ރައީސް މުއިއްޒު އަޅުގަނޑު މިނިވަންކޮށްފާނެ ކަމަށް އިންތިޒާރެއް ނުކުރަން: ޔާމީން

ޔާމީން ވަނީ ރައީސް ޑރ. މުޢިއްޒު، ޔާމީން މިނިވަން ކުރެއްވުމަށް އެއްވެސް "އެއްވެސް ވަރަކަށް" ނޫޅުއްވާ ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ މުހައްމަދު މާހިލް

އެ މަނިކުފާނު މިނިވަންކުރައްވަން، ރައީސް ޑރ. މުޙައްމަދު މުއިއްޒަށް އެއްވެސް އިރަކު އިންތިޒާރު ނުކުރައްވާ ކަމަށް، ރައީސަށް ވެރިކަމަށް ގެންނަވަން ތާއިދުކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.

ޔާމީން އުފައްދަވަން މަސައްކަތް ކުރައްވާ ޕީއެންއެފްގެ ޖަލްސާއެއްގައި އެ މަނިކުފާނު ވިދާޅުވީ ރައީސް މުއިއްޒު އެ މަނިކުފާނު މިނިވަން ނުކުރައްވައިގެން، އެ ވާހަކަ ދައްކަވަން ބޭނުންފުޅު ނުވާ ކަމަށެވެ. އަދި ޕޯޑިއަމްގައި ހުރެ ވާހަކަ ދެއްކެވުމުގެ ފުރުސަތު އެ މަނިކުފާނަށް ނުދޭ ކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރެއްވިއެވެ.

ޔާމީން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންގެންދަވާތީ ސިޔާސީ ކަންކަމުގައި ބައިވެރިވުން ގާނޫނުން މަނާކޮށްފައި އޮތް ނަމަވެސް، އެ މަނިކުފާނު ގެންދަވަނީ ޕީއެންއެފްގެ ޖަލްސާތަކުގައި ބައިވެރިވެ ޚިޔާލު ފާޅުކުރައްވަމުންނެވެ.

"ޓީވީ އިންޓަވިއު ދިނީމަ ދެއްތޯ ދިވެހިރައްޔިތުންނަށް އެނގޭނީ ރައީސް ޔާމީން ޕީޕީއެމް ދޫކޮށްލާފަ ރައީސް ޔާމީން ނިކުތީ ކީއްވެގެންކަން،" ޔާމީން ވިދާޅުވިއެވެ.

"...އަޅުގަނޑު އިންތިޒާރުގައި އެއްވެސް ހިސާބެއްގައި ނެތޭ ރައީސް މުއިއްޒު އަޅުގަނޑު ވީއްލުމަށް މަސައްކަތެއް ކުރައްވާ ކަމަކަށް. ކުރައްވަންޏާ ކީއްވެތޯ މިއަދު ކުރައްވަންވީ. ކީއްވެގެންތޯ މި ދެމަސް ދުވަސް ދިޔައިރު ނުކުރެވުނީ." ޔާމީން ވިދާޅުވިއެވެ.

އިތުރަށް ޔާމީން ވިދާޅުވީ އިސްތިއުނާފީ މަރުހަލާތަކުން އެ މަނިކުފާނު ސަލާމަތްވާނެ ކަމަށާއި، އޭގެ ސަބަބަކީ އެ މަނިކުފާނަކީ މައުސޫމް ބޭފުޅަކަށްވުން ކަމަށެވެ.

އެ މަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމްގެ އިސްތިއުނާފީ މަރުހަލާތައް ލަސްކުރި ނަމަވެސް، "ގާނޫނީ ފަރުވާ" ލިބިގެން މިނިވަންވެ ވަޑައިގަންނަވާނެ ކަމުގެ އުންމީދު އޮތް ކަމުގައި ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރި ދުވަސް ޑރ. މުއިއްޒާއި އަބްދުއްރަހީމް -- ސަން ފޮޓޯ/ މާހިލް އާތިފް

ރައީސް މުއިއްޒަށް ޕީއެންސީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަތީ ރަައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވޭތީއެވެ. އަދި ރައީސް މުއިއްޒުގެ ކެމްޕެއިންގައި އެންމެ މުހިންމު އެއް ވައުދަކީ ވެސް ޔާމީން މިނިވަން ކުރެއްވުމެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު، އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން އެންމެ ފުރަތަމަ އޭރުގެ ސަރުކާރުގެ ކިބައިން ރައީސް މުއިއްޒު އެދިވަޑައިގަތީ، އޭރު ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވި ޔާމީން ގެޔަށް ބަދަލުކޮށްދެއްވުމަށެވެ. އެއާއެކު އޭރުގެ ސަރުކާރުން އެ މަސައްކަތް ފަށައި، އަނެއް ދުވަހު ވަނީ ޝަރުތުތަކަކާ އެކު ޔާމީން ގޭބަންދަށް ބަދަލުކޮށްފައެވެ.

ޕީއެންސީގެ ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްތާ ހަފުތާއެއް ނުވަނީސް ޔާމީނާ ދެ ބޭފުޅުންގެ މެދުގައި ދެބަސްވުންތައް އުފެދުނެވެ. އެހެންވެ، ޕީޕީއެމުން ވަކިވެވަޑައިގެން، ޕީއެންއެފްގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ޔާމީން ފެއްޓެވީއެވެ.

އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލަތަކުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާލާތާ ގުޅިގެން ޔާމީނަށް އިއްވި ހުކުމްގެ އިސްތިއުނާފީ މަރުހަލާ އޮތީ ހުކުމް ކުރުމާ ހިސާބުގައެވެ. ނަމަވެސް ޝަރީއަތް ލަސްވާތީ ޔާމީނަށް ތާއިދުކުރާ ފަރާތްތަކާއި އިދިކޮޅު އެމްޑީޕީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އާރަށް ކުއްޔަށް ދޫކުރުމުގައި ޚިޔާނާތްވެ، އެ ފައިސާ ލޯންޑާ ކުރިކަމުގެ ތުހުމަތުގައި ދައުލަތުން ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، 11 އަހަރުގެ ޖަލު ހުކުމަކާއެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް ދަށު ކޯޓުން އިއްވީ ޑިސެމްބަރު 25, 2022 ގައެވެ.

comment ކޮމެންޓް