'ދްރިޝްޔަމް'ގެ ރިމޭކްއެއް ހޮލީވުޑްގައި އުފައްދަނީ

އިންޑިއާގެ ފިލްމީތަރިން ކަމަށްވާ އަޖޭ ދޭވްގަން އަދި މޯހަން ލާލް މުހިއްމު ރޯލް ކުޅެފައިވާ ފްރެންޗައިޒް "ދްރިޝްޔަމް"ގެ ރިމޭކެއް ހޮލީވުޑްއިން އުފައްދަން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

އިންޑިއާގެ އިތުރުން ބޭރު ޤައުމުތަކުގެ މާކެޓުގައި ވެސް ބޮޑު ކާމިޔާބީއެއް ހޯދި މި ފިލްމަކީ، ޕްރޮޑިއުސަރު ކުމާރު މަންގަތުއާއި އަބިޝެކް ޕަތަކްގެ އުފެއްދުމެކެވެ.

ހޮލީވުޑްއިން މި ފިލްމުގެ ރިމޭކްއެއް އުފައްދަން ތައްޔާރުވަމުން އަންނައިރު ފިލްމުގެ ޕްރޮޑިއުސަރުން ވަނީ ކޮރެއާގައި އުފައްދާ މި ފިލްމުގެ ރިމޭކްގެ ކުޑަ ވީޑިއޯކޮޅެއް މިދިޔަ އަހަރު ބޭއްވި ކާންސް ފިލްމު ފެސްޓިވަލުގައި ބެލުންތެރިންނަށް ދައްކާލާފައެވެ. ބޭރު ޤައުމުގެ މާކެޓަށް ފިލްމުގެ ރައިޓްސް ވިއްކާލާފައިވާއިރު ޚަބަރު ލިބޭގޮތުގައި މި ފިލްމު ސްޕެނިޝް ބަހުން އުފައްދާ ބާޒާރަށް ނެރުމުގެ މަރުހަލާ ވެސް ދަނީ ކުރިޔަށެވެ.

ހޮލީވުޑްގައި އުފައްދާ ރިމޭކްގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ގަލްފް ސްޓްރީމް ޕިކްޗާސްއާއި ޖޮޓް ފިލްމްސްއާ ގުޅިގެންނެވެ. އެހެންނަމަވެސް މި ކުންފުނިތަކުން "ދްރިޝްޔަމް"ގެ ޕްރޮޑިއުސަރުންގެ ލަފާ ހޯދާނެ ކަމަށާއި އުއްމީދަކީ ކުރިއަށް އޮތް ތަނުގައި އިތުރު 10 ގައުމެއްގައި މި ފިލްމުގެ ރިމޭކްއެއް އުފެއްދުން ކަމަށް ޕްރޮޑިއުސަރު ކުމާރު މަންގަތު ވަނީ ބުނެފައެވެ.

އަޖޭ ދޭވްގަން އަދި ތައްބޫ މުހިއްމު ރޯލުން ފެނުނު މި ފިލްމަކީ، 2013ވަނަ އަހަރު ހަމަ އެ ނަމުގައި ރިލީޒްކުރެވުނު މަޅަޔާލަމް ފިލްމުގެ ރިމޭކްއެކެވެ. ވަރަށް ކުޑަ ބަޖެޓަކުން އުފެއްދި މި ފިލްމަށް ބޮކްސް އޮފީހުގައި ލިބުނު ކާމިޔާބީއާ ގުޅިގެން ފިލްމުގެ ދެވަނަ ބައެއް ރިލީޒް ކުރީ 2022ވަނަ އަހަރުއެވެ.

comment ކޮމެންޓް