އެސްޓަން ވިލާއިން ލޫޓަން ޓައުންގެ މައްޗަށް ކުރި ހޯދައިފި

ލޫޓަން ކޮޅަށް އެންމެ ފަހު ވަގުތު ލޫކަސް ޑީން ޖެހި ލަނޑަށް ފަހު އުފާފާޅު ކުރަނީ / ފޮޓޯ: ދި ޓެލެގްރާފް

އިންގްލިޝް ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އާއި ލޫޓަން ޓައުން ބައްދަލުކުރި މެޗު ވިލާއިން ކާމިޔާބުކޮށްފިއެވެ.

ލޫޓަންގެ ދަނޑުގައި ކުޅުނު މިމެޗު ވިލާއިން ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު ދެ ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ވިލާއިން ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ލޫޓަންއިންނެވެ.

އެ މެޗުގެ ފެށުން ރަނގަޅުވީ ވިލާގެއެވެ. މިގޮތުން ފުރަތަމަ ކަށިގަނޑާއެކު ވިލާއިން ލޫޓަންގެ ގޯލަށް ނުރައްކާ ކުރަން ފެށިއެވެ. އަދި މެޗުގެ 24 ވަނަ މިނެޓްގައިވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑުވެސް ވިލާއިން ނެގިއެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ އޮލި ވޮޓްކިންސްއެވެ. އަދި މެޗުގެ 38 ވަނަ މިނެޓުގައި ވޮޓްކިންސްވަނީ އިތުރު ލަނޑެއް ޖަހައި މެޗުގައި ވިލާގެ ލީޑު ފުޅާކޮށްދީފައެވެ.

އެ ލަނޑު އެންމެ ފުރަތަމަ އޮފް ސައިޑް ކަމަށް ދެއްކި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު މިލަނޑު ވަނީ ބަލައިގެންފައެވެ. މިމެޗުގައި ވޮޓްކިންސް ކާމިޔާބު ކުރި ދެ ލަނޑާއެކު މިސީޒަންގައި ޕްރިމިއާ ލީގުގައި އޭނާ ކާމިޔާބު ކުރި ލަނޑުގެ އަދަދު މިހާރު އުޅެނީ 16 ގައެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ލޫޓަންއަށް ހަމަލާއެއް އުފެއްދިފައިވަނީވެސް އިތުރު ވަގުތުގެ ތެރޭގައެވެ.

ފުރަތަމަ ހާފާ ޚިލާފަށް ދެވަނަ ހާފުގައި ލޫޓަން ފެނުނީ ވިލާއަށް ވުރެ ވަރުގަދަކޮށް މެޗުން ނަތީޖާއެއް ހޯދުމަށް މަސައްކަތް ކުރަމުންދިޔަ ތަނެވެ. ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 66 ވަނަ މިނެޓުގައި ޓަހިތު ޗޮން ލަނޑެއް ޖަހައި އެޓީމަށް އިތުރު ހިތްވަރުދީ ދެޓީމުގެ ދެމެދުގައިވާ ފަރަގު ކުޑަކުރުމެވެ. އަދި އޭގެ އަށް މިނެޓުފަހުން ކާލްޓަން މޮރިސް ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ލޫޓަންއަށް ހަމަހަމަ ކޮށްދީފައެވެ.

އެ ސީޒަންގައި ގިނަ މެޗުތަކުގައި ރަނގަޅު ކުޅުމެއް ދައްކާކަން ފާހަގަ ކުރެވިފައިވާ ލޫޓަންގެ މިކުޅުމާއެކު މިމެޗުން ނަތީޖާއެއް ނެރެވިދާނެ ކަމަށް ކުރަމުންދިޔަ އުންމީދު އާވިއެވެ. އެގޮތުން މޮރިސްއަށް އެޓީމު މޮޅު ކޮށްދޭނެ ފުރުސަތުވެސް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ވިލާގެ ކީޕާ އެމިލިއާނޯ ނާޓިނޭޒް އަށެވެ.

ނަތީޖާއަކަށްވީ މެޗު ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ވިލާއިން ލިބުނު ފުރުސަތުގައި އެޓީމުން އަނެއްކާ ވެސް މެޗުގެ ލީޑު ނަގައި މެޗު ކާމިޔާބު ކުރުމެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ލޫކަސް ޑީން އެވެ.

މިކާމިޔާބީއާއެކު ވިލާ މިހާރު އުޅެނީ ކުޅުނު 27 މެޗުން ލިބިފައިވާ 55 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ. އަދި ލޫޓަން އުޅެނީ 20 ޕޮއިންޓާއެކު ތާވަލްގެ 18 ވަނައިގައެވެ.

comment ކޮމެންޓް