އުނގުލު ހޯދައިދީ، އާބަން ސެންޓަރެއް ގޮތުގައި އުނގޫފާރު ތަރައްގީކޮށްދޭނަން: ރައީސް

ރައީސް މުއިއްޒު އުނގޫފާރުގައި: އެ މަނިކުފާނު ވިދާޅުވީ އުނގޫފާރަށްވީ ވައުދުތައް ވެސް ފުއްދައިދެއްވާނެ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ ހަތް ސަރަހައްދެއްގައި ތަރައްގީކުރާ އާބަން ސެންޓަރުތަކުގެ ތެރެއިން ސެންޓަރެއްގެ ގޮތުގައި ރ. އުނގޫފާރު ތަރައްގީކޮށްދެއްވައި، އެ ރަށު ރައްޔިތުން އެދުނު ފަދައިން އެ އަތޮޅު އުނގުލު އުނގޫފާރަށް ހޯދައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އަތޮޅު ތެރެއަށް އެ މަނިކުފާނު ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ވަނީ އުނގޫފާރަށް ވަޑައިގެންފައެވެ.

އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި އެ ރަށު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވަނީ ރަށަށް ދަތިވެފައި ހުރި ގިނަ ކަންތައްތަކެއް ރައީސާ ހިއްސާކުރައްވައިފައެވެ. އެގޮތުން، ސިނާއީ މަސައްކަތްކުރަން ފަޅު ރަށެއް ހަމަޖައްސައިދެއްވުމާއި ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދައިދެއްވުމުގެ އިތުރުން، އެ ރަށު ސްކޫލަށް ދިމައިވެފައިވާ ޖާގައިގެ ދަތިކަން ފާހަގަކުރެއްވިއެވެ.

އެ ކަންކަމަށް އީޖާބީ ގޮތެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ އެ ހުރިހާ ކަމެއް ވެސް ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން އަރުވައިފައެވެ.

ރައީސް މުއިއްޒު، އުނގޫފާރު ކައުންސިލާ ބައްދަލުކުރައްވަނީ: އެ މަނިކުފާނު ވަނީ އުނގޫފާރުގެ ތަރައްގީއަށް ބޭނުންވާ ކަންތައްތައް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައި -- ފޮޓޯ/ ރައީސް އޮފީސް

"އަޅުގަނޑު މިއަދު ވެސް ތަކުރާރުކޮށްލާނީ ޖުމުލަ ގޮތެއްގައި އެ ހުރިހާ ވައުދެއް، އެއީ އަޅުގަނޑު ފުއްދަންވެގެން ފުއްދައިދޭން ބޭނުންވެގެންވީ ވައުދުތަކެއްކަމުގެ ޔަގީންކަން. އިރާދަކުރެއްވިއްޔާމުން މި ރަށުގެ ތަރައްގީއަށްޓަކައި އަޅުގަނޑު ކުރާނެ ކަމަށް ދެންނެވި ހުރިހާ ކަމެއް ކުރާނެކަމުގެ ޔަގީންކަން މިއަދު ވެސް އަރުވަން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވަނީ އުނގޫފާރު ސްކޫލަށް ދިމައިވެފައި އޮތް ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ވެސް އަރުވައިފައެވެ. އެގޮތުން، އެ މައްސަލަ ހައްލުކޮށްދެއްވައި، އަންނަ އަހަރުގެ ބަޖެޓުގައި އިތުރު 16 ކްލާސްރޫމުގެ މަސައްކަތްކުރަން ބޭނުންވާ ފައިސާ ހިމަނުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެއް ދަންފަޅިއަށް [ސްކޫލު] ބަދަލުކުރުމަށްޓަކައި ކޮށްދޭންވާ ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ ކޮށްދޭނަން،" އެ މަނިކުފާނު ޔަގީންކަން ދެއްވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ރ. އުނގުލު އެއްވެސް ބަޔަކަށް ދީފައިވޭތޯ އަދި އެ ރަށާ ގުޅޭ އެއްވެސް މައްސަލައެއް ކޯޓުގައި ކުރިއަށް ދޭތޯ ވެސް ބެލުމަށް ފަހުގައި އެ ރަށް އުނގޫފާރު ކައުންސިލާ ހަވާލުކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އެގޮތުން، މިއަދު އެ ރަށު ކައުންސިލާ ބައްދަލުކުރެއްވުމަށް ފަހުގައި، އެ ރަށް ހަވާލުކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު އުނގޫފާރުގައި: ވިދާޅުވީ އުނގޫފާރު ތަރައްގީކޮށްދެއްވާނީ އާބަން ސެންޓަރެއްގެ ގޮތުގައި ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

"މި ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް އެ ރަށް [އުނގުލު] މި ރަށުގެ ރައްޔިތުންނާ ހަވާލުކޮށްދޭނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

އުނގުލު، އުނގޫފާރާ ހަވާލުކޮށްދެއްވަން ރަށު ކައުންސިލްގެ ރައީސް ވެސް ވަނީ އެދިލައްވައިފައެވެ.

"ރާއްޖޭގައި ހަތް އާބަން ސެންޓަރެއް ތަރައްގީކުރާނަމޭ [ވިދާޅުވިން]. އޭގެ ތެރެއިން އެއް ރަށް މި ރަށަކީ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، އުނގޫފާރަކީ ބޭސްފަރުވާއާއި އެހެނިހެން ކަންކަމުގައި ވެސް ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ޒިޔާރަތްކުރާ ރަށަކަށްވުމުން، އެ ރަށް ތަރައްގީކުރަން ބޭނުންވާ ކަންކަން ފަހިކޮށްދެއްވާނެ ކަމަށެވެ.

އަތޮޅު ތެރެއަށް ރައީސް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިހާރު އަންނަނީ ރ. އަތޮޅުގެ ރަށްރަށަށް ޒިޔާރަތްކުރައްވަމުންނެވެ. އިއްޔެ، އެ އަތޮޅު މީދޫއާއި އަލިފުއްޓަށް ވަޑައިގެންއިރު، މިއަދު އުނގޫފާރުގެ އިތުރުން އިނގުރައިދުއަށް ވަޑައިގަންނަވަން ވަނީ ހަމަޖެހިފައެވެ.

ރައީސްގެ އަރިހުގައި މި ދަތުރުފުޅުގައި ސަރުކާރުގެ ބައެއް އިސްވެރިންނާއި މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވައެވެ.

comment ކޮމެންޓް