ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުކަމަށް ހުށަހަޅާފައިވާ ނަންތަކަށް އާންމުންގެ ޚިޔާލު ހޯދަނީ

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރެއްގެ ދައުރު ހަމަވެފައި ވާތީ، އެ މަގާމަށް އައްޔަނުކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވާފައިވާ ފަރާތްތަކާ ގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަށް މަޖިލީހުން މިއަދު ހުޅުވާލައިފިއެވެ.

މިކަމާ ގުޅިގެން މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ރައީސް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންތައް ދިރާސާކޮށް ނިންމުމަށްޓަކައި މިދިޔަ މަހުގެ ހަތްވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައި ވާނެކަމަށެވެ.

ސީއެސްއީއަށް މެމްބަރެއްގެ ގޮތުގައި އައްޔަން ކުރުމަށް ރައީސް ފޮނުއްވާފައި ވަނީ ތިން ނަމެކެވެ. އެއީ:

  • ޢަބްދުލް ހަސީބް އިސްމާއީލް، ދަފްތަރު ނަމްބަރު ރސ. 7505
  • ފާތިމަތު ހަބީބް، ދަފްތަރު ނަމްބަރު ރސ. 9472
  • މަރްޔަމް ޝާހިދާ، މއ.ފްރެސްޓް

އެހެންކަމުން މި ފަރާތްތަކާ ގުޅިގެން ޝަކުވާއެއް އޮތް ނަމަ، މާދަމާރޭ 11:30ގެ ކުރިން ޝަކުވާ ހުށަހަޅުއްވާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ ނަމްބަރު އެނގޭނެ ގޮތަށް ޝަކުވާ ކޮމިޓީގެ އީމެއިލް އެޑްރެސް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުުމުން ފޮނުވުމަށް ވަނީ އެދިފައެވެ.

ފަސް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ސީއެސްސީގައި މިހާތު ތިއްބަވަނީ ހަތަރު މެންބަރުންނެވެ. އެއީ، ކޮމިޝަނުގެ ރައީސް އިބްރާހިމް ނާސިހާއި ނައިބު ރައީސް އިބްރާހިމް ރަޝީދާއި މެންބަރު މުހައްމަދު ފަރުޝަތުގެ އިތުރުން މެންބަރު ފާތިމަތު ޝަރީފެވެ.

comment ކޮމެންޓް