ޕްރިޔަންކާއަށް އިތުރު ހޮލީވުޑް ޕްރޮޖެކްޓެއް

ބަތަލާ ޕްރިޔަންކާ ޗޯޕްރާ-- ފޮޓޯ/ ފޭސްބުކް

ބޮލީވުޑްގައި ކާމިޔާބު ފިލްމީ ކެރިއަރެއް ބިނާކުރުމަށްފަހު އެމެރިކާއަށް ދިރިއުޅުން ބަދަލުކޮށްފައިވާ ބަތަލާ ޕްރިޔަންކާއަށް ހޮލީވުޑްގެ ބޮޑު ޕްރޮޖެކްޓަކަށް ސޮއިކޮށްފައިވާކަން ކަށަވަރުކޮށްފިއެވެ.

ޕްރިޔަންކާ ސޮއިކޮށްފައި ވަނީ މިދިޔަ އަހަރު އެމޭޒަން ޕްރައިމްއިން ގެނެސްދިން ބަތަލާގެ ވެބް ސީރީސް "ސިޓަޑެލް"ގެ މޭސްތިރިން ކަމަށްވާ ޖޯ އާއި އެންތަނީ ޕްރޮޑިއުސްކުރާ ފިލްމަކަށެވެ.

"ދަ ބްލަފް"ގެ ނަމުން ނަންދެވިފައިވާ މި ފިލްމަކީ، މިދިޔަ މަހު ނެޓްފްލިކްސްއިން ރިލީޒްކުރި ބޮބް މާލީގެ ބައޮގްރަފިކަލް ޑްރާމާ "ބޮބް މާލީ: ވަން ލަވް"ގެ ސްކްރީން ލިޔުންތެރިޔާ ފްރޭންކް އީ ފްލާވާސް ޑައިރެކްޓްކުރާ ފިލްމެކެވެ. ފިލްމަށް ސޮއިކުރިކަން އިއުލާނުކޮށް ޕްރިޔަންކާ ކުރި އިންސްޓަގްރާމް ޕޯސްޓުގައި ބުނެފައިވާ ގޮތުގައި "ދަ ބްލަފް"ގެ ވާހަކަ ބިނާކޮށްފައިވަނީ ކަނޑުފޭރޭ މީހުންނާ ގުޅުންހުރި ހާދިސާތަކެއްގެ މައްޗަށެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ޑެޑްލައިން އިން ބުނެފައި ވަނީ "ދަ ބްލަފް"ގައި ޕްރިޔަންކާ އަންހެން ކަނޑުފޭރޭ މީހެއްގެ ރޯލުން ފެންނާނެ މި ފިލްމުގައި އޭނާގެ އާއިލާގެ މާޒީގެ ގިނަ ސިއްރުތަކެއް ފަޅާއަރުވާލާނެއެވެ.

ޕްރިޔަންކާ ޗޯޕްރާ ފިރިމީހާ ނިކް ޖޯނަސްއާ އެކު-- ފޮޓޯ/ޕީޕަލްމެގަޒިން
އޮސްޓްރޭލިއާގެ ހިތްގައިމު ސަރަޙައްދުތަކުގައި ޝޫޓްކުރަން ނިންމާފައިވާ މި ފިލްމުން ޕްރިޔާންކާއާ އެކު މަޝްހޫރު ޓެލެވިޒަން ސީރީސް "ދަ ބޯއީސް"ގެ އެކްޓަރު ކާލް އާބަން މުހިއްމު ރޯލުން ފެންނާނެއެވެ.

ޕްރިޔަންކާ ކުޅެފައިވާ ހޮލީވުޑްގެ މަގުބޫލު ފިލްމުތަކުގެ ތެރޭ "ވީ ކޭން ބީ ހީރޯސް"، "ބޭ ވޮޗް" އަދި މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ލަވް އަގެއިން" ފަދަ ފިލްމުތައް ހިމެނެއެވެ. ޕްރިޔަންކާ ދެން އެންމެ އަވަހަށް ފެންނާނެ ހޮލީވުޑް ފިލްމަކީ، އިޑްރިސް އެލްބާ އަދި ޖޯން ސޭނާ މުހިއްމު ރޯލް ކުޅޭ ފިލްމު "ހެޑް އޮފް ސްޓޭޓް"އިންނެވެ.

comment ކޮމެންޓް