ނޫނޭޒް އެންމެ ފަހު ވަގުތު ޖަހައިދިން ލަނޑާއެކު ލިވަޕޫލްއިން ފޮރެސްޓް ބަލިކޮށްފި

ލިވަޕޫލް މޮޅުވި ލަނޑު ޖަހައިދިނުމަށްފަހު ނޫނޭޒް އުފާފާޅު ކުރަނީ / ފޮޓޯ: ޔޫރޯ ސްޕޯޓް

އިންގްލިޝް ޕްރިމިއާ ލީގުގެ ތާވަލްގެ އެއްވަނައިގައި އުޅޭ ލިވަޕޫލް އާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު ލިވަޕޫލްއިން ކާމިޔާބު ކޮށްފިއެވެ.

ފޮރެސްޓްގެ ދަނޑުގައި ކުޅުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލްއިންނެވެ. ނަމަވެސް ފޮރެސްޓްއިން މިމެޗުގައި ޑިފެންޑް ކުރަމުން ދިޔަ ގޮތް ވަރުގަދަ ކަމުން އެޓީމުގެ ޑިފެންސް ފޫއަޅުވާލުމުގައި ލިވަޕޫލަށް ގިނަ ދަތިތަކަކާ ކުރިމަތިވިއެވެ. އަދި ލިވަޕޫލްއިން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތު ލިބުނީ ފޮރެސްޓްއަށެވެ. މިގޮތުން އެންތަނީ އަލާންގާއަށް ލިބުނު ފުރުސަތު ފާހަގަ ކޮށްލެވުނެވެ. ލިވަޕޫލަށް ބަލައިލާއިރު އެޓީމުން އެންމެ ރަނގަޅު ފުރުސަތު ލިބުނީ ލުއިސް ޑިއާޒް އާއި އެންޑީ ރޮބަޓްސަން އަށެވެ.

މިމެޗުގެ ދެވަނަ ހާފުގައިވެސް ފެނުނީ ދާދި އެއްގޮތް ކުޅުމެކެވެ. މިގޮތުން ލިވަޕޫލުން ހަމަލާއަށް އިސްކަން ދީގެން ކުޅެމުންދިޔައިރު ފޮރެސްޓްއިން ބެލީ ޑިފެންޑްކޮށް، ލިބޭ ފުރުސަތުތަކުގައި ލިވަޕޫލްގެ ގޯލަށް ނުރައްކާ ކުރެވޭތޯއެވެ.

މިމެޗުގައި ލިވަޕޫލުން ކާމިޔާބު ކުރި ހަމައެކަނި ލަނޑު އެޓީމުން ކާމިޔާބު ކުރީ މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި އަށް މިނެޓްގެ ކުޅުން ހަމަވެ ނުވަ ވަނަ މިނެޓްގެ ކުޅުން ހިނގަމުން ދަނިކޮށެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ އެންމެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި އެލެކްސިސް މެކް އެލިސްޓާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑާވިން ނޫނޭޒްއެވެ.

އެ ލަނޑާއެކު ލިވަޕޫލްއިން އުފާފާޅު ކުރިއިރު މެޗު ނިންމާލުމާއެކު ފޮރެސްޓްއިން ރެފްރީ ވަށާލައި މައްސަލަ ޖައްސާފައެވެ. ފޮރެސްޓްއިން މައްސަލަ ޖެއްސީ އިތުރު ވަގުތުގެ އަށް ވަނަ މިނެޓުގައި ފޮރެސްޓްއިން އުފެއްދި ހަމަލާއެއްގައި ލިބުނު ކޯނަރެއް ލިވަޕޫލްއިން ދިފާއު ކުރިއިރު ބޯޅަ އަލުން ފޮރެސްޓްގެ ކުޅުންތެރިންގެ އަތުގައި އޮއްވާ ލިވަޕޫލްގެ ޑިފެންޑާ އިބްރާހިމާ ކޮނާޓޭގެ ބޮލަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުން ހުއްޓާލުމަށްފަހު އަލުން ކުޅުން ރެފްރީ ފަށާފައިވަނީ ލިވަޕޫލަށް ބޯޅަ ދީގެންކަމުންނެވެ. އެއާއެކު ލިވަޕޫލަށް އިތުރު ހަމަލާއެއް އުފެއްދުމުގެ ފުރުސަތު ލިބި އެފުރުސަތުގައި އެޓީމުން ލަނޑުވެސް ކާމިޔާބު ކޮށްފައިވުމުންނެވެ.

ފޮރެސްޓްގެ ކުޅުންތެރިންނާއި އޮފިޝަލުން ހިތްހަމަ ނުޖެހުން ފާޅުކުރުމުގެ ތެރޭގައި އެޓީމުގެ ކޯޗިން ސްޓާފެއްކަމުގައިވާ ސްޓީވް ރީޑްއަށް ވަނީ ރެފްރީ ރަތްކާޑުވެސް ދައްކާފައެވެ. ފޮރެސްޓްގެ ރެފްރީ އެނަލިސްޓްގެ މަގާމާ ދާދިފަހުން ހަވާލުވި ކުރީގެ ރެފްރީ މާކް ކްލެޓެންބާގް ބުނީ މިމެޗުގެ ރެފްރީ ޕޯލް ޓިއެނީއަށް ކަން ކުރެވިފައިވަނީ އެންމެ ރަނގަޅަށް ނޫންކަމަށާއި ކޮނާޓޭއަށް އަނިޔާވި ހާދިސާއަށްފަހު ބޯޅަ ދޭން ޖެހޭނީ ފޮރެސްޓްގެ ކުޅުންތެރިންނަށް ކަމަށެވެ.

މިކާމިޔާބީއާއެކު ލިވަޕޫލް މިހާރު އުޅެނީ ކުޅުނު 27 މެޗުން ލިބިފައިވާ 63 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑަކާއެކުއެވެ. އަދި މެޗުން ބަލިވުމާއެކު ފޮރެސްޓް އުޅެނީ 24 ޕޮއިންޓާއެކު ތާވަލްގެ 17 ވަނައިގައެވެ.

comment ކޮމެންޓް