އިޓާލިއަން ސެރީއާގައި އޭސީ މިލާން އާއި ލާޒިއޯ ބައްދަލުކުރި މެޗުގައި ތިން ރަތް ކާޑާއި 10 ރީނދޫ ކާޑު ދައްކައިފިއެވެ.
ލާޒިއޯގެ ދަނޑުގައި ކުޅުނު އެ މެޗު ކާމިޔާބު ކުރީ މިލާންއިންނެވެ. އެއީ އެއް ލަނޑު ސުން ލަނޑުންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ މިލާންއިންނެވެ. ނަމަވެސް މިމެޗުގައި ދެ ޓީމުގެ ފަރާތުން ފެނުނު މޮޅު ކުޅުމަށްވުރެ ބޮޑަށް ފާހަގަވީ ދެޓީމުގެ ފަރާތުން ފެނުނު ގިނަ ފައުލްތަކެވެ.
އެގޮތުން އެ މެޗުގައިވަނީ ތިން ރަތް ކާޑުގެ އިތުރުން 10 ރީނދޫ ކާޑު ފެނިފައިވާއިރު ތިން ރަތް ކާޑު ވެސް ދައްކާފައި ވަނީ ލާޒިއޯއަށެވެ. މިއީ ފަހަކަށް އައިސް ސެރީއާގައި ފެނުނު އެންމެ ހަމަނުޖެހުން ބޮޑު އެއް މެޗެވެ.
އެ މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ.
އެ މެޗުގެ ދެވަނަ ހާފުގައި އެންމެ ފުރަތަމަ ފެނުނީ، މެޗުގެ 57 ވަނަ މިނެޓްގައި ދެވަނަ ރީނދޫ ކާޑާއެކު ލާޒިއޯގެ ލޫކާ ޕެލެގްރީނީއަށް ރަތްކާޑު ދައްކައި ފޮނުވާލި މަންޒަރެވެ.
އެ މެޗުގައި މިލާންއިން ކާމިޔަބު ކުރި ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ މެޗުގެ 88 ވަނަ މިނެޓުގައި ނޯއާ އޮކާފޯއެވެ.
މެޗުގެ އިތުރު ވަގުތުގެ ހަތަރު ވަނަ މިނެޓްގައި ލާޒިއޯގެ އެޑަމް މަރުސިޗްއަށް ސީދާ ރަތްކާޑު ދައްކާފައިވަނީ ރެފްރީގެ ނިންމުމަކާ މެދު ހިތްހަމަ ނުޖެހުން ފާޅުކުރުމާ ގުޅިގެންނެވެ. އަދި ލާޒިއޯގެ މަޓިއޯ ގަންޑޫޒީއަށް ސީދާ ރަތްކާޑު އިތުރު ވަގުތުގެ ހަ ވަނަ މިނެޓްގައި ދައްކާފައިވަނީ މިލާންގެ ކްރިސްޓިއަން ޕުލިސިޗް ކުރި ފައުލަކާ ގުޅިގެން ހިތްހަމަ ނުޖެހިގެން އޭނާ ކޮށްޕާލުމުންނެވެ.
މިކާމިޔާބީއާއެކު މިލާން މިހާރު އުޅެނީ ކުޅުނު 27 މެޗުން ލިބިފައިވާ 56 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ. އަދި ލަޒިއޯ އުޅެނީ 40 ޕޮއިންޓާއެކު ތާވަލްގެ ނުވަ ވަނައިގައެވެ.