މަޖިލިސް އިންތިޚާބާއެކު ކައުންސިލުތަކުގެ ތިން ބައި އިލެކްޝަނެއް ބާއްވަނީ

މީގެ ކުރިން އޮތް މާލޭ މޭޔަރު ހޮވުމުގެ އިންތިޚާބުގެ ތެރެއިން -- ސަން ފޮޓޯ؛ އިންފިނިޓް މޮމެންޓްސް/ މުހައްމަދު މާވީ

ކުރިއަށް އޮތް މަޖިލިސް އިންތިޚާބާއެކު ތިން ރަށެއްގެ ކައުންސިލުގެ ބައި އިލެކްޝަންވެސް އެ ދުވަހު ބާއްވަން ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ބުނެފިއެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް ފަސް ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގައި، އެއްވެސް އިންތިޚާބެއް ރޯދަމަހު ބާއްވައިގެން ނުވާނެ ކަމަށާއި، ރޯދަމަހުގައި އިންތިޚާބެއް ބާއްވަން ޖެހޭ ޙާލަތުގައި، އެ އިންތިޚާބެއް ބާއްވަންވާނީ ރޯދަމަސް ނިމި، 10 ދުވަސް ފަހުން ކަމަށް ކަނޑައެޅުއްވުމުން ތިން ކައުންސިލެއްގެ ބައި އިލެކްޝަން ފަސް ވެފައިވާ ކަމަށެވެ.

އެގޮތުން މި މަހު 17ގައި ބޭއްވުމަށް ހަމަޖެހިފައިވާ ހއ. ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރު އަދި ނ. ވެލިދޫ ކައުންސިލްގެ މެންބަރު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނާއި މި މަހުގެ 30 ވަނަ ދުވަހު ބާއްވަން އިޢުލާން ކޮށްފައިވާ، މ. މަޑުއްވަރީ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން ވެސް ދެން އޮންނާނީ އަންނަ މަހުގެ 21ގައި ކަމަށް، އީސީން ވަނީ ބުނެފައެވެ.

ހަބީބް ވިދާޅުވީ މި ތިން ބައި-އިލެކްޝަންގެ ވޯޓުލުންވެސް ކުރިއަށްދާނީ ހެނދުނު 08:00ން ހަވީރު 04:00އަށް ކަމަށެވެ. އަދި ވޯޓު ގުނަން ފަށާނީ އެދުވަހުގެ ހަވީރު 4:30ގެ ފަހުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން އީސީގެ ރައީީސް ފުއާދު ތައުފީގު ވިދާޅުވީ އޭޕްރިލް 21ގައި އިންތިޚާބު ބާއްވަނީ، އެއީ ރޯދަމަސް ނިމިގެން 10 ދުވަސް ދިނުމަށް ފަހު ލިބޭ ފުރަތަމަ ދުވަސް ކަމަށްވާތީ ކަމަށެވެ.

އަދި އިތުރަށް ލަސްކޮށްފި ނަމަ، ގާނޫނުގައިވާ ގޮތަށް، މިހާރު އޮތް މަޖިލިސް އުވުމުގެ އެއް މަސް ދުވަސް ކުރިން އައު މަޖިލިސް ނުހޮވިދާނެތީ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު ރައީސް ވަނީ އީސީން އެދިފައިވާ ގޮތަށް، މަޖިލިސް އިންތިޚާބު އޮންނަ އާދީއްތަ ދުވަސް ސަރުކާރު ބަންދު ދުވަހަކަށް ހައްދަވާނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް