ނ. ހޮޅުދޫގައި ބޮޑެތި ޒަޚަމުތަކަކާއެކު، މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އިން ބަލައިދިނުމަށް، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ސިޓީއެއް ފޮނުއްވައިފިއެވެ.
މި ސިޓީ އެމަނިކުފާނަށް ފޮނުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)އެވެ.
ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10ވަނަ ދުވަހުގެ ހެނދުނެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ފުރަތަމަ ބުނެފައިވަނީ، އޭނާ މަރާލިކަމުގެ އެއްވެސް ހެއްކެއް ތަހުގީގަށް ފާހަގަކުރެވިފައި ނެތް ކަމަށެވެ.
އެހެންނަމަވެސް ޒަކިއްޔާގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރި ކަމަށް ބުނެ، އެރަށުގެ އާންމުން ވަނީ ސިލްސިލާ އެއްވުންތައް ބާއްވައި، ނުރުހުން ފާޅުކޮށްފައެވެ.

ޒަކިއްޔާއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ހޮޅުދޫގައި މުޒާހަރާކުރުން -- ފޮޓޯ/ ފޭސްބުކް
އެ އެއްވުންތަކާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ހޯމް މިނިސްޓަރު އަލީ އިހުސާނާއި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވަނީ އެ ރަށަށް ވަޑައިގެންފައެވެ. އަދި ސީޕީވަނީ، ޒަކިއްޔާ މަރުވީ އާދައިގެ ގޮތަކަށް ކަމަށް ގަބޫލުނުކުރެވޭ ކަމަށް ވިދާޅުވެފައެވެ.
އޭގެ ފަހުން، ކުޑޫ މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ރައްޔިތުންގެ ފަރާތުން މިހާތަނަށް ގިނަ އިހުތިޖާޖުތަކެއްކޮށް، އެ މަރަށް އިންސާފު ހޯދައިދިނުމަށް އެދި ދައުލަތުގެ އިދާރާތަކުގައި އެދެމުންދާ ކަމަށެވެ.
އެ މަރާ ގުޅޭގޮތުން ފުލުހުން މިހާތަނަށް އާއްމުކޮށްފައިވާ މައުލޫމާތުތަކުގައި ޒަކިއްޔާގެ ހަށިގަނޑުގައި ގިނަ އަދަދަކަށް ފުން ޒަޚަމްތަކެއް ހުރި ކަމަށް ބުނެފައިވީ ނަމަވެސް، އޭނާ މަރާލި ކަމަށް ބެލެވޭ އެއްވެސް ހެއްކެއް ލިބިފައިނުވާކަމަށް ފާހަގަކޮށްފައިވާ ކަމަށް އެ ސިޓީގައިވެއެވެ. ޚާއްސަކޮށް އެމެރިކާގެ ތަހުގީގީ އިދާރާއެއްކަމަށްވާ އެފްބީއައިގެ އެހީތެރިކަން ވެސް ފުލުހުންގެ ތަހުގީގަށް ހޯދަމުންދާކަމުގެ މައުލޫމާތު ފުލުހުންގެ ފަރާތުން ލިބިފައިވާ ކަމަށް ކުޑޫ ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ތަހުގީގާ ގުޅޭ މައުލޫމާތު އެކަށީގެންވާ ގޮތެއްގައި އާންމުކުރަމުން ނުދާކަން ފާހަގަކުރެއްވިއެވެ.
ކުޑޫ ވިދާޅުވި ގޮތުގައި ޒަކިއްޔާގެ މަރުގެ ހަގީގަތް ދެނެނުގަނެވި ދިގު މުއްދަތެއް ފާއިތުވަމުންދާނަމަ އެކަމުގެ ފަހަތުގައި ޝާމިލްވާ ފަރާތްތައް އިންސާފާ ހަމައަށް ގެނައުމަށް ހުރަސްއެޅޭނެއެވެ.
އެ މައްސަލައަކީ ހޮޅުދޫ ރައްޔިތުންގެ މަސްލަހަތާ ގުޅިފައިވާ ބޮޑު މައްސަލައަކަށް ވާއިރު، އަދި އެ މަރާ ގުޅިގެން ރަށު ތެރޭގައި ބިރުވެރިކަން އުފެދިފައިވީއިރު، ކަމާބެހޭ މުއައްސަސާތަކުން އެކަމަށް އެކަށީގެންވާ ސަމާލުކަމެއް ދީގެން، ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި ޖަވާބުދާރީނުވާކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މެދުގައި ވަނީ އިންތިހާއަށް ބޮޑުވެފައި،
މުޖުތަމައުގެ އަމަންއަމާންކަމާއި ރައްކާތެރިކަން ދަމަހައްޓައި، ގާނޫނު ނެގެހެއްޓުމަކީ ގާނޫނުއަސާސީގެ 224 ވަނަ މާއްދާއިން ދިވެހި ފުލުހުންގެ ޚިދުމަތާ މަތިކޮށްފައިވާ އެންމެ އަސާސީ އިލްތިޒާމު ކަމަށާއި، ޒާތީ ދިރިއުޅުން ހުރުމަތްތެރިވެގެން ވުމަކީ ގާނޫނުއަސާސީގެ 24 ވަނަ މާއްދާއިން ކޮންމެ މީހަކަށް ވެސް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށް އެ މައްސަލައިގައި ވަނީ ބަޔާންކުރައްވައިފައެވެ.

ނ. ހޮޅުދޫ, ޒަކިއްޔާ މޫސާ --
އެހެންކަމުން ރައްޔިތުންނަށް ރައްކާތެރި މާހައުލެއްގައި ދިރިއުޅެވޭނެ މަގުފަހިވެފައި އޮވެގެން މެނުވީ އެ ހައްގު ފުރިހަމައަށް ލިބިނުދެވޭނެ ކަމަށް ކުޑޫ ވިދާޅުވިއެވެ.
ކުޑޫ ވިދާޅުވީ އެ ރަށުގެ ރައްޔިތުން ކޮންމެ ރެއަކުމެ ނިދަނީ އެމީހުންގެ ތެރޭގައި ގާތިލެއް ދޫވެފައި ހުރިކަމުގެ ބިރުވެރިކަމާއެކުގައި ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ރަށެއްގައި އެފަދަގޮތަކަށް ކަންވެގެން ދިޔުމަކީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށާއި، އެކަން އެގޮތުގައި ދޫކޮށްލައިފިނަމަ މާދަމާ ކަންވާނޭގޮތް ވިސްނާލަން ވެސް ދަތިކަމަށް އޭނާ ވިދާޅުވިއެވެ.
އެއާއެކު އެ ހައްސާސް މައްސަލަ މަޖިލީހުގެ 241 ކޮމިޓީން ބަލައިދިނުމަށް ކުޑޫ ވަނީ އެދިވަޑައިގެންފައެވެ. އަދި ހޮޅުދޫ ރައްޔިތުންނަށް ދިމާވެފައިވާ ހިތްދަތި ކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޒަކިއްޔާގެ މަރުގެ ތަހުގީގު އަވަސްކޮށް، އެ އަމަލު ހިންގި ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ހުށަހެޅުއްވި ކުއްލި މައްސަލަ އިއްޔެ ވަނީ ބޭރުކޮށްލައިފައެވެ. އެ މައްސަލައާ ގުޅިގެން އައްބާސް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ޝަރުތު ހަމަނުވާކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ އެ މައްސަލަ ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވެފައެވެ.
ޒަކިއްޔާގެ މަރުގެ މައްސަލައިގައި ހޮޅުދޫ ރައްޔިތުންގެ ހިތްހަމަނުޖެހުން ބޮޑުވެފައި ވަނިކޮށް އިހުސާނާއި ސީޕީ ވަޑައިގެންވަނީ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި ރައްޔިތުންގެ ފަރާތުން ވަނީ އިހުސާނާއި ސީޕީއަށް ގިނަ ޝަކުވާތަކެއް ހުށަހަޅާފައެވެ. އެގޮތުން ބައެއް ފަރާތްތަކުން ވަނީ ފުލުހުންގެ ފޮރެންސިކް ޓީމު އެރަށަށް އައުމުގެ ކުރިން، ފުލުހުންގެ އޮފިސަރުން "ކްރައިމް ސީން" ރޫޅާލިކަމަށް ތުހުމަތުކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

ފުލުސް ކޮމިޝަނަރު އަލީ ޝުޖާއު "ސަން"އަށް ދެއްވި ފުރަތަމަ އެކްސްކްލޫސިވް އިންޓަވިއު -- ފޮޓޯ: އިންފިނިޓް މޯމެންޓްސް/ މުޙައްމަދު ޝާތިއު އަބްދުﷲ
އެއާއެކު ޒަކިއްޔާ މަރުވީ އާދައިގެ ގޮތަކަށް ކަމަށް ގަބޫލުނުކުރެވޭ ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ. ސީޕީ ވިދާޅުވީ ޒަކިއްޔާގެ މަރުގެ ތަހުގީގުގައި ފުލުހުންގެ އެއްވެސް އިހުމާލެއް ވާނަމަ އެކަން ބައްލަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި އެ މައްސަލައަކީ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ބަލަމުން އަންނަ މައްސަލައެއްކަން ސީޕީ ވަނީ ފާހަގަކުރައްވާފައެވެ.
ހަމައެއާއެކު އިހުސާން ވަނީ މި މައްސަލަ ތަހުގީގުކުރުމުގައި ފުލުހުންގެ އިހުމާލުތަކެއްވާކަން ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
މީގެ ކުރިން ފުލުހުން ވަނީ މި މައްސަލައިގެ އަދާހަމަ ހިއްސާކުރުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ފުލުހުން ބުނީ، ޒަކިއްޔާގެ ކަރުގެ ކަނާތް އަދި ވައަތް ފަރާތަށް ފުންކޮށް ގިނަ ޒަޚަމްތަކެއް ލިބިފައި ހުރިކަމަށެވެ. އަދި ކަރުގައި މެދާއި ހިސާބުގައި ތިލަކޮށް އެއް ޒަޚަމް ލިބިފައިވާކަން ހާމަކޮށްފައި ވެއެވެ.
އޭނާ މަރުވެފައި އޮތް ސީންގައި އޭނާގެ ކައިރީ އޮތް ވަޅިއާއި އޭނާގެ ހެދުމުގައި ވެސް ގިނަ އަދަދަކަށް ލޭ ހުއްޓެވެ. އަދި އެ ވަޅީގައި ހުރި ލެއަކީ ޒަކިއްޔާގެ ލޭ ކަމަށް ވެސް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެހެންނަމަވެސް ޒަކިއްޔާގެ ކަރުގައި ފެންނަން ހުރި ޒަޚަމްތަކަކީ އެ ވަޅިން ލިބިފައިވާ ޒަޚަމްތަކެއްތޯ ނުވަތަ ނޫންތޯ ފުލުހުން ހާމައެއްނުކުރެއެވެ. ފުލުހުން ބުނި ގޮތުގައި އެ މައުލޫމާތުތައް ހިއްސާކުރެވޭނީ މުޅި ތަހުގީގު ނިމުމުންނެވެ.
އޭގެ އިތުރުން ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނު ތަނަށް އިތުރު މީހަކު ވަދެ އޭނާއަށް ހަމަލާދިން ކަމުގެ އެއްވެސް ނިޝާނެއް ވެސް ފެންނަން ނެތް ކަމަށް ވެސް ތަހުގީގަށް ފާހަގަވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.