ކާތިކް އެއް އަހަރު ވަންދެން ފޮނި އެއްޗެއް ނުކައި

ފިލްމީ ތަރި ކާތިކް އާރްޔަން-- ފޮޓޯ/ ޓެލެގްރާފްއިންޑިއާ

ބޮލީވުޑްގެ އެކްޓަރު ކާތިކް އާރްޔަން މީގެ މަހެއްހާ ދުވަސް ކުރިން މަސައްކަތް ނިންމާލީ ފިލްމު "ޗަންދޫ ޗެމްޕިއަން"ގެ މަސައްކަތް ފެށުމަށްފަހު އެއް އަހަރު ދުވަސް ވަންދެން އެކްޓަރު ހުރީ ފޮނި ކާތަކެއްޗާ ހަކުރު އެކުލެވޭ ކާ ތަކެއްޗާ ދުރުހެލިވެގެން ކަމަށް ބުނެފިއެވެ.

ކަބީރު ޚާން ޑައިރެކްޓް ކުރި މި ފިލްމަކީ ކުޅިވަރާ ގުޅުންހުރި ފިލްމަކަށްވުމުން ކާތިކްގެ ގިނަ ވަގުތު އޭނާ ހޭދަކުރީ ޓްރެއިނަރާ އެކު ކަސްރަތު ކްލާސްތަކާއި ޖިމްގައި ކަމަށް ކާތިކް ވަނީ ބުނެފައެވެ.

ކުޅިވަރާ ގުޅޭގޮތުން ތައްޔާރުކުރާ ބައޮޕިކް "ޗަންދޫ ޗެމްޕިއަން"ގެ މަސައްކަތް ނިންމާލުމަށް ފަހުވެސް ކާތިކް ޖިމް ސެޝަންތަކަށް ގަވާއިދުން ހާޒިރުވާ ކަމަށް ކާތިކްގެ ފިޓްނަސް ކޯޗު ޓްރިދޭވް ޕާންޑޭ ވަނީ ބުނެފައެވެ. ކާތިކްގެ ފިޓްނަސް ކޯޗު ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ބުނެފައިވަނީ ބައެއް ފިލްމީ ތަރިންނަކީ ހާސިލުކުރަން ބޭނުންވާ ވަކި ލަނޑުދަނޑިއެއް ހާސިލުވުމުން ކަސްރަތު ކުރުމަށް މާ ބޮޑު ސަމާލުކަން ނުދޭ ތަރިން ކަމަށެވެ. އެހެންނަމަވެސް ކޯޗެއްގެ ހައިސިއްޔަތުން ކާތިކާ މެދު ފަޚުރުވެރިވާ ކަމަށް ޓްރިދޭވް ޕާންޑޭ ވަނީ ބުނެފައެވެ.

ކާތިކް އާރްޔަން ޑައިރެކްޓަރު ކަބީރު ޚާންއާ އެކު--ފޮޓޯ/ ދަ ހިންދޫ ނިވްސް
މި އަހަރުގެ ޖޫން މަހުގެ 14ވަނަ ދުވަހު ސިނަމާތަކަށް އަންނާނެ ފިލްމު "ޗަންދޫ ޗެމްޕިއަން"ގެ މަސައްކަތް ނިންމާލިކަން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ކާތިކް ބުނެފައިވަނީ އެއް އަހަރުގެ މުއްދަތަށް ފޮނި ކާ އެއްޗެއްސާ ދުރުގައި ހުރުމަށްފަހު އޭނާ ފޮނި އެއްޗެއް ކެއީ އެ ދުވަހު ކަމަށެވެ.

ބަތަލާ ކިއާރާ އަދްވާނީއާ އެކު މިދިޔަ އަހަރު ފިލްމު "ސަތިޔަޕްރޭމް ކީ ކަތާ"އިން އެންމެ ފަހުން ފެނުނު އެކްޓަރު ވަނީ ކެރިއަރުގެ ކާމިޔާބު ފިލްމު "ބޫލް ބުލައްޔާ3"ގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަން އިއުލާނުކޮށްފައެވެ. މި ފިލްމުން ކާތިކްއާ އެކު ބަތަލާގެ ރޯލުން ފެންނާނީ ޒުވާން ފިލްމީ ތަރި ތުރިޕްތީ ދިމްރީއެވެ.

comment ކޮމެންޓް