މީހުން އަދިވެސް ތިބީ ވަގުތީ ހިޔާގައި ކަމަށް ޑިޒާސްޓާ މެނޭޖްމަންޓުން މިއަދު ބުނެފިއެވެ.

"ސަން" އަށް މައުލޫމާތު ދެމުން ޑިޒާސްޓާ މެނޭޖްމަންޓުން ވިދާޅުވީ ވަގުތީ ހިޔާގައި ތިބި މީހުން އަދިވެސް ތިބީ އެތަނުގައި ކަމަށާއި އިތުރު ފަސް ދުވަސް އެ މީހުންނަށް އެތަނުގައި މަޑުކުރެވޭނެ ގޮތް ހަމަޖައްސައިދީފައިވާނެ ކަމަށެވެ.

ޑިޒާސްޓާ މެނޭޖްމެންޓުން ބުނީ ވަގުތީ ހިޔާއަށް ގެންދިޔައީ ދިވެހި އަންހެނަކާއި އޭނާގެ ދަރިފުޅާއި ބިދޭސީ ދެ މީހުން ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ، އެ އިމާރާތުގައި ހުރި އަވަނެއް އޯވަހީޓްވުމުގެ ސަބަބުންކަމަށް މީގެކުރިން އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ސީދާ އަލިފާނުގެ ހާދިސާގައި މީހަކަށް އަނިޔާއެއް ނުވެއެވެ. އަދި ޑިޒާސްޓާ މެނޭޖުމެންޓުގެ ބެލުމުގެ ދަށުގައި ތިބި އެންމެންގެ ހާލު ވެސް ރަނގަޅުކަމަށް އެ އޮތޯރިޓީން ބުންޏެވެ.

comment ކޮމެންޓް