ޒުވާނުންނަށް އަމާޒު ކޮށްގެން، އެއް ލައްކަ ރުފިޔާގެ އިނާމު ލިބޭ ހެކަތަންއެއް ފަށައިފި

ޒުވާނުންނަށް އަމާޒު ކޮށްގެން، އެއް ލައްކަ ރުފިޔާގެ އިނާމު ލިބޭ ހެކަތަންއެއް ފެށުން -- ފޮޓޯ/ މޯލްޑިވްސް ޔޫތު ހެކަތަން

ޒުވާނުންނަށް އަމާޒު ކޮށްގެން, މޮޅުވާ ޓީމަކަށް އެއް ލައްކަ ރުފިޔާގެ އިނާމު ލިބޭ ހެކަތަންއެއް މިއަދު ފަށައިފިއެވެ.

އެ ހެކަތަން ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ. އެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދާއި އުރީދޫގެ އިސްވެރިން ވެސް ވަނި ބައިވެރިވެވަޑައިގަތެވެ.

މި އަހަރުގެ ޔޫތު ހެކަތަންގައި ހުރި ޗެލެންޖުތަކަކީ:

  • އިނޮވޭޓިވް މާކެޓް ޕްލޭސް ޗެލެންޖް
  • ނަފްސާނީ ސިއްހަތުގެ އިނޮވޭޝަން ޗެލެންޖް
  • ކްރިއޭޓަ އިކޮނޮމީ ޗެލެންޖް

މި ހެކަތަންއަކީ ފަންނިއްޔަތުގައި އަންހެނުންގެ ދައުރު ފުޅާ ކުރުމުގެެ ގޮތުންނާއި ކޯޑިންގެ ދާއިރާއިން ކުރިއަށް ދިއުމުގައި ދިވެހި ޒުވާނުން ބޭނުންވާ ހުނަރު ތަރައްގީކޮށްދީ ކުރިއެރުވުމަށް، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ހަފުތާ 14ގައި ހިމަނާފައިވާ ހަރަކާތެކެވެ.

ޒުވާނުންނަށް އަމާޒު ކޮށްގެން، އެއް ލައްކަ ރުފިޔާގެ އިނާމު ލިބޭ ހެކަތަން ފެށުން: ޔޫތު މިނިސްޓަރު އެ ހެކަތަން ސިފަކުރެއްވީ މުސްތަގުބަލަށް ހެޔޮ ފާލެއްގެ ގޮތުގައި -- ފޮޓޯ/ މޯލްޑިވްސް ޔޫތު ހެކަތަން

އެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު ވިދާޅުވީ މި އަހަރުގެ ހެކަތަންގައި ހިމެނޭ ޗެލެންޖުތަކުގެ ތެރެއިން ނަފްސާނީ ސިއްހަތުގެ އިނޮވޭޝަން ޗެލެންޖަކީ، ވަރަށް ބޮޑަށް ހައްލު ބޭނުންވެފައިވާ ދާއިރާއަކާ ގުޅިފައިވާ ޗެލެންޖެއް ކަމަށެވެ.

އޭނާ ވިދާޅުވީ ދިވެހި ޒުވާނުންނަކީ ވިޔަފާރިއާއި އީޖާދީ މަސައްކަތްތަކަށް ފޯރި ހުންނަ ބައެއް ކަމަށާއި ދިވެހި ޒުވާނުންގެ އިންސައްތަ ދުވަހެއް ދުވަހަކަށް ރާއްޖޭގައި އިތުރުވަމުން އަންނަ ކަމަށެވެ.

"މިއަދު މިތަނުގައި 10 ޓީމެއް ހަރަކާތްތެރި އެބަވޭ. 42 ޒުވާނުން މި ޓީމުތަކުގައި އެކި ގޮތްގޮތުން ބައިވެރިވަމުން ދާއިރު، 29 ފިރިހެން ކުދިންނާއި 13 އަންހެން ބައިވެރިން ޝައުގުވެރިކަމާއެކު މި މަސައްކަތުގައި ބައިވެރިވާކަމީ އަޅުގަނޑުމެންގެ މުސްތަގުބަލަށް ހެޔޮ ފާލެއް ކަމުގައި އަޅުގަނޑު ވަރަށް ބޮޑަށް ގަބޫލު ކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

ޒުވާނުންނަށް އަމާޒު ކޮށްގެން، އެއް ލައްކަ ރުފިޔާގެ އިނާމު ލިބޭ ހެކަތަން ފެށުން: ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މިދާއިރާއިން ރާއްޖޭގެ ހުނަރު މުޅި ދުނިޔެއަށް ދައްކަން ޖެހޭ ކަމަށް -- ފޮޓޯ/ މޯލްޑިވްސް ޔޫތު ހެކަތަން

އެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިހުސާން ވިދާޅުވީ ރައީސް ބޭނުންފުޅުވަނީ މި ދާއިރާއިން ރާއްޖޭގެ ހުނަރު މުޅި ދުނިޔެއަށް ދައްކަން ކަމަށެވެ.

"އަޅުގަނޑުމެންގެ ޓެލެންޓްސް، އަލުގަނޑުމެންގެ ޒުވާނުންގެ ގާބިލުކަން މުޅި ދުނިޔެއަށް ހުޅުވާލުން. އެހެންވީމަ ތިބޭފުޅުންގެ އޭރިއާސް އޮފް ފޯކަސް އަކީ އަންލިމިޓެޑް،" މިނިސްޓަރު ވިދާޅުވިއެވެ.

ދެ ދުވަހަށް ކުރިއަށްގެންދާ މި ހެކަތަންއިން މޮޅުވާ ޓީމެއް އިއުލާން ކުރާނީ މާދަމާ ރޭގައެވެ.

comment ކޮމެންޓް